އުތުރުތިލަފަޅުގައި ބަނދަރެއް ތަރައްގީ ކުރަން އެއްވެސް ފަރާތަކުން ދެކޮޅު ނުހަދާ ކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް ވިދާޅުވީ އުތުރު ތިލަފަޅުގައި ސިފައިންނަށް ހާއްސަ ބަނދަރެއް ތަރައްގީ ކުރުމަށް އެއްވެސް ފަރާތަކުން ދެކޮޅު ނުހަދާ ކަމަށާ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުމަކީ މިފަދަ އެއްބަސްވުންތަކުގެ ދަށުން ތަފާތު އެކި ނަންނަމުގައި އިންޑިޔާގެ އަސްކަރިއްޔާގެ އޮފިސަރުން ދިގު މުއްދަތަކަށް ރާއްޖޭގައި ތިބޭ މައްސަލަކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޭނުމަށްޓަކައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ޤާއިމްކުރުމާ ބެހޭ އެއްބަސްވުމެއްގައި މިސަރުކާރުން ދާދިފަހުން ސޮއިކޮށްފައިވާއިރު އިދިކޮޅު މައި ޕާޓީން އަންނަނީ ސަރުކާރަށް މިކަމުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.

އުތުރު ތިލަފަޅު މައްސަލައިގެ ހަޤީގަތް އެނގުމަކީ ރައްޔިތުންގެ ހައްގެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އެއީ މުސްތަޤްބަލުގެ ޖީލުތަކަށް އޭގެ އަސަރުތައް ދެމިގެންދާނެ ފަދަ އެއްބަސްވުމެއް ކަމަށްވާނަމަ އެއާއި ބެހޭ ތަފްސީލުތައް ރައްޔިތުންނަށް އެނގެންޖެހޭ ކަމަށާއި އެއީ ރައްޔިތުންގެ ހައްގެއް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ހާބަރެއް ހެދުމުގެ ނަމުގައި އިންޑިއާ ސިފައިންނަށް ގާއިމްވެ ތިބެވޭނެ ގޮތަށް ހަދާ އެއްބަސްވުން ހާމަ ކުރުމަށާއި އިންޑިއާއިން ނަގާފައިވާ ލޯނުތަކުގެ ތަފްސީލުތައް ހާމަ ކުރުމަށް ގޮވާލައި އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވަނީ ކުއްލި މައްސަލައެއް ވެސް ހުށައަޅުއްވާފައެވެ.

މަޖިލީހުން އެމައްސަލަ ބަލައިގަނެ މަޖިލީހުގެ ބަހުސް ކުރިއަށް ދަނިކޮށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވަނީ އުތުރު ތިލަފަޅުގައި ސިފައިންނަށް ހާއްސަ ބަނދަރެއް ތަރައްގީކުރުމާ ބެހޭ ގޮތުން ކޮށްފައިވާ މަޝްވަރާތަކުގެ ތަފްސީލް ލިޔެކިއުންތައް އެބަހުރި ކަމަށް ވިދާޅުވެފައެވެ. އަދި މެމްބަރުންނާއި އެލިޔެކިޔުންތައް ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އެލިއުންތަކުގައިވާ ބައެއް މަލޫމާތު މަޖިލީހުގައި އާންމު ކުރަށްވާފައެވެ.

ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ވިދާޅުވީ އެ އެއްބަސްވުން ވުޖޫދުކުރަން ކުރީގެ ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށާ އެ މަސައްކަތް ކުރެއްވީ އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކަމަށެވެ.

މިމައްސަލައިގައި އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީއަކީ ޤައުމުގެ ސިޔާދަތީ ބާރަށް ކުޑަވެސް އުނިކަމެއް ލިބިދާނެފަދަ ޚާރިޖީ އަދި އަސްކަރީ ހުށަހެޅުން ތަކާއި ދައުވަތު ތަކަށް އެއްވެސް އިރެއްގައި އިޖާބަ ދޭނެ ޕާޓީއެއް ނޫން ކަމަށެވެ. އަދި އެމްޑީޕީ ވެރިކަމުގައި އޮވެގެން ގައުމުގެ ދީނީ ޝިޔާރު ފަނޑުކޮށް ގައުމުގެ މިލްކުވެރިކަން ގެއްލުވާލުމަށް ކުރަމުންދާ ހުރިހާ މ،ަސައްކަތަކަށް އެޕާޓީން ހުރަސް އަޅާނެ ކަމަށް އެބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން