އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   26 ފެބްރުއަރީ 2021 - 15:2
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭންޖެހޭ ވާހަކަ ހުއްޓާނުލާ ދައްކަވާނެކަމަށާއި އެއީ އެމަނިކުފާނުގެ މުޅި ސިޔާސީ ހަޔާތްޕުޅުގައި ދައްކަވަމުން އަންނަ ވާހަކައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާން ޖެހޭކަމަށާއި އެމްޑީޕީން ސަރުކާރުގައި ދެމި ތިބިހާ ހިނދަކު އެއީ ރާއްޖޭގެ ރައްޔިތުންނަށް ދަރާފައިވާ ބޮޑު ދަރަންޏެއް ކަމަށެވެ.

"އެމްޑީޕީން ތިބޭފުޅުންގެ އުންމީދުތައް ބޮލާލާ ޖަހައެއް ނުލާނެ. މާލޭ ރައްޔިތުންނަށް އަދި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެއީ ކުޅުދުއްފުއްޓަކަސް ފޯއްމުލަކަކަސް އައްޑު އަކަސް ބައިބޯ ކޮންމެ ރަށަކަށްވެސް ބޯހިޔާވަހިކަން މިދަނީ އިންތިހާއަށް މައްސަލައަކަށް ވެގެން. އެމައްސަލަ ގުނަވެގެން ގުނަވެގެން އައި، ދެން ނެރުނު މައްސަލަ މާލެއިން މިއަދު މިފެންނަނީ. ރާއްޖޭގެ ހުރިހާ ރަށެއް އެހެން ވާކަށް އަޅުގަނޑަށް ކަށަވަރު އަޅުގަނޑުމެން ދުލެއް ނުކުރާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މިހާތަނަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބިފައިވަނީ އެމްޑީޕީގެ ނިޒާމުގެ ތެރެއިން ކޮންޓްރެކްޓް ކުރެވިގެން އަޅާފައިވާ ފްލެޓްތަކުން ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގެ 5 އަހަރު ހޭދަކުރެއްވީ ފްލެޓް އެޅުމުގައި ނޫންކަމަށާ ރައީސް ޔާމީން ސަރުކާރުގައި މީހުން ވައްދާފައިވާ ފްލެޓްތަކަކީ އެމްޑީޕީން އުފެއްދި ކޮންޓްރެކްޓްތަކެއްގައި އަޅާފައިވާ ފްލެޓްތަކެއް ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރުގައި ދެމި ތިބޭނަމަ، އަޅުގަނޑުމެން ސިޔާސީ މަސައްކަތުގައި ދެމިތިބޭނަމަ، އެއީ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ދަރާފައިވާ ބޮޑު ބޮޑު ބޮޑު ދަރަންޏެއް. އެކަން ގަބޫލުކުރަން ޖެހޭނެ. ޚާއްސަކޮށް މިމާލޭގައި ދިރިއުޅޭ ނިކަމެތި ރައްޔިތުންނަށް. އެންމެފަހުން ނިކުތް އިންތިޚާބުގައިވެސް އަޅުގަނޑުމެން ބުނިން ގޯތި ކަނޑާފައި ދޭނަމޭ. އޭނާ އެބައަހާ އަޅުގަނޑު ގާތުގައި ކޮބާހޭ އެބިންކޮޅު. އޭނާ އެބައަހާ ކޮބާހޭ ތިމަންނަގެ ފްލެޓް، ތިމަންނަގެ ބޯހިޔާވަހިކަން. އަޅުގަނޑުމެންގެ ސިޔާސީ ހަޔާތް ބިނާވެފައި އިންނާނީވެސް ކުރިޔަށް ގެންދަނީވެސް އެމުހިންމު މަސައްކަތް ހަގީގަތަކަށް ހެދުމަށް. އަޅުގަނޑު އިތުބާރު ކުރަން ރައީސަށް. އަޅުގަނޑަށް އެނގޭ ރައީސާ އެކީގައި މިކަން ކުރެވޭނެކަން. އަޅުގަނޑަށްވެސް އެނގޭ އަޅުގަނޑުމެންނަށް މިކަން ކުރެވޭނެކަން. އަޅުގަނޑުމެން މިތިބީ 2021 ވަނަ އަހަރުގައިކަން އެކަންވެސް ސާފު." ރައީސް ނަޝީދު، އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ މަތީން ހަނދުމަ ކުރަށްވަމުން ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު ކައުންސިލްތަކުގެ ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކާއެކު ކައުންސިލްތަކަށް ފްލެޓް އެޅުމުގެ ޖާގަ ލިބިދިނުމުގެ އިތުރުން ބިން މިލްކުކުރުމާއި ބިމުން ވިޔަފާރި ކުރުމުގެ ބާރު ވެސް ކައުންސިލްތަކަށް މިހާރު ޤާނޫނުން ލިބިދޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން