ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް 13ގެ އިސް ފަރާތްތަކާއި ބައްދަލުކުރުން
ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް 13ގެ އިސް ފަރާތްތަކާއި ބައްދަލުކުރުން
މިޖިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ކެފޭއެއްގެ ތެރޭގައި ޗެނަލް 13ގެ ނޫސްވެރިއަކު ހައްޔަރުކުރި މަންޒަރު ފެންނަ ވީޑިއޯގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން ކަންބޮޑުވާ ކަންތައްތަކެއް ފާހަގަކުރެވޭތީ، އެކަމާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް ޗެނަލް 13 އާ އެ ކޮމިޝަނުން ބައްދަލުކޮށްފިއެވެ.

އެ ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ވަނީ، މާލޭގެ ކެފޭއެއްގެ ތެރޭގައި ޗެނަލް 13ގެ ނޫސްވެރިއަކު ހައްޔަރުކުރި މަންޒަރު ފެންނަ ވީޑިއޯގައި ކޮމިޝަނުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރުމުން އެކަމާ ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންކަން އެ ކޮމިޝަނުން ކަމާ ގުޅޭ ފަރާތްތަކަށް ހުށަހަޅައިގެން ބަލަމުންގެންދާނެ ކަމަށެވެ.

އަދި އެކި އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ތަފާތު އެކި ހުރަސްތަކާއި ކުރިމަތިވާކަމުގެ ޝަކުވާ އެ ކޮމިޝަނަށް އަންނަނީ ލިބެމުން ކަމަށާއި، މިފަދަ އެއްވުންތަކުގައި ނޫސްވެރިންނާ މެދު ތަފާތު ކުރުން ގެންގުޅުމާއި ނޫސްވެރިންނަށް ތަފާތު އަނިޔާތައް ލިބެމުންދާކަން ވެސް ވަނީ ފާހަގަކުރެވިފައި ކަމަށް ކޮމިޝަންގެ ބަޔާނުގައިވެއެވެ.

މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނާ މެދު ތަފާތު ކުރުމެއް ނެތި، ޤާނޫނީ ހަމަތަކުގެ ތެރެއިން، ހަމަހަމަ އުސޫލަކުން ނޫސްވެރިންގެ ވާޖިބު އަދާކުރެވޭނެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުން، ޤާނޫނާއި ގަވާއިދާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގެ ތެރެއިން ހަރަކާތްތެރިވުމަށާއި، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އެ ކޮމިޝަނުން އިލްތިމާސް ކޮށްފައިވެއެވެ. އަދި މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން، ބޭނުންކުރުމަށް ކޮމިޝަނުން ދޫކުރާ "އެކްރެޑިޓޭޝަން ކާޑް" އަބަދުވެސް ފެންނަ ގޮތަށް ބޭނުންކުރުމަށް އެކޮމިޝަނުން ވަނީ ނަސޭޙަތްތެރި ވެފައެވެ.

ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ކޮމިޝަނުގެ ބަޔާނުގައި ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން