އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   25 ފެބްރުއަރީ 2021 - 15:3
އިިދިކޮޅު ފަރާތްތަކުގެ ހަރަކާތަކަށް ފުލުހުންގެ ޓީމަކުން ހުރަސް އަޅަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
އިިދިކޮޅު ފަރާތްތަކުގެ ހަރަކާތަކަށް ފުލުހުންގެ ޓީމަކުން ހުރަސް އަޅަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
ކޮވިޑް 19 ފަދަ ބަލިމަޑުކަމެއްގައި އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ޕީޕީއެމް/ ޕީއެންސީން ކުރަމުންދާ މުޒާހަރާތަކާއިމެދު ކަންބޮޑުވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން، އެޗްއާރްސީއެމުން ބުނެފިއެވެ.

އެޗްއާރްސީއެމުން ބުނީ މާލޭގައި ޕީޕީއެމް އަދި ޕީއެންސީން ސިލްސިލާކޮށް ކުރަމުންގެންދާ މުޒާހަރާތައް ކޮމިޝަނުގެ ޓީމުތަކުން މޮނިޓަރކޮށް ބެލިއިރު މުޒާހަރާގެ ބައެއް ބައިވެރިންގެ ފަރާތުން އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް އަމަލުތައް ބަހައްޓަމުން ގެންދިޔަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ ހައްގު ބޭނުންކުރުމުގައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން، އެޗްޕީއޭއާއި، ޑަބްލިޔު.އެޗް.އޯގެ މިންގަނޑުތަކަށް ތަބާވެ، ގައިޑްލައިންތަކާ އެއްގޮތަށް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އެޗްއާރްސީއެމުން ވަނީ ނަސޭހަތްތެރިވެފައެވެ.

"ސުއްލަހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަކީ ދިވެހި ރާއްޖޭގެ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގަކަށްވާއިރު، މި ހާލަތާ ގުޅިގެން އާއްމުން ރައްކާތެރިކޮށް، މި ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހުނު ފިޔަވަޅުތަކާއެކު އާއްމު ދިރިއުޅުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅިގެން އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ކުރަމުން އައިގޮތް ވެސް ވަނީ ބަދަލުކުރަން ޖެހިފައެވެ. މިފަދަ ދަނޑިވަޅެއްގައި ވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ދިމިޤްރާތީ މުޖުތަމައެއްގައި ކޮންމެ ފަރުދަކަށް ވެސް ލިބެންޖެހޭ ހައްގެއްކަން މި ކޮމިޝަނުން ޤަބޫލުކުރަމެވެ. އަދި މިއީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި ތަންފީޒީ އިދާރާތަކުން ވެސް އިހުތިރާމްކުރަންޖެހޭނެ ހައްގެއް ކަންވެސް ކޮމިޝަނުން ދެކެމެވެ." އެޗްއާރްސީއެމުން ބުނެފައި ވެއެވެ.

ނަމަވެސް، އާއްމު ސިއްހަތުގެ ނުރައްކަލުގައި މުޅި ދުނިޔެ އޮތް މި ދަނޑިވަޅުގައި ރާއްޖެއިން ވެސް ކޮވިޑް-19 ޖެހިގެން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާއިރު މިހާލަތުގައި، އެޗްޕީއޭއާއި ޑަބްލިއު.އެޗް.އޯގެ މިންގަނޑުތަކާ ޚިލާފަށް، އެއްވެއުޅުމާއި މުޒާހަރާ ކުރުމަކީ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

2019 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19ގެ ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭވަރުގެ އާއްމު ސިއްހަތުގެ ނުރައްކަލެއް ކަމަށް ޑަބްލިޔު.އެޗް.އޯއިން 30 ޖަނަވަރީ 2020ގައި ކަނޑައަޅާފައިވާއިރު 11 މާރިޗު 2020 ގައި އެ ޖަމުއިއްޔާއިން ކޮވިޑް-19އަކީ ޕެންޑަމިކެއްކަމަށް ވަނީ ކަނޑައަޅާފައެވެ. މިއާއެކު ރާއްޖޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ގާނޫނީ ބާރުގެ ދަށުން ވަކިގޮތެއް އަންގަންދެން، މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު، ތިލަފުށި، އަދި ހުޅުލެ) ގައި އެއްފަހަރާ 10 (ދިހައެއް) މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާއްމު ތަންތަނަށް މި ދުވަސްވަރު އެއްވެ އުޅުން މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ އިރު އެ ގައިޑްލައިންތަކާ އެއްގޮތަށް މުޒާހަރާތައް ކުރިއަށް ގެންދިއުމަށް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން މުޒާހަރާ ރޫޅާލުމުގައި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ބާރުގެ ބޭނުން ކުރުމަށާއި، މުޒާހަރާ މޮނިޓަރ ކުރާ މީޑިއާތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއަށް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން