އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   24 ފެބްރުއަރީ 2021 - 16:32
ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުގެ މީހުން ގިނަވަނީ ސަރުކާރުން ގެންގުޅޭ ދީނާއި ބީރައްޓެހި ސިޔާސަތުގެ ސަބަބުން ކަމަށް ޕީޕީއެމްގެ ޕާލަމަންޓަރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މެމްބަރު ސަލީމް މިހެން ވިދާޅުވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުންނެވެ.

"ހަރުކަށިފިކުރު އިތުރުވާ ކަމުގައިވާނަމަ އިތުރުވަނީ ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތައް ނުބެލުމާއި ސަރުކާރުން ގެންގުޅޭ ދީނާ ބީރައްޓެހި ސިޔާސަތުގެ ސަބަބުން. އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމީ އަގީދާ ބަލިކަށި ކޮށްލުމަށްޓަކައި ރޭވިގެން ރާއްޖޭގައި ހިންގަމުންދާ އެކިއެކި ކަންކަމާ ދެކޮޅަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ." ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައްދުފަނައަޅާފައިވާ ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާފައިވާ ލާދީނީ ފިކުރާއި ހައްދުފަހަނައަޅާފައިވާ ވަކި ދީނެއް ގަބޫލު ނުކުރާ ފިކުރާ ދެކޮޅަށް ބޮޑެތި މަަސައްކަތްތަކެއް ކުރި ކަމަށެވެ.

ނަމަވެސް މިއަދު ފެނިގެން މިދަނީ ސަރުކާރުން އެހެން ދީންތައް ރާއްޖޭގައި ފެތުރުމަށް ހިތްވަރު ދެމުންދާތަން ކަމަށެވެ.

އެގޮތުން މިދިޔަ މަހު މާލޭގެ ކުޅިވަރު އެކުވެނީގައި އިންޑިއާ މީހުންގެ "ދީނީ ކަމެއް" ފާހަގަކުރިި ހާދިސާ އާއި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ބައެއް މީހުން މިހާރު ވެސް ސަރުކާރުގެ އިސް މަގާމުތަކުގައި ތިބުން ސަލީމް ފާހަގަ ކުރެއްވިއެވެ.

"އަދި އެ ރިޕޯޓު ލިޔުނު ފަރާތްތައް ސަރުކާރުގެ މަތީ މަގާމުތަކުގައި ބޭތިއްބުމަކީ އިސްލާމް ދީނަށް ސަރުކާރުން ގަދަރު ކުޑަކުރާކަން އަންގައިދޭ ކަމެއް. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓު ކުށްވެރި ކުރަމުން، އެ ރިޕޯޓާމެދު ރިޔާސީ ބަޔާނުގައި އަލިއަޅުވައިނުލެއްވި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ދިވެހި މި ބިމުން އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް އެއްވެސް ޖާގައެއް ދީގެން ނުވާނެ." ސަލީމުގެ ޖަވާބުގެ ބަޔާނުގައި ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ސަރުކާރުން ހައްދުފަހަނައަޅާފައިވާ ފިކުރާ ދެކޮޅަށް ގެންގުޅޭ ސިޔާސަތު ބަދަލުކޮށް ހިކުމަތްތެރި އުކުޅުތައް އިސްކުރާނަމަ އެކަންކަން ހައްލުވެގެންދާނެ ކަމަށެވެ.

ރިޔާސީ ބަޔާނުގެ ޖަވާބުގައި އިދިކޮޅުން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި ޑޮލަރު ލިބުމުގެ ދަތިކަމާއި އެކަން ހައްލުކުރަން ސަރުކާރުން މަސައްކަތް ނުކުރާކަން ފާހަގަކޮށްފައި ވެއެވެ.

މީގެއިތުރުން ކޯޓުތަކަށާއި ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒް ފޯރުވުމާއި ރައީސް އުފައްދާފައިވާ ކޮމިޝަންތަކުން ނަތީޖާ ނުނެރެވުން ވެސް ސަލީމްގެ ޖަވާބުގައި ފާހަގަ ކުރަށްވާފައި ވެއެވެ. މީގެއިތުރުން ކުރީ ސަރުކާރުން ދިން ހިޔާ ފްލެޓްތައް އަތުލުމުގެ މައްސަލައާއި ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުވުމާއި އިންޓަނެޓްގެ އަގު ހެޔޮނުވުމުގެ މައްސަލައާއި ޖިންސީ ގޯނާގެ ޝިކާރައަކަށްވާ އަންހެނުންނަށް އިންސާފު ހޯދައިދިނުމަށް ހުރަސް އެޅުންވެސް އިދިކޮޅުގެ ކަންބޮޑުވުން ތަކުގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ.

މީގެއިތުރުން ފުލުހުންނާ ސިފައިންނަށް ސިޔާސީ ނުފޫޒް ފޯރުވުމާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަހަމިއްޔަތުކަން ދޭވަރު ކުޑަވުމާއި ދީނަށް ފުރައްސާރަކުރުން ނުހުއްޓުވާކަން ވެސް ސަލީމްގެ ބަޔާނުގައި ފާހަގަ ކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން