ސޯޝަލް ސެންޓަރުގައި ވެކްސިން ޖެހުމަށް މަޑުކޮށްލައިގެން ތިބި ބަޔަކު.
ސޯޝަލް ސެންޓަރުގައި ވެކްސިން ޖެހުމަށް މަޑުކޮށްލައިގެން ތިބި ބަޔަކު.
ކޮވިޑުން ރައްކާތެރިވުމަށް ކުރިއަށްދާ ވެކްސިން ޖެހުމުގެ ކެމްޕޭނުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުގައި އުމުރުން 25 އަހަރުން މަތީގެ މީހުންނަށް މިއަދުން ފެށިގެން ވެކްސިން ޖެހޭނެކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

މިކަމާ ބެހޭގޮތުން އެޗްޕީއޭއިން ބުނެފައިވަނީ މިއަދުން ފެށިގެން އުމުރުން 25 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހޭނެ ކަމަށާއި އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންގެ ތެރެއިން ދިގުމުއްދަތަކަށް ބޭސްފަރުވާކުރާ މީހުންނަަށްވެސް ވެކްސިން ޖެހޭނެ ކަމަށެވެ. މީގެއިތުރުން މާލެ ސަރަހައްދުގައި އެނދުމަތިވެފައިވާ މީހުން ބެލެހެއްޓުމުގައި އުޅޭ މީހުންނަށްވެސް މިއަދުން ފެށިގެން ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

މާލެ ސަހައްދުގައި ހަ ސެންޓަރެއް މެދުވެރިކޮށް ވެކްސިން ޖެހުމުގެ ހިދުމަތް ކުރިއަށް ގެންދެއެވެ. މިގޮތުން ސޯޝަލް ސެންޓަރު، އިސްލާމީ މަރުކަޒު، އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ (ކުރީގެ ފްލޫ ކްލިނިކް) އިން ހެނދުނު 0900 އިން ހަވީރު 1630 އަށް ވެކްސިން ދިނުމުގެ ހިދުމަތް ދެއެވެ. އަދި ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައި ހެނދުނު 0900 އިން 1300 އަށް ވެކްސިން ދިނުން ކުރިއަށް ދާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހެނދުނު 0900 އިން މެންދުރު 1200 އަށް ވެކްސިން ދިނުން ކުރިއަށް ދާނެކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން ޓްރީޓޮޕް ހޮސްޕިޓަލުގައި 40 އަހަރުން މަތީގެ މީހުންނަށް، ހެނދުނު 0900 އިން މެންދުރު 1200 އަށް ވެކްސިން ދިނުމުގެ ހިދުމަތް ދޭނެކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

ރާއްޖޭގައި މިހާރު ދެމުން އަންނަނީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިނަކީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުގައި އުފައްދާ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ވެކްސިނެވެ. އެންމެ ފުރަތަމަ އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކުރީ އެ ވެކްސިންގެ އެއްލައްކަ ޑޯޒެވެ. އަދި އިތުރު އެއްލައްކަ ޑޯޒް މި ހަފުތާގެ ތެރޭގައި ރާއްޖެއަަށް ވަނީ ލިބިފަ އެވެ. އެއީ ވެސް އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިނެވެ.

ރާއްޖޭގައި މިހާތަނަށް ޖުމްލަ 85،110 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. ނަމަވެސް މިވަގުތު މާލެއިން ވެކްސިން ޖެހުމަށް ލިބެނީ ފިނި ތަރުޙީބެއް ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން