ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން ޖުމްލަ 85،110 މީހަކު ވެކްސިން ޖަހައިފިއެވެ.

މިކަމާ ގުޅޭގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މާލެ ސަރަހައްދުން ޖުމްލަ 61،777 މީހަކު މިހާތަނަށް ވެކްސިން ޖަހައިފައިވެއެވެ. އަދި މީގެ ތެރެއިން މިއަދު އެކަނިވެސް 2،700 މީހަކު ވެކްސިން ޖަހާފައިވެއެވެ.

މީގެ އިތުރުން ޖުމްލަ 23،333 މީހަކު އަތޮޅުތެރެއިން ވެކްސިން ޖަހައިފައިވާއިރު، މިއަދު 2،262 މީހަކު އަތޮޅުތެރެއިން ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާފައިވެއެވެ. އަދި މިކެމްޕޭނުގެ ދަށުން އަތޮޅުތެރެއާއި މާލެއިން މިއަދު ޖުމްލަކޮށް 4،962 މީހަކު ވެކްސިން ޖަހާފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދެވެމުންދާ ވެކްސިން ދިނުމުގެ ކެމްޕޭނު "ކޯވިޑް-19 ދިފާޢު" ރަސްމީކޮށް ފައްޓާފައިވަނީ ފެބްރުއަރީމަހު އެއްވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ ކެމްޕޭނުގައި އަދި ބޭނުންކުރަމުން ދަނީ އިންޑިޔާއިން ހަދިޔާކޮށްފައިވާ ކޮވިޝީލްޑު ވެކްސިނެވެ.

މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ކޮވިޝީލްޑު ވެކްސިނުގެ ދެލައްކަ ޑޯޒް ހަދިޔާ ކޮށްފައިވާއިރު، މިވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީން ދީފައިވަނީ ޚާއްޞަ އިމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށެވެ.

ކޮވިޝީލްޑު ވެކްސިނުގެ އިތުރުން ޗައިނާގެ ސިނޮފާމް ކުންފުނިން އުފައްދާފައިވާ ވެކްސިނުގެ 5000 ޑޯޒުވެސް ރާއްޖެއަށް ލިބިފައިވާކަމަށް އެޗްއީއޯސީއިން ހާމަކޮށްފައިވެއެވެ. ޗައިނާއިން ވަނީ ސިނޮފާމް ކުންފުނިން އުފައްދާފައިވާ ވެކްސިނުގެ 100،000 ޑޯޒު ރާއްޖެއަށް ހަދިޔާކުރުމަށް ނިންމަވާފައެވެ.

ކޮވިޝީލްޑު ވެކްސިނެކޭ އެއްފަދައިން ސިނޮފާމް ވެކްސިންވެސް ރާއްޖޭގައި ބޭނުން ކުރެވެން ފަށާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީގެ ހުއްދަލިބުމުންނެވެ.

މީގެއިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޯވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ދިނުމަށް ބޭނުންވާ 100،000 ސިރިންޖާއި، ވެކްސިން ރައްކާކުރުމަށް ބޭނުންވާނޭ 1000 ސޭފްޓީ ބޮކްސް ރާއްޖެއަށް މިއަދު ވަނީ ލިބިފައެވެ. އަދި މިއީ ޔުނިސެފުގެ އެހީތެރިކަމާއެކު ރާއްޖެއަށް ލިބިފައިވާ ތަކެތިކަމަށް ޔުނިސެފުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން