އެންމެން މި ކިޔަނީ ހަމަ އެއް ޤާނޫނުއަސާސީއެއްތޯ ވިދާޅުވެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ސުވާލުއުފައްދަވައިފިއެވެ.

ކުރީގެ ފަނޑިޔާރު ހައިލަމް މިފަދަ ސުވާލެއް އުފައްދަވާފަައި މިވަނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި އެ ކަމުގައި ސުޕްރީމް ކޯޓަށް ބަސް ނުބުނެވޭނެ ކަމަށް، ދައުލަތުގެ ވަކީލުން ވިދާޅުވުމާއި ގުޅިގެންނެވެ.

"‏ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ގޮންޖަހައި ބަސް ބުނުމުގެ ބާރު މަޖިލީހަށް ލިބިދެވޭ، އެކަމަކު މަޖިލީހުގެ ނިންމުންތަކާމެދު ދައުލަތުގެ އެންމެ މަތީ ކޯޓަށް ބަހެއް ބުނުމުގެ ބާރެއް ނެތް؟ އެންމެން މި ކިޔަނީ އެއް ޤާނޫނުއަސާސީއެއްތޯ؟" ސުޕްރިމް ކޯޓާއި، ރައްޔިތުންގެ މަޖިލިސް އަދި އެޓާނީ ޖެނެރަލް އޮފީސް ޓެގް ކުރައްވާ ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސަކަށް ހުންނެވި ޑރ. ޖަމީލް އެ މަގާމުން ވަކިކުރީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. އެއީ ޖޫން 2015 ގައެވެ. ޕީޕީއެމްގެ މެޖޯރިޓީ އޮތް އެމަޖިލީހުން އެ ގޮތަށް ފާސްކުރިއިރު ޖަމީލް ވަކިކުރަން ޕީޕީއެމްގެ އިތުރުން އިދިކޮޅުގައި އޭރު ތިބި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން ވެސް ވޯޓް ދީފައިވެއެވެ.

2019 ގައި ޑރ. ޖަމީލު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މި މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތުން ވިދާޅުވީ ގާނޫނުއަސާސީގައި އޮންނަ ގޮތުން ރައީސާއި ނައިބު ރައީސް ވަކިކުރުމުގެ އިޖުރާއަތަކީ މަޖިލީހަށް އޮންނަ ބާރެއް ކަމަށާއި އެ އިޖުރާއަތްތައް ކަނޑައެޅުމުގެ ބާރު ވެސް އޮތީ މަޖިލީހަށް ކަމަށެވެ.

ޖަމީލު މަގާމުން ވަކި ކުރުމުގައި މަޖިލީހުގެ ގަވާއިދަށް ވެސް ބަދަލު ގެނައީ މަޖިލީހުން ކަމަށް ދައުލަތުން ފާހަގަކުރެއްވިއެވެ. ޑރ. ޖަމީލު ނައިބު ރައީސް ކަމުން ވަކިކުރަން މަޖިލީހަށް ހުށަހެޅުއްވީ 61 މެންބަރުންގެ ސޮޔާއެކުއެވެ. އަދި އޭނާ މަގާމުން ވަކިކުރަން ފާސްކުރީ 78 މެންބަރުންގެ ވޯޓުންނެވެ. އޭގެތެރޭގައި ޕީޕީއެމާއި އަމިއްލަ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި އެމްޑީޕީގެ މެންބަރުން ވެސް ހިމެނޭ ކަމަށާއި ވަކިކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ އެންމެ ދެ މެންބަރުންކަން ދައުލަތުން ފާހަގަކުރައްވާފައިވެއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންއެވެ. ދެން ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫންއާއި، ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ޑރ. ޖަމީލަކީ މިހާރު ޖަލުހުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާ ރައީސް ޢަބްދުﷲ ޔާމިންގެ ދިފާޢީ ވަކީލުންގެ ޓީމުގެ އެންމެ އިސް އެއް ވަކީލެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން