މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ
މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ
މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް ހަމަހަމަ ފުރުސަތު ދިނުމަށް އެމްޖޭއޭ އިން ގޮވާލައިފިއެވެ.

އެމްޖޭއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައިވަނީ، މުޒާހަރާތަކާއި އެއްވުންތައް ކަވަރު ކުރުމުގެ ފުރުސަތު ހުރިހާ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކަށް ހަމަހަމަ ގޮތެއްގައި އޮންނަންޖެހޭނެކަމަށެވެ. އަދި މުޒާހަރާތަކާއި އެއްވުންތަކުގެ ހަބަރާއި މައުލޫމާތު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދީ، މުޒާހަރާ ކަވަރުކުރުމަށް މީޑިއާގެ ފަރާތްތަކަށް ފަހި މާހައުލެއް ތަނަވަސްކޮށް ދިނުމަށް އެމްޖޭއޭ އިން ވަނީ ދިވެހި ފުލުހުންނަށް ގޮވާލާފައެވެ.

ފެބުރުއަރީ 19ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއް ކަވަރުކުރަމުގައި ހަރަކާތްތެރިވި ޗެނަލް 13ގެ ނޫސްވެރިންނަށް އަނިޔާވާ ގޮތަށް ފުލުހުން ޢަމަލުކޮށްފައިވާ މައްސަލަ އެމްޖޭއޭގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެގޮތުން އިއްޔެގެ މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ޗެނަލް-13ގެ ކެމެރާމަން މުހައްމަދު ޝަހީމްއަށް މުޒާހަރާ ކަވަރުކުރުމުގެ ފުރުސަތު ނުދީ އޭނާ މަގުމައްޗަށް ވައްޓާލާފައިވާ ކަމަށް ޗެނަލް 13 އިން އެ ޖަމްއިއްޔާއަށް މައުލޫމާތު ދީފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

"މީގެ އިތުރުން އިއްޔެގެ މުޒާހަރާ ހިނގަމުން ދިޔަ ވަގުތު ފުލުހުންގެ ބަޔަކު "ލެސޫކް ރެސްޓޯރަންޓް"ގެ ތެރެއަށް ވަދެ އެތަނުގެ ތެރޭގައި ތިބި ޗެނަލް 13ގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު ސަލާހު އާއި ޑެޕިއުޓީ ސްޓޭޝަން އިންޗާޖް ހުސެން އިހުސާން ގަދަކަމުން އެތަނުން ނެރެ އަނިޔާވާ ގޮތަށް އަމަލުކޮށްފައިވާކަމުގެ މައުލޫމާތު ވެސް ލިބިފައިވެއެވެ. މި ޖަމްއިއްޔާއިން ބެލި ބެލުމުން މުޒާހަރާ ކަވަރު ކުރަމުން ދިޔަ ޗެނަލް 13 ގެ ނޫސްވެރިޔާ ޝަހީމާ އާއި ލެސޫކް ރެސްޓޯރަންޓްތެރޭގައި ތިބި އެ ސްޓޭޝަންގެ ދެ މުވައްޒަފުން ވެސް ތިބީ މީޑީއާގެ ފަރާތްތައްކަން އެނގޭނޭ ފަދަ ނޫސްވެރިކަމުގެ ކާޑުވެސް އަޅައިގެންނެވެ. އަދި ލެސޫކް ތެރޭގައި ހިނގި ހާދިސާގެ ވީޑިއޯއިންވެސް ފެންނަ ގޮތުގައި ފުލުހުން އެ ފަރާތްތައް ނެރުމަށް މަސައްކަތް ކުރުމުން އެއީ މީޑިއާގެ ފަރާތްތަކެއްކަން ތަކުރާރުކޮށް ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވެއެވެ." އެމްޖޭއޭގެ ބަޔާނުގައި ވެއެވެ.

ވަކި މީޑިއާއަކަށް ނިސްބަތްވާ ނޫސްވެރިންނާއި މުވައްޒަފުންނަށް އަމާޒުކޮށް ފުލުހުން ބާރުގެ ބޭނުންކޮށް ހުރަސް އެޅުމަކީ އެމްޖޭއޭއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށް ފުލުހުން ހިންގާ މިފަދަ އަމަލުތައް އެ ޖަމިއްޔާއިން ވަނީ ކުށްވެރިކޮށްފައެވެ.

މިފަހަކަށް އައިސް މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ފުލުހުން ހުރަސްއަޅާ އެ ފަރާތްތަކަށް އަނިޔާވާ ގޮތަށް އަމަލު ކުރާ ކަމުގެ ޝަކުވާ ތަކުރާރުކޮށް އެޖަމްއިއްޔާއަށް ލިބެމުން އަންނާތީ، އެއީ އެ ޖަމްއިއްޔާއިން ނިހާހާޔަތަށް ކަންބޮޑުވާކަމެއް ކަމަށާއި، އަދި އެކަންކަން ހުއްޓުވުމަށް އަވަސް ފިޔަވަޅު އެޅުމަށް އެ ޖަމްއިއްޔާއިން ދިވެހި ފުލުހުންނަށް ވަނީ ގޮވާލާފައެވެ.

ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ހިންގާ މިފަދަ ކޮންމެ އަމަލެއް ވެސް އެ ޖަމްއިއްޔާއިން ދެކެނީ ވަރަށް ސީރިއަސް އަމަލުތަކެއްގެ ގޮތުގައި ކަމަށް އެމްޖޭއިން ވަނީ ބުނެފައެވެ. އަދި ނޫސްވެރިންނާ ދެކޮޅަށް ހިންގާ މިފަދަ އަމަލުތައް ލަސްނުކޮށް ތަހުގީގުކޮށް އެކަށީގެންވާ ފިޔަވަޅުތައް ވީހާވެސް އަވަހަކަށް އެޅުމަކީ ނޫސްވެރިކަމަށް ފަހި މާހައުލެއް ގާއިމްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން