އެމްޑިޕީއަކީ ޤައުމަށް ޣައްދާރުވެފައިވާ ޚާއިނުންތަކެއްގެ ތެރެއިން އުފެދިފައިވާ ޕާޓީއެއް ކަމަށް އިދިކޮޅު މައި ޕާޓި ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤައުމަށް ތަކުރާރުކޮށް ޣައްދާރުވެފައިވާ ޚާއިނުންތަކެއްގެ ތެރެއިން އުފެދިގެން އައި ޕާޓީއެއް މިއަދު ވެރިކަމުގައި އޮވެގެން ގައުމުގެ ދީނީ ޝިއާރު ފަނޑު ކުރުމަށް ކުރަމުންދާ މަސައްކަތާ މި ފަސްގަނޑުގެ މިލްކުވެރިކަން ގެއްލުވާލުމަށް ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅަށް އެޕާޓީން އަބަދުވެސް އަޑު އުފުލާނެ ކަމަށެވެ.

އަދި ޕީޕީއެމްގެ ރައީސްގެ ނަންފުޅާއި އެޕާޓިގެ ނަން ގަނެގެން ގައުމުގެ ސިޔާދަތަށް ބުރޫއަރާނެ ޖަރީމާތައް ހިންގަން ރައްޔިތުންގެ ރުހުން ހޯދަން މިސަރުކާރުން މަސައްކަތް ކުރުމަކީ ފޫނެތް ފަޔަށް ފެންފުރުން ކަމަށް ޕީޕީއެމުން ބުނެފައި ވެއެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ އުތުރު ތިލަފަޅުވިޔަސް ނުވަތަ ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި ހިމެނޭ އެއްވެސް ކަނޑެއް، ފަޅެއް، ރަށެއް އަދި ގިިރިއެއްވެސް ބޭރުގެ އަސްކަރީ އަދި އިސްތިއުމާރީ ބާރަކަށް ދޫވެ ބީވެގެންދާނެ އަމަލެއް ޕީޕީއެމަކުން ނުހިންގާނެ ކަމަށެވެ. އަދި އެފަދަ އަމަލެއް އެހެން ބަޔަކު ކުރާނަމަ އެކަމަށް ހުރަސް އަޅާނެ ކަމަށް ވެސް އެޕާޓީން ބުނެފައި ވެއެވެ.

އަދި "ދިވެހިންގެ މި ލޮބުވެތި އަދި ކަރާމާތްތެރި ފަސްގަނޑުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ދިގު މުއްދަތަކަށް ނުވަތަ ދާއިމީ ސިފައެއްގައި ތިބުމަކީ މި ޕާޓީން ދުވަހަކުވެސް ތާއީދުކުރިި ކަމެއް ނޫން ކަމަށާ އެފަދަ ކަންކަމަށް ސާބިތު ކަމާއިއެކު ނޫނެކޭ ވިދާޅުވާ ހަމަ އެކަނި ވެރިއަކީ ރާއިސް ޔާމިން" ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ޕީޕީއެމްގެ ވެރިކަން ބަދަލުކުރަން ބޭރުގެ އެތައް ބަޔަކު ފޫގަޅައިގެން ހޭދަކުރަމުން ދިޔައީ އެބައެއްގެ އެފަދަ އުންމީދުތައް އެޕާޓީގެ ވެރިކަމުގައި ހަޤީގަތަކަށް ނުވާނެކަން އެނގޭތީ ކަމުގައި ޕީޕީއެމުން ބުނެފައި ވެއެވެ. އަދި ޤައުމުގެ ސިޔާދަތީ ބާރަށް ކުޑަވެސް އުނިކަމެއް ލިބިދާނެ ފަދަ ޚާރިޖީ އަދި އަސްކަރީ ހުށަހެޅުންތަކާއި ދައުވަތު ތަކަށް އެޕާޓީން އޭރުވެސް މިހާރުވެސް އިޖާބަ ނުދޭނެ ކަމަށް ބުނެފައިވެއެވެ.

ޕީޕީއެމުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އުތުރު ތިލަފަޅުގައި އިންޑިއާގެ އަސްކަރިއްޔާއިން ބަނދަރަކާއި ޑޮކްޔާޑެއް ހެދުމަށް މި ސަރުކާރުން ވެވުނު އެއްބަސްވުމަކީ ޕީޕީއެމްގެ ވެރިކަމުގައި ވެސް އިންޑިއާއާއެކު މަޝްވަރާ ކުރެވިފައިވާ ކަމެއްކަމަށް ބުނެ އެމްޑީޕީގެ މެންބަރުން މީސްމީޑިއާގައި ދައްކާ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން