މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު.
މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު.
މޫސުމީ ބަދަލުތަކާއެކު ރާއްޖެއާއި ކުދި ޖަޒީރާ ޤައުމުތަކުގައި އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަކީ މުހިންމުކަމެއްގެ ގޮތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ފާހަގަކުރަށްވައިފިއެވެ.


މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ އދގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ދައުރުގެ ހައި-ލެވެލް ސެގްމަންޓްގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ. ހައި-ލެވެލް ސެގްމަންޓަކީ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ މިއަހަރުގެ ސެޝަންގެ ފުރަތަމަ ސެގްމަންޓެވެ. މި އަހަރުގެ ކައުންސިލްގެ ބައްދަލުވުންތައް ކުރިއަށްދަނީ ޖެނީވާގައި ބާއްވާ ބައިތަކުގެ އިތުރުން ވަރޗުއަލް އިވެންޓްތަކެއްގެ ގޮތުގައެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކައިގައި ރާއްޖޭގައި ފާހަގަކުރެވޭ އިންސާނީ ހައްޤުތަކުގެ މައްސަލަތައް ހައްލުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އިންސާނީ ވަގުވިޔަފާރި ހުއްޓުވުމާއި، ޤަނޫނުގެ ވެރިކަން ނެގެހެއްޓުމާއި އިންތިޤާލީ އިންސާފު ޤާއިމްކުރުމުގެ އިތުރުން ނުރައްކަލައް ހުށަހެޅިފައިވާ މުޖްތަމައުގެ ފަރުދުންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރުމާ ބެހޭ ގޮތުން މިނިސްޓަރ ވާހަކަ ދެއްކެވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއާއި ކުދި ޖަޒީރާ ޤައުމުތަކަށް އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގައި ދިމާވާ އިތުރު ގޮންޖެހުންތަކާ ބެހޭ ގޮތުން މިނިސްޓަރ ވާހަކަ ދެއްކެވިއެވެ.

"މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއާއި ކުދި ޖަޒީރާ ޤައުމުތަކަށް އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގައި ކޮވިޑުގެ ބަލިމަޑުކަމާއެކު އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވޭ. ނަމަވެސް ރާއްޖޭގެ ސަރުކާރުން ގަބޫލު ކުރާގޮތުގައި މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ކުރިމަތިވާނޭ އެކި ކާރިސާތަކުން އަރައިގަނެ ރައްކާތެރިވުމަށް ކުރެވޭ މަސައްކަތެއް ނުހުއްޓުވޭނެ. އެއީ އަހަރުމެން ދިވެހިންނަކީ ތިމާވެއްޓާ ގާތް ގުޅުމެއް ހުރި ބައެއް. ދިވެހިރާއްޖޭގެ ރަށްތައް ހިމާޔަތް ކުރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުން ހުއްޓާލައިފިނަމަ ރާއްޖޭގަ އެންމެ ނާޒުކު ސަރަހައްދުތަކުގައި ފެންބޮޑުވެ، ކާބޯތަކެއްޗަށް ޖެހުމުގެ ފުރުސަތު އެބައޮތް." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކައިގައި އިންސާނީ ހައްޤުތައް ހިމާޔަތްކޮށް، ކުރިއަރުވަން ރާއްޖެއާ ރާއްޖެއިން ބޭރުގައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި އިންސާނީ ހައްޤުތަކުގެ ދާއިރާގައި ރާއްޖެއަށް ހޯދުނު ކާމިޔާބުތަކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި ތަރައްޤީގެ ފްރޭމްވޯކްގެ ކާމިޔާބުކަމަށް ވިދާޅުވިއެވެ. އަދި އެންމެ ފަހުގެ ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގައި ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށް ޤައުމުތަކުން ދީފައިވާ ރެކޮމެންޑޭޝަންތައް ތަންފީޒްކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި، އިޤްތިޞާދީ، އިޖްތިމާޢީ އަދި ސަގާފީ ހައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލް ރާއްޖެއިން ތަންފީޒުކުރިކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، މި ގޮންޖެހުންތަކުން އަރައިގަތުމުގައި އދގެ ޗާޓަރުގައި ކަށަވަރުކޮށްދޭ އިންސާނީ ހައްޤުތަކަށް ސަމާލުވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. އަދި ގޮންޖެހުންތަކުން އަރައިގަތުމަށް މިކުރެވޭ މަސައްކަތަކީ އެއްވެސް މީހަކު ބާކީ ވިޔަނުދޭނެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް ފުރުސަތެއްކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން ފަލަސްތީނުގެ މުސްލިމުންނާއި މިޔަންމާގެ ރޮހިންޔާ މުސްލިމުންނަށް ދިމާވެފައިވާ އިންސާނީ ކާރިސާއާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

އދގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ބައްދަލުވުން ކުރިއަށްދާނީ 22 ފެބްރުއަރީ އިން 23 މާރޗް އަށެވެ. އެކިއެކި އެޖެންޑާ އައިޓަމްތަކުގެ ދަށުން ރާއްޖެއިން 13 އިންޓަވެންޝަނެއް ދިވެހިރާއްޖެއިން މިފަހަރުގެ ސެޝަންގައި ހަދާނެއެވެ. އަދި އދގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ އެންޑް އަދަރ ކްރުއެލް، އިންހިއުމޭން އޮރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޮރ ޕަނިޝްމަންޓް 2019 ވަނަ އަހަރު ދިވެހިރާއްޖެއަށް ކުރެއްވި ޒިޔާރަތާ ބެހޭ ރިޕޯޓް އޭނާ މި ސެޝަނަށް ހުށަހަޅުއްވާނެއެވެ. އަދި ދިވެހިރާއްޖެއާ ގުޅޭ ޔޫ.ޕީ.އާރް އައުޓްކަމް ރިޕޯޓް އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލުން މިފަހަރުގެ ސެޝަންގައި އެޑޮޕްޓް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު