މާލެ ސަރަހައްދުގައި ކޯވިޑް-19 ވެކްސިން ޖެހުމުގެ ޙަރަކާތުގެ ތެރެއިން. (ފޮޓޯ: ފޭސްބުކް/ދިވެހި ރެޑް ކްރެސެންޓް)
މާލެ ސަރަހައްދުގައި ކޯވިޑް-19 ވެކްސިން ޖެހުމުގެ ޙަރަކާތުގެ ތެރެއިން. (ފޮޓޯ: ފޭސްބުކް/ދިވެހި ރެޑް ކްރެސެންޓް)
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން ޖުމްލަ 95،865 މީހުން ވެކްސިން ޖަހައިފިއެވެ.

މިކަމާ ގުޅޭގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މާލެ ސަރަހައްދުން ޖުމްލަ 64،900 މީހަކު މިހާތަނަށް ވެކްސިން ޖަހައިފައިވެއެވެ. އަދި މީގެ ތެރެއިން މިއަދު އެކަނިވެސް 3،123 މީހަކު ވެކްސިން ޖަހާފައިވެއެވެ.

މީގެ އިތުރުން ޖުމްލަ 25،965 މީހަކު އަތޮޅުތެރެއިން ވެކްސިން ޖަހައިފައިވާއިރު، މިއަދު 2،632 މީހަކު އަތޮޅުތެރެއިން ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިކެމްޕޭނުގެ ދަށުން އަތޮޅުތެރެއާއި މާލެއިން މިއަދު ޖުމްލަ 5،755 މީހަކު ވެކްސިން ޖަހާފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނު، "ކޯވިޑް-19 ދިފާޢު" ރަސްމީކޮށް ފައްޓާފައިވަނީ ފެބްރުއަރީމަހުގެ އެއްވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ ކެމްޕޭނުގައި އަދި ބޭނުންކުރަމުން ދަނީ އިންޑިޔާއިން ހަދިޔާކޮށްފައިވާ ކޮވިޝީލްޑު ވެކްސިނެވެ.

މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ކޮވިޝީލްޑު ވެކްސިނުގެ ދެލައްކަ ޑޯޒް ހަދިޔާ ކޮށްފައިވާއިރު، މިވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީން ދީފައިވަނީ ޚާއްޞަ އިމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށެވެ.

ކޮވިޝީލްޑު ވެކްސިނުގެ އިތުރުން ޗައިނާގެ ސިނޮފާމް ކުންފުނިން އުފައްދާފައިވާ ވެކްސިނުގެ 5000 ޑޯޒުވެސް ރާއްޖެއަށް ލިބިފައިވާކަމަށް އެޗްއީއޯސީއިން ހާމަކޮށްފައިވެއެވެ. ޗައިނާއިން ވަނީ ސިނޮފާމް ކުންފުނިން އުފައްދާފައިވާ ވެކްސިނުގެ 100،000 ޑޯޒު ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައެވެ.

ކޮވިޝީލްޑު ވެކްސިނެކޭ އެއްފަދައިން ސިނޮފާމް ވެކްސިންވެސް ރާއްޖޭގައި ބޭނުން ކުރަން ފަށާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީގެ ހުއްދަލިބުމުންނެވެ.

މީގެއިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޯވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ދިނުމަށް ބޭނުންވާ 100،000 ސިރިންޖާއި، ވެކްސިން ރައްކާކުރުމަށް ބޭނުންވާނޭ 1000 ސޭފްޓީ ބޮކްސް ރާއްޖެއަށް އިއްޔެ ވަނީ ލިބިފައެވެ. މިއީ ޔުނިސެފުގެ އެހީތެރިކަމާއެކު ރާއްޖެއަށް ލިބިފައިވާ ތަކެތިކަމަށް ޔުނިސެފުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން