މިއަހަރުގެ ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބުދެއްވާއިރު އެމްޑIޕީ މެމްބަރުން ހަނު ތިއްބެވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާ ފައްޓަވައި ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު މިކަމަށް އެދިވަޑައިގަންނަވަމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަހަރުގެ ދެއްވި ރިޔާސީ ބަޔާނަށް އިދިކޮޅު ޕާޓީން ޖަވާބުދެއްވުން އަންނަ ބުދަ ދުވަހުގެ ޖަލްސާގައި އޮންނާނެކަން އިޢުލާން ކުރަށްވަމުންނެވެ.



"އަޅުގަނޑު އިއްޒަތްތެރި މެންބަރުންނަށް ދަންނަވަން. ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާއިރު އިޚްލާސްތެރިކަމާއެކު އެމްޑީޕީ މެންބަރުން ހަނު ތިއްބެވުމަށް އެދެން. މަޑުމައިތިރިކަމާއި އެކު، އެދޭ ޖަވާބު ދެއްވާއިރު ވަގުތުން ތިބޭފުޅުން ޖަވާބުު ދެއްވުން މަޖިލީހުގެ ޤަވާއިދުގައި ނުވެސްނެތް. ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން ދެއްވިއިރުވެސް ބައެއް ޕީޕީއެމް މެންބަރުންވެސް ޖަވާބު ދެއްވަމުން ގެންދެވި. އެވެސް މަޖިލީހުގެ ޤަވާއިދުގައި ނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސި ބަޔާނަށް ޖަވާބުދެއްވުމަށް ހަމަޖެހިފައިވަނީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބުނާ ގޮތުން ކޮންމެ އަހަރަކު ރައްޔިތުން މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މަޖިލީހުގައި މެންބަރުން ތިއްބެވި ޕާޓީގެ ފަރާތުން އެ ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި އިއްވަންވާނެކަމަށެވެ.

މަޖިލީހުގައި މިފަހަރު ހިމެނެނީ އިދިކޮޅުގެ މަދު މެންބަރުން ކޮޅެކެވެ. އިދިކޮޅު މެންބަރުންގެ ފަރާތުން މައިނޯރިޓީ ލީޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، ނުވަތަ ރެޑްވޭވް ސަލީމެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވިއިރު އިދިކޮޅު ގިނަ މެންބަރުން ތިއްބެވީ ޖަލްސާއިން ބޭރުގައި، މަޖިލީހު ތަޅުމުން ބޭރުގައި އިހުތިޖާޖު ކުރަށްވާށެވެ. އެބޭފުޅުން އިހިތިޖާޖު ކުރަށްވަމުން ގެންދެވީ ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމިން މިނިވަން ކުރުމަށާއި އެމަނިކުފާނަށް އިންސާފު ހޯދައި ދިނުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން