ރާއްޖޭގައި ފަރުޟު ނަމާދުގެ ޖަމާޢަތް ހެދުމުގައި ގައިދުރުކުރަންޖެހޭ ފަދަ ޟަރޫރަތެއް ނެތް ކަމަށް ޑރ. މުޙައްމަދު އިޔާޒް ވިދާޅުވުމުން މީސްމީޑިއާގައި ގިނަ ބަޔަކު ޑރ. އިޔާޒާ ދެކޮޅަށް ތެދުވެ ވަރުގަދަ ބަހުގެ ހަމަލާ ތަކެއް ބަދަލުކޮށްފިއެވެ.

އިއްޔެ "ރަސް އޮންލައިން" އިން ޑރ. އިޔާޒަށް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ހަމައެކަނި ނަމާދުގައި ގައިދުރުކަން ބެހެއްޓުމުން ފުދޭނެ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށެވެ. މީގެއިތުރުން ނަމާދު ކުރާއިރު ކައިރި ކައިރީގައި ފަޔާއިފައި އަދި ކޮނޑާއި ކޮނޑު ޖައްސައިގެން ތިބުމަށް ކީރިތި މާތް ރަސޫލާ (‎صَلَّى اللّٰهُ عَلَيْهِ وَسَلَّمَ) އަމުރު ކުރަށްވާފައިވާކަމަށް ވެސް ޑރ. އިޔާޒު ވިދާޅުވިއެވެ.

"ރަސޫލުﷲ ގެ ފާނުގެ އަމުރުފުޅާ ޚިލާފު ވެވޭނީ ޟަރޫރަތެއް އޮވެގެން. އެފަދަ ޟަރޫރަތެއް ނެތް." ޑރ. ޢިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒުގެ މިވާހަކައާ ގުޅިގެން ޓްވިޓާގައި ގިނަ ބަޔަކު ވަނީ ފާޑުކިޔައި އިޔާޒަށް ރައްދު ދީފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ މައްކާގެ ހަރަމްފުޅުގައި ގައިދުރުކޮށްގެން ނަމާދުކުރާ ފޮޓޯތަކާއި ގައިދުރު ކުރުމަށް ސިއްޙީ މާހިރުން ލަފާ ދީފައިވާ ބައެއް ލިއުންތަކުގެ ލިންކް ވެސް ހިއްސާ ކޮށްފައެވެ.

ޑރ. ޒައިދުގެ މިވާހަކަތަކާ ދެކޮޅު ހައްދަވާ ރައްދު ދެއްވާފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ބޮޑު ޒުވާބެއް އުފެދި ބަހުގެ ހަމަލާ ބަދަލު ކުރެވިފައިވާ ބްރިގޭޑިއާ ރިޓަޔަރޑް އިބްރާހީމް މުހައްމަދު ދީދީ ވަނީ، "ސައުދީގައި ޟަރޫރަތު ހާލަތެއް އޮވެފައި ރާއްޖޭގައި ނެތް ކަމަށް ތިޔަ ނިންމަވަނީ ކިހިނެއް ބަލާފައިތޯ" އޭ ވިދާޅުވެ ޑރ. ޒައިދާ ސުވާލުވެސް ކުރަށްވާފައެވެ.

"މެޑިކަލް، ސަލާމަތީ ކަންކަމަކީ ކޮމްޕްރަމައިޒް ކުރެވޭނެ ކަންކަމެއް ނޫންކަމަށް އެނގިފައި އޮތީ. މީނާވެސް އެބަޖެހޭ ވަކި އިންތަކެއް ފަހަނައަޅާ ނުދާން." ދީދީ އިޔާޒަށް ރައްދު ދެއްވަމުން ވިދާޅުވެފައި ވެއެވެ.

އެބޭފުޅުންނަށް އެއްވެސް ވަރަކަށް ދޫ ނުދެއްވައި ޑރ. އިޔާޒު ވެސް ވަނީ އޭނާ ވިދާޅުވި ބަސް ދިފާޢު ކުރަށްވައި ހުއްޖަތް ދައްކަވާފައެވެ. އެގޮތުން އެއް ޓްވީޓެއްގައި ޑރ. އިޔާޒު ވިދާޅުވީ ނަމާދުގައި ސަފު ހެދުމަށް ރަސޫލާ ﷺ އަންގަވާފައިވާ ގޮތް ނޫން ގޮތެއް ހަދަން ޖެހޭފަދަ ޟަރޫރަތެއް ސާބިތު ކޮށްދޭން ޖެހޭނެ ކަމަށެވެ.

"ނަމާދަކީ ކުޅިވަރެއް ނޫން. ނަމާދަކީ އަޅުކަމެއް. އެންގެވި ގޮތަށް ކުރަންޖެހޭ ކަމެއް. އޭގެތެރެއަށް އަމިއްލަ ގޮތްތަކެއް ނުވެއްދޭނެ." ޑރ. އިޔާޒު ވިދާޅުވެފައި ވެއެވެ.



މިމައްސަލައިގައި ޑރ. އިޔާޒަށް ރަށްދޫދީފައިވާ ގިނަ މީހުން ގައިދުރުކޮށް ނަމާދުކުރަން ޖެހޭ ކަމުގެ ހުއްޖަތަކަށް ދައްކަނީ މައްކާގެ މާތްވެގެންވާ ހަރަމްފުޅުގައި، ގެފުޅުޅު ކައިރީގައި މީހުން ގައިދުރުކޮށްގެން ނަމާދު ކުރަމުންދާ ދިއުމެވެ.

މިމައުޟޫގައި ޑރ. އިޔާޒާ ދެކޮޅަށް ބަހުސް ކުރަށްވާފައިވާ އެސްޓީއޯގެ ކުރީގެ ޗެއާމަން ހިޔަލީ މުޙައްމަދު ރަޝީދު ވިދާޅުވީ އިޔާޒު އެގޮތަށް އެވިދާޅުވަނީ "ޕޮޒިޓިވް ކޭސްތައް ދުވާލެއްގެ މައްޗަށް ހާހަކަށްވެސް ނާރާތީ" ކަމަށް ވެދާނެ ކަމަށެވެ. އަދި އޭނާވެސް މިސްކިތުގައި ގައިދުރުކަން ނުގެންގުޅޭތީ ހުކުރު ނަމާދުގެ ޖަމާއަތަށް ފިޔަވައި މިސްކިތަށް ނަމާދަށް ވަޑައި ނުގަންނަވާ ކަމަށާއި އެއީ ހާލަތަށް ވިސްނަވާފައި އަމިއްލައަށް ނިންމެވި ނިންމެވުމެއް ކަމުގައި ވިދާޅުވެފައި ވެއެވެ.

"މިސްކިތުގައި ކުރަންޖެހޭ ކަންތަކަށް ބަދަލު ގެނެވޭނީ ޟަރޫރީ ހާލަތުގައި އެކަނި. އެފަދަ ޟަރޫރަތެއް ސާބިތުކޮށްދޭށޭ އަޅުގަނޑު މިދަންނަވަނީ. ކޮވިޑް ފެތުރެނީ ހަމައެކަނި މިސްކިތުންތޯ؟ މިހާތަނަށް މިސްކިތުން ބަލި ޖެހިފަވަނީ ކިތައް ޕަސެންޓް މީހުންނަށްތޯ؟" ޑރ. އިޔާޒު ވިދާޅުވެފައިވެއެވެ.

ޑރ. އިޔާޒާ ދީދީގެ މި ޒުވާބުގަނޑު ހޫނުވެ ވަކި ހިސާބަކުން ޒާތީ ބަހުގެ ހަމަލާތައް ވެސް ދެބޭފުޅުން ބަދަލުކުރަށްވާފައިވެއެވެ. އެގޮތުން ބްރިގޭޑިއާގެ އެއް ޓްވީޓެއްގައި "ތިޔައީ އިސްލާމިކް މިނިސްޓަރތޯ ވެސް ސުވާލު ކުރަށްވާފައި ވެއެވެ.

"މިރާއްޖޭގައި ވެރިކަމެއް އެބައޮތް އިނގޭތޯ؟ ވެރިކަމުގެ މައްޗަށް ލާޒިމުވޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރަން." ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ބްރިގޭޑިއާ ދީދީ ވިދާޅުވެފައި ވެއެވެ.

އިއްޔެގެ ހުކުރު ޚުޠުބާގައި ޖަމާއަތަށް ހާޒިރުވާއިރު މާސްކް އެޅުމަށާއި ގެއިން މުސައްލަ ހިފައިގެން އައުމަށް ނަސޭހަތްތެރިވި އިރު ޖަމާއަތުގައި ގައިދުރުކޮށްގެން ނަމާދު ކުރަަން ނަސޭހަތްތެރިވެފައި ނުވާތީ ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން