ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް 184 މީހަކު ޕޮޒިޓިވްވެ 192 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 19،346 އަށް އަރާފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2،441 ގައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 145 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 39 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 24 މީހަކާއި އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 10 މީހަކު ހިމެނެއެވެ.

އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 162 މީހުންނަށެވެ. އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 3،993 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ 510،506 ސާމްޕަލް ނަގާފައިވެއެވެ.

ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 192 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 16،838 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 60 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން