ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން ޖުމްލަ 70،009 މީހަކު ވެކްސިން ޖަހައިފިއެވެ.

މިކަމާ ގުޅޭގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މާލެ ސަރަހައްދުން ޖުމްލަ 53،669 މީހަކު މިހާތަނަށް ވެކްސިން ޖަހައިފައިވެއެވެ. އަދި މީގެ ތެރެއިން މިއަދު އެކަނިވެސް 3،755 މީހަކު ވެކްސިން ޖަހާފައިވެއެވެ.

މީގެ އިތުރުން ޖުމްލަ 16،340 މީހަކު އަތޮޅުތެރެއިން ވެކްސިންޖަހައިފައިވާއިރު، މިއަދު 1،528 މީހަކު އަތޮޅުތެރެއިން ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާފައިވެއެވެ. އަދި މިކެމްޕޭނުގެ ދަށުން އަތޮޅުތެރެއާއި މާލެއިން މިއަދު ޖުމްލަކޮށް 5،283 މީހަކު ވެކްސިން ޖަހާފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދެވެމުންދާ ވެކްސިން ދިނުމުގެ ކެމްޕޭނު "ކޯވިޑް-19 ދިފާޢު" ރަސްމީކޮށް ފައްޓާފައިވަނީ ފެބްރުއަރީމަހު އެއްވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ ކެމްޕޭނުގައި އަދި ބޭނުންކުރަމުން ދަނީ އިންޑިޔާއިން ހަދިޔާކޮށްފައިވާ ކޮވިޝީލްޑު ވެކްސިނެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކޮވިޝީލްޑު ވެކްސިނުގެ އެއްލައްކަ ޑޯޒް ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީން ދީފައިވަނީ ޚާއްޞަ އިމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށެވެ.

ކޮވިޝީލްޑު ވެކްސިނުގެ އިތުރުން ޗައިނާގެ ސިނޮފާމް ކުންފުނިން އުފައްދާފައިވާ ވެކްސިނުގެ 5000 ޑޯޒުވެސް ރާއްޖެއަށް ލިބިފައިވާކަމަށް އެޗްއީއޯސީއިން ހާމަކޮށްފައިވެއެވެ. ކޮވިޝީލްޑު ވެކްސިނެކޭ އެއްފަދައިން ސިނޮފާމް ވެކްސިންވެސް ރާއްޖޭގައި ބޭނުން ކުރެވެން ފަށާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީގެ ހުއްދަލިބުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން