ސަފީރު އުމަރު އަބްދުއްރައްޒާޤާއި ލަންކާގެ ޕަބްލިކް ސޭފްޓީ މިނިސްޓަރ ސަރަތު ވީރަސޭކަރަ
ސަފީރު އުމަރު އަބްދުއްރައްޒާޤާއި ލަންކާގެ ޕަބްލިކް ސޭފްޓީ މިނިސްޓަރ ސަރަތު ވީރަސޭކަރަ
އަވައްޓެރި ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާޤު އެގައުމުގެ ޕަބްލިކް ސޭފްޓީ މިނިސްޓަރ ސަރަތު ވީރަސޭކަރާއި މިއަދު ބައްދަލު ކުރައްވައި މަޝްވަރާ ކުރަށްވައިފިއެވެ.

ޕަބްލިކް ސޭފްޓީ މިނިސްޓްރީގައި ބޭއްވި މިބައްދަލުވުމުގައި، މުޅި ދުނިޔެއަށް މިހާރު ކުރިމަތި ވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއާއި ލަންކާއަށްވެސް ކުރަމުންދާ އަސަރުތަކާބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މީގެއިތުރުން ކޮވިޑާއި ގުޅިގެން ލަންކާގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. އެގޮތުން މިވަގުތު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޚާއްޞަކޮށް ސްރީލަންކާގައި ދިރިއުޅެމުން އަންނަ ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާބެހޭ ގޮތުން ސަފީރު ވަނީ މިބައްދަލުކޮށްލެއްވުމުގައި ވާހަކަ ދައްކަވާފައެވެ.

ދެބޭފުޅުންގެ މިބައްދަލުވުމުގައި އެކިކަންކަމުގައި ސްރީލަންކާއިން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ސަފީރު އުމަރު ވަނީ ފާހަގަ ކުރައްވާފައެވެ. ޚާއްސަގޮތެއްގައި ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ލަންކާއިން ރާއްޖެއާ ދޭތެރޭގައި ބަހައްޓާ ގާތްކަމާއި، ދެމުން އަންނަ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ދިވެހި ރާއްޖެއާއި ސްރީލަންކާއަކީ ޒަމާނުއްސުރެ ވަރަށް ގާތް ރަޙްމަތްތެރި، އަޚުވަންތަ ގުޅުމެއް އޮންނަ ދެ ގައުމެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައިވެސް ދެގައުމުގެ މެދުގައި އޮންނަ މި އަޚުވަންތަ ގުޅުން ކުރިއަށް އޮތްތާނގައިވެސް އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުންވެސް ލަންކާގެ ޕަބްލިކް ސޭފްޓީ ވަޒީރާއި ރާއްޖޭގެ ސަފީރު ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ތަފާތު ބޭނުންތަކުގައި ދަތުރުކޮށް އަދި ގިނަ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެކެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ދަތުރުފަތުރު ކުރުމާއި އެނޫންވެސް ކަންކަމުގައި ހުރި ގޮންޖެހުން ތަކުގެ ސަބަބުން މިދުވަސްވަރު ލަންކާއަށް ދަތުރުފަތުރު ކުރުން ވަނީ އުދަނގޫ ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން