މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ކައިރީގައި އޮންނަ ކަމަށް ބުނާ ވިސާ ކިއޫ (ފޮޓޯ: ސޯޝަލް މީޑިއާ)
މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ކައިރީގައި އޮންނަ ކަމަށް ބުނާ ވިސާ ކިއޫ (ފޮޓޯ: ސޯޝަލް މީޑިއާ)
އިންޑިޔާއަށް ބޭސްފަރުވާ އަށްދިއުމަށް ދިވެހިރައްޔިތުން އުޅެންޖެހެނީ ނިކަމެތި ހާލުގައި ކަމަށާއި އިންޑިޔާއިން ދިވެހި ރައްޔިތުން ގެންގުޅެން ބޭނުންވަނީ ވަރަށް ނިކަމެތިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް ބޭސްފަރުވާ އަށްދިއުމަށް ވިސާ ހޯދަން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ދޮށުގައި ކިއުގައި ޖެހިގެން ތިބި ބައެއްގެ ފޮޓޯ ހިއްސާ ކުރައްވާ މޮސްޓާ ވިދާޅުވީ "މިއީ އެބުނާ ހެޔޮއެދޭ އިންޑިޔާއަށް ބޭސްފަރުވާއަށް ދާން ދިވެހި ރައްޔިތުން އުޅެން ޖެހޭ ނިކަމެތި ހާލު. އިންޑިޔާ އިން އެބުނަނީ މިއީ އޭ ދިވެހި ރައްޔިތުން ގެންގުޅެން ބޭނުންވާ ގޮތަކީ."

މޮސްޓާ ވިދާޅުވީ އިންޑިއާއިން ބޭނުންވަނީ ދިވެހި ރައްޔިތުން ވަރަށް ނިކަމެތިކޮށް ގެންގުޅެން ކަމަށާއި މިކަމާއި ދިވެހި ރައްޔިތުން ވިސްނުން މުހިންމު ކަމަށެވެ.

އިންޑިއާއިން ހަދިޔާކުރި ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވައި ބެލެހެއްޓުމަށް އެގައުމުގެ ސިފައިން ރާއްޖޭގައި ދިގު މުއްދަތަކަށް ތިބުމާއި އުތުރު ތިޅަފަޅު އެއްބަސްވުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ނަމަވެސް މިފަހުން ރާއްޖެ ވަޑައިގެން އިންޑިއާގެ ޚާރިޖީ ވަޒީރާއި ބައްދަލުކޮށް އިދިކޮޅު ފަރާތްތަކުން ވަނީ ދިވެހި ރާއްޖެ ހަަމަ މަގަށް އެޅުވުމަށް އިންޑިޔާގެ އެހީތެރި ކަމަށް އެދިފައެވެ.



މިހާރުގެ ސަރުކާރުން އިންޑިއާއާއި ގާތްކުޅުމެއް ބާއްވާތީ އިންޑިއާއިން ދާނީ ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުތަކަށް ބޮޑެތި ލޯނުތައްދީ ބަޖެޓް ސަޕޯޓަށާއި ބޭރުފައިސާ ހޯދައި ދިނުމަށް ވެސް އެކި ކަހަލަ ލޯނު އެހީތައް ފޯރުކޮށްދެމުންނެވެ. މީގެއިތުރުން ކޮވިޑްގެ ދަތި ކަމުގެ ތެރެއިން ވެސް ރާއްޖެއަށް ބޭނުންވާ ބައެއް ކަހަލަ މުދާ ފޯރުކޮށްދިނުމުގައި އެހީތެރިވުމާއި ބޭސްފަރުވާއަށް ބޭނުންވާ މީހުންނަށް އިންޑިއާއަށް ދަތުރު ކުރެވޭނެ މަގު ތަނަވަސް ކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން ކޮވިޑްގެ ނުރައްކާތެރި ކަމުން ސަލާމަތްވުމަށް އުފައްދާފައިވާ ވެކްސިންގެ އެންމެ ބޮޑު އެހީވެސް މިހާތަނަށް ރާއްޖެއަށް ފޯރުކޮށްދީފައިވަނީ އިންޑިއާއިންނެވެ.

މިހާރުގެ ސަރުކާރުން އިންޑިއާއިއެކު ބާއްވާ ގުޅުމާއެކު އިންޑިއާއިން ވަމުންދާ އެހީ ތަކުގެ ފަހަތުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފަދަ ކަންތައްތަކެއް ހިމެނޭކަން އިދިކޮޅު ފަރާތްތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ތިބޭ އިންޑިއާގެ އަސްކަރީ ފައުޖުގެ އަދަދު އިތުރުވެގެން ދިއުމާއި ބައެއް ކަންކަމުގައި އިންޑިއާއިން ރާއްޖެއަށް ގޮތް ކިއުމާއި އެހެން ގައުމުތަކާއެކު ގުޅުން ބޭއްވުމަށް ހުރަސް އެޅުން ފަދަ ކަންކަން ހިމެނޭކަން އިދިކޮޅުން ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން