އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން އިންތިޚާބުގެ ވޯޓް ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ބޭނުންކުރާނެ ވޯޓް ކަރުދާސް ޗާފުކުރާނީ ކުރިން ބާއްވަން ނިންމާފައި އޮތް އިންތިޚާބުގައި ވޯޓް ކަރުދާސްތައް ޗާފުކުރަން ކަނޑައެޅި ފަރާތްކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކުރިން އިންތިޚާބު ބާއްވަން ނިންމި ތާރީޚު ފަހަނައަޅާ ގޮސް އަހަރެއްހާ ދުވަސް ފަހުން ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވަނީ 2،72،480 (ދެ ލައްކަ ހަތްދިހަ ދެ ހާސް ހަތަރު ސަތޭކަ އަށްޑިހަ) ފަރާތަށެވެ. ޤާނޫނު ބުނާ ގޮތުން ވޯޓް ކަރުދާސް ޗާޕުކުރަން ޖެހޭނީ މި އަދަދަށްވުރެ އެކެއް އިންސައްތަ އިތުރުކޮށެވެ.

މި އިންތިޚާބުގައި މާލޭ ސިޓީން ވޯޓްލުމުގެ ހައްޤު ލިބިފައިވަނީ 51،449 މީހުންނަށެވެ. އައްޑޫ ސިޓީން ވޯޓްލުމުގެ ހައްޤު ލިބިފައިވަނީ 25،055 މީހުންނަށެވެ. ފުވައްމުލަކު ސިޓީގެ ވޯޓާސް ލިސްޓުގައި ހިމެނެނީ 9177 މީހުންނެވެ. އަދި ކުޅުދުށްފުށީ ސިޓީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 6825 މީހުންނެވެ. މިނޫން ދާއިރާތަކާއި އަތޮޅުތަކާއި ރަށްތަކުގެ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 1،79،924 ( އެއްލައްކަ ހަތްދިހަ ނުވަހާސް ނުވަސަތޭކަ ސައްވިސް ) އެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ވޯޓް ފޮއްޓެއް ހުންނަ ކޮންމެ މަރުކަޒެއްގައި އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް 9 އޮފިޝަލުން އަދި 2 ފޮށި ހުންނަ ކޮންމެ މަރުކަޒެއްގެގައި 14 އޮފިޝަލުން ތިބެން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެއެވެ. މި އަދަދުތަކާއި އެކު މިފަހަރުގެ އިންތިހާބުގެ އެކިކަންކަމުގައި ހަރަކާތްތެރި ވުމަށް ޖުމްލަ 8000 އޮފިޝަލުން ބޭނުންވާނެކަމަށްވެސް ކޮމިޝަނުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން