ކުރީގެ ހެލްތު މިނިސްޓަރ ޑރ. އަހުމަދު ޖަމްޝީދު މުހައްމަދު. (ފޮޓޯ: ރައީސް އޮފީސް)
ކުރީގެ ހެލްތު މިނިސްޓަރ ޑރ. އަހުމަދު ޖަމްޝީދު މުހައްމަދު. (ފޮޓޯ: ރައީސް އޮފީސް)
ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ދޭންފެށުމަކީ ތާރީޚީ ކާމިޔާބީއެއްކަމަށް ކުރީގެ ހެލްތު މިނިސްޓަރ ޑރ. އަހުމަދު ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމްޝީދު މިހެން ވިދާޅުވެފައިވަނީ ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްދާ ވެކްސިންޖެހުމުގެ ކެމްޕޭނުގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ހިލާފަށް ނުވަތަ ޞައްޙަ ލިޔެކިޔުން ނެތް ބިދޭސީންނަށް އިއްޔެ ވެކްސިން ޖަހަން ފެށުމުންނެވެ. މިކަމާ ގުޅިގެން ޑރ. ޖަމްޝީދު ވިދާޅުވަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވެކްސިން ދޭންފެށުމަކީ ތާރީޚީ ކާމިޔާބީއެއްކަމަށެވެ. މީގެއިތުރުން، އެކި ބަލިމަޑުކަމުގެތެރެއިންނާއި، ނުރައްކާތެރި ބަލިތަކުން ސަލާމަތްވެވެން އޮތީ އެންމެންވެސް ރައްކާތެރިވެގެން ކަމަށް ޑރ. ޖަމްޝީދު ވިދާޅުވެފައިވެއެވެ.

"މިއީ ރާއްޖޭގެ ޕަބްލިކް ހެލްތު ދާއިރާއަށް ލިބުނު ތާރީޚީ މުހިންމު ކާމިޔާބީއެއް. އެކި ބަލިމަޑުކަމުގެ ތެރެއިންނާއި، ނުރައްކާތެރި ބަލިތަކުން ސަލާމަތްވެވެން އޮތީ އެންމެންވެސް ރައްކާތެރިވެގެން." ޑރ. ޖަމްޝީދު ވިދާޅުވިއެވެ.



ރާއްޖޭގައި ވެކްސިން ދިނުމުގައި ދިވެހިންނާއި ބިދޭސީން ތަފާތުނުކުރާކަން ފާހަގަކޮށް ރާއްޖެއާއި ރާއްޖޭން ބޭރުގެ ގިނަ ބަޔަކު ވަނީ ރާއްޖެއަށް ތަޢުރީފްކޮށް މަރުހަބާވެސް ކިޔާފަައެވެ.

ރާއްޖޭގައި ދިރިއުޅޭ ލިޔެކިޔުން ނެތް ބިދޭސީންނަށް ވެެކްސިން ދޭން ފެށުން ފާހަގަކޮށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ ރާއްޖޭގައި އެއްވެސް ތަފާތު ކުރުމެއްނެތި ވެކްސިން ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ކޮވިޑު ފެތުރުމުގައި އެއްވެސް ތަފާތެއް ނެތްއިރު، ކޮވިޑު ބަލިން ސަލާމަތް ވުމުގައިވެސް އެއްްވެސް ތަފާތު ކުރުމެއް ގެންގުޅެގެން ނުވާނެ ކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

"ކޮވިޑު ފެތުރުމުގައި އެއްވެސް ތަފާތެއް ނެތްއިރު، ކޮވިޑު ބަލިން ސަލާމަތް ވުމުގައިވެސް އެއްްވެސް ތަފާތު ކުރުމެއް ގެންގުޅެގެން ނުވާނެ. ރާއްޖޭގައި ވެކްސިން ދިނުމުގައި އެއްވެސް ތަފާތު ކުރުމެއްނެތި ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވެމުންދޭ. އުންމީދަކީ މިމަސައްކަތުގައި އެކަކުވެސް ބާކީ ނުކުރުން." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ހާއްސަކޮށް ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިން ޖަހަން ފަށާފައިވަނީ އިއްޔެގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިން ޖެހުން ކުރިއަށް ގެންދެވެނީ ދިވެހި ރެެޑް ކްރެސެންޓާއި އެޗްޕީއޭ ގުޅިގެންނެވެ.

ލިޔެކިޔުން ނެތް ބިދޭސީން ވެކްސިންޖެހުމަށް ރަޖިސްޓަރ ކުރުމަށް ދިވެހި ރެޑް ކްރެސެންޓުން ވަނީ މިހަފްތާ ކުރީކޮޅު ހުޅުވާލާފައެވެ. އެގޮތުން ވެކްސިން ޖެހުމަށް ރެޖިސްޓަރީވާ ލިޔެކިއުންނެތް ބިދޭސީންގެ ޒާތީ އަދި ސިއްހީ މައުލޫމާތު ބަލަހައްޓައި ރައްކާކުރަމުންދާނީ ދިވެހި ރެޑް ކްރެސެންޓުން ކަމަށް އެފަރާތުން ހާމަކޮށްފައިވެއެވެ. އަދި މިމަޢުލޫމާތު ހިއްސާކުރެވޭނީ ހަމައެކަނި ކޮވިޑް-19 ވެކްސިނޭޝަން މަސައްކަތުގައި ހަރަކާތްތެރިވާ ސިއްހީ ވުޒާރާތަކާއި ކަމަށް ދިވެހި ރެޑް ކްރެސެންޓުން ވަނީ ޔަގީންކަން ދީފައެވެ.

ލިޔެކިއުންނެތް ބިދޭސީން ވެކްސިން ޖެހުމަށް ރެޖިސްޓަރވުމަށް ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލައިފައިވާއިރު، ދިވެހިންނާއި ވޯކްޕަރމިޓް ހަމަނުވާ ބިދޭސީން ވެކްސިން ޖެހުމަށް އެޗްޕީއޭއިން ގާއިމްކޮށްފައިވާ މައި ހެލްތު ޕޯޓަލްގައި ރަޖިސްޓަރ ކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން