އިބްރާހިމް އާތިފް ޝަކޫރު
އިބްރާހިމް އާތިފް ޝަކޫރު
އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ކުރީގެ އިސްވެރިޔާ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ކުށުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން މިއަދު 12 ހެއްކެއް ހުށަހަޅައިފި އެވެ.

އާތިފްގެ މައްޗަށް މަނީ ލޯންޑްރިންގެ ގާނޫނާ ޚިލާފްވުމުގެ ދައުވާ ކުރަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ޝައްކު ކުރެވޭ މުއާމަލާތްތަކެއް ކަމާބެހޭ ފަރާތުގެ ސަމާލު ކަމަށް ގެނެސްފައިނުވާ ކަމަށް ބުނެ އެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިނގި ދުވަސްވަރު އާތިފް ހުންނެވީ އެމްއެމްއޭގެ އެފްއައިޔޫގެ ވެރިއަކަށެވެ. އާތިފު، އެފްއައިޔޫގެ އިސްވެރިޔާގެ މަގާމު އަދާ ކުރެއްވީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގައި 4 ނޮވެމްބަރު 2014 އިން ފެށިގެން 21 ޖޫން 2015ގެ ނިޔަލަށެވެ.

އާތިފްގެ މައްސަލައިގެ ފުރަތަމަ ދުވަހުގެ އަޑުއެހުމުގައި އާތިފް ވަނީ ދައުވާއަށް އިންކާރު ކުރަށްވާފައެވެ. އެހެންކަމުން މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ދައުލަތުގެ ފަރާތުން ހެކި ހުށަހެޅުމެވެ. އެގޮތުން ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓަރު ޖެނަރަލް އޮފީހުގެ ވަކީލުން ވަނީ 12 ހެއްކެއް ހުށަހަޅައިފަ އެވެ. ވަކިވަކި ހެކިތަކުގެ މައުލޫމާތު ދިނުމުގެ ބަދަލުގައި ދައުލަތުން ބުނީ ދައުވާ ފޯމާ އެކު ހުށަހެޅި ހެކިތައް ދައުލަތުން ހުށަހަޅާ ކަމަށެވެ. ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު ބުނާގޮތުން ސިއްރު ހެއްކެއް ނޫންނަމަ އެ ހެކިތަކުގެ ތަފުސީލު ހާމަކުރަނީ ދިފާއުން ހެކި ހުށަހެޅުމަށްފަހުގަ އެވެ.

މިއަދުގެ އަޑުއެހުމުގައި އާތިފުގެ ފަރާތުން ދިފާއުގައި ހެކި ހުށަހަޅަން ބޭނުންވާ ކަމަށް އޭނާގެ ވަކީލާ އައިޝަތު ފަޒުނާ އަހުމަދު ވިދާޅުވުމުން، ދިފާއުގައި ހެކި ހުށަހަޅަން އޭނާއަށް ފަސް ދުވަހުގެ މުއްދަތެއް އަރުވާ ކަމަށް އަޑުއެހުން ނިންމަވާލައްވަމުން ގާޒީ އަހުމަދު ޝަކީލު ވަނީ ވިދާޅުވެފަ އެވެ.

އާތިފްގެ މައްޗަށް ދައުވާ ކުރީ، ނޮވެމްބަރު 25، 2014 ގައި އެސްއޯއެފްގެ އެކައުންޓަށް 59.45 މިލިއަން ރުފިޔާ ޖަމާކުރި މުއާމަލާތެއް ރިޕޯޓު ނުކުރާ ކަމަށް ބުނެ އެވެ. އެ މުއާމަލާތަކާ ގުޅިގެން، ބީއެމްއެލްއިން ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓެއް (އެސްޓީއާރް)އެއް އެފްއައިޔޫއަށް ފޮނުވުމުން، އެ މުއާމަލާތް ބަލައި، އެ މުއާމަލާތުގައި މަނީ ލޯންޑަރިންއަށް ޝައްކު ކުރެވޭ ކަންކަން ހުރި ކަމަށް ބެލެވޭކަން އެފްއައިޔޫއަށް އެނގެން އޮއްވާ، އެ ޔުނިޓުން އެކުލަވާލި ރިޕޯޓުގައިވާ މައުލޫމާތު ތަހުގީގު ކުރާ އިދާރާއަކަށް ފޮނުވާފައި ނުވާ ކަމަށް ދައުލަތުން ބުނެ އެވެ.

އާތިފްގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ 10،000 ރުފިޔާ އާއި 500،000 ދެމެދުގެ އަދަދަކުން ޖޫރިމަނާ ކޮށް އެއް އަހަރާ 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން