ހިޔާމަޝްރޫޢުގެ ނަމުގައި ނިމިދިޔަ ރައީސް ޔާމިންގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ހިމެނޭ އެއްކޮޓަރީގެ ފްލެޓްތަކަށް ވީނުވީއެއްނޭނގި ގެއްލިގެން ރައްޔިތުން ކުރަމުންދާ ޝަކުވާގެ އަޑު ގަދަވެއްޖެއެވެ.

މިއަޑު ގަދަވީ ސަރުކާރުގެ ހައުސިންގއާ ބެހޭ ވުޒާރާއިން ދާދިފަހުން ކުރި އިއުލާނަކާއި ގުޅިގެންނެވެ. އެއިޢުލާންގައި ބުނެފައި ވަނީ "ހިޔާ" ފްލެޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓްތައް ނުދޭން ނިންމައި އެ ކެޓަގަރީއަށް ހުށައަޅާފައިވާ ފޯމްތައް ބާތިލުކޮށްފައިވާ ކަމަށެވެ. ހިޔާ މަޝްރޫޢުގެ ލިޔެކިޔުންތަކުން ދައްކާ ގޮތުން އެއްކޮޓަރީގެ ފްލެޓްތަކަކީ އަލަތު ކައިވެނި ކުރި ޒުވާނުންނާއި 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކާއި މާލޭގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަނޑައެޅި ފްލެޓްތަކެކެވެ. އެ ފްލެޓްތައް ނުދޭން ނިންމައި އެ ކެޓެގަރީތައް ވަނީ އުވާލާފައެވެ.

މިކެޓަގަރީ ތަކުގެ ފްލެޓްތައް ނުދޭން ސަރުކާރުން ނިންމާފައިވާއިރު ދައުލަތުގެ ފައިސާ ޚަރަދުކޮށްގެން ފުލެޓު ކޮމިޓީއިން މި ތިން ކެޓަގަރީގެ ފޯމުތައް އަލުން އިވެލުއޭޓްކޮށް ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށްވެސް ގޮސްފައިވާ ކަމަށް މިކަމާ ގުޅިގެން މީސްމީޑިއާގައި ޝަކުވާ ކުރަމުންދާ މީހުން ބުނެފައި ވެއެވެ.

އެނގިފައިވާ ގޮތުގައި ކުރީ ސަރުކާރުން ހިޔާ މަޝްރޫޢަށް އެއްކޮޓަރީގެ ފްލެޓްތަކެއް ކަނޑައެޅީ އެމަޝްރޫޢުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުން އަޅާ ފްލެޓް ތަކުގައި އެބައި ހިމަނާ ގޮތަށެވެ. އެގޮތުން ކުރިން ނިންމާފައި އޮތީ ކުންފުނިތަކުން އިމާރާތް ކުރާ ހައުސިންގ ޔުނިޓްތަކުގައި ހަދާ އެއްކޮޓަރީގެ ފްލެޓްތައް ސަރުކާރަށް ގަނެ އެކެޓްގަރީއަށް ޝަރުތުހަމަވާ ފަރާތްތަކަށް ދިނުމަށެވެ. މި ސަރުކާރުގެ ހައުސިންގ މިނިސްޓްރީން މިފަހުން ކޮށްފައިވާ އިޢުލާނުގައި ވެސް އެކަން ހާމަކޮށްފައި ވެއެވެ.

ނަމަވެސް އެއިޢުލާނުގައި ބުނެފައިވަނީ ސަރުކާރުގެ ކުންފުނިތަކުން އަޅާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ސަރުކާރަށް އެއްކޮޓަރީގެ ފްލެޓް ލިބެން ހުރީ ސަރުކާރުގެ ފެން ކުންފުނީން އިމާރާތް ކުރާ ހައުސިންގ ޔުނިޓުން އެކަނި ކަމަށެވެ. އެއީވެސް ވަރަށް މަދު އަދަދަކަށްވާތީ ހިޔާ މަޝްރޫޢުގެ އެއްކޮޓަރީގެ ގެޓަގަރީތައް އުވާލައި އެފޯމްތައް ވެސް ބާތިލު ކުރީއެވެ.

މިކަމާ ގުޅިގެން ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާ ހަވާލާދީ ރާއްޖެ ނިއުސްގައި ބުނެފައިވަނީ އެއްކޮޓަރީގެ އެޕާޓްމެންޓުން ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ މަޤްޞަދު ހާސިލްނުވާކަމަށެވެ.

ހިޔާ މަޝްރޫޢުގެ އެއްކޮޓަރީގެ ފްލެޓް އެކަށީގެންވާ ވަރަށް ނެތް ކަމަށް ހައުސިން މިނިސްޓްރީން ބުނާ ވާހަކަ ނަފީވާ މޭރުމަކުން، އަކްރަމް ވާހަކައިގައިވެސް ހިޔާ މަޝްރޫޢުގެ އެއްކޮޓަރީގެ އެޕާޓްމެންޓްތައް އިމާރާތް ކުރަނީ ސަރުކާރުގެ ކުންފުނިތަކުން އިމާރާތްކުރާ ހައުސިންގ ޔުނިޓްތަކުގައި ކަން ފާހަގަ ކުރަށްވާފައި ވެއެވެ. ނަމަވެސް އެފުލެޓުތަކަށް ހަދާނެގޮތް ނިންމަން ދޫކޮށްލާފައިވަނީ އެކުންފުނި ތަކަށް ކަމަށް އަކްރަމް ފާހަގަ ކުރަށްވާފައި ވެއެވެ.

ހިޔާ މަޝްރޫޢުގެ އެއްކޮޓަރީގެ ފްލެޓްތައް އުވާލުމުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އެއް ކޮޓަރީގެ ތިން ކެޓަގަރީއަށް ފޯމު ހުށައަޅައިގެން ޝަރުތު ހަމަވެ، ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ލިޔުން ދީފައިވާ ބައެއް މީހުން ބުނަމުންދަނީ މިސަރުކާރުން އެފްލެޓްތަކަށް ހެދި ގޮތެއް ބުނެދޭން ޖެހޭނެ ކަމަށެވެ. އަދި ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އެފްލެޓްތައް ވިޔަފާރި އުސޫލުން ވިއްކާލީއެވެ.

"އެއީ އަޅުގަނޑުމެންގެ ހައްގެއް. އެއްވެސް ސަރުކާރެއް، އެއްވެސް މީހަކު ވެރިކަމަށް އައި ނަމަވެސް އެ ހައްގު ނިގުޅައެއް ނުގަނެވޭނެ. އެފްލެޓްތައް އޮތް އުސޫލުން ދޭން ޖެހޭނެ. އެއީ ރައްޔިތުން ތަކަކަށް ސަރުކާރުން ވާ ވަރަށް ބޮޑު ބޭއިންސާފެއް. ދޭ އަނިޔާއެއް." ޓްވީޓާގައި އާންމު ރައްޔިތަކު ފާޅުކޮށްފައިވާ ޚިޔާލެއްގައި ބުނެފައި ވެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން އެމްޕީއެލުން އިމާރާތްކުރާ ހައުސިންގެ ޔުނިޓުގައި ހިމެނޭ 204 ފެލެޓް ވިޔަފާރި އުސޫލުން ވިއްކާލާފައިވާ ކަމަށް ބުނެ ފަތުރަމުންދާ އަޑުތައް އެކުންފުނިން ދޮގުކުރި ނަމަވެސް ކުރިން ކަނޑައަޅާފައިވާ ގޮތަށް އެފްލެޓްތައް ސަރުކާރަށް ވިއްކަން ނިންމާފައި ނުވާ ކަމަކަށް އެކުންފުންޏަކުން ނުބުނެއެވެ. މިކަމާ ގުޅިގެން އެމްޕީއެލުން ނެރުނު ބަޔާނުގައި ބުނީ އެ ކުންފުނިން ޢިމާރާތް ކުރަމުންދާ ފުލެޓް ތަކަކީ އެމްޕީއެލްގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް ޢިމާރާތް ކުރަމުންދާ ފުލެޓްތަކެއް ކަމަށެވެ. އަދި މި ފުލެޓްތައް ގަތުމުގެ ފުރުސަތު ދެވޭނީ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ފުލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުޞޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭ މުވައްޒަފުންގެ ތަރުތީބުން ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

މިމައްސަލައިގައި ހައުސިންގ މިނިސްޓްރީން އިޢުލާނެއް ނެރުން ފިޔަވައި އިތުރު އެއްޗެއް ރަސްމީކޮށް ސަރުކާރަކުން އަދި ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން