އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   26 ފެބްރުއަރީ 2021 - 15:13
ރޭ އެމްޑީޕީން ބޭއްވި ރަސްވެހި ފަތިސް ކެމްޕޭން އިފްތިތާހުކުރުމުގެ ތެރެއިން (ފޮޓޯ- ސޯޝަލް މީޑިއާ)
ރޭ އެމްޑީޕީން ބޭއްވި ރަސްވެހި ފަތިސް ކެމްޕޭން އިފްތިތާހުކުރުމުގެ ތެރެއިން (ފޮޓޯ- ސޯޝަލް މީޑިއާ)
އެމްޑީޕީން މިފަހަރު ނިކުމެ މިތިބީ ވާދަވެރިން ތިން ބަލިން ބަލިކޮށް ހެޓްރިކެއް ހަދަން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރިޔަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

"މިސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ، އިންސާފު ރާއްޖޭގެ ރައްޔިތުންނަށް ހޯދައިދޭނެ. ރައީސްގެ ޒައާމަތުގައި ވެރިކަމަށް އައިސް މިތިބީ ވަރަށް ބޮޑަށް މިހިޔާނާތުގެ އެންމެ އަޑި ހޯދާނެކަމަށް ރައްޔިތުން ގާތު ބުނަމުން. އެއިންސާފު ހޯދުން ހުއްޓައެއް ނުލާނަން. އަނިޔާވެރިކަމާއެކު މަރާލާފައިވާ ހުރިހާ އެންމެން ގެއްލިފައިވާ މީހުންނަށް ވީގޮތް، މަރުތަކަށް ވީގޮތް ހޯދުން ހުއްޓައެއް ނުލާނަން." ރިޔާސީ ވަޢުދުތަކާއި މަޖިލިސް އިންތިޚާބުގައި ވިއްކި އެޖެންޑާ 19 ގެ ބައެއް ވަޢުދުތަކުގެ މަތީން ހަނދުމަފުޅު ކުރަށްވައި އެވާހަކަތައް ތަކުރާރު ކުރަށްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.



ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީ ރައްޔިތުންނަށް ސަލާމަތްތެރިކަމާއެކު އުޅެވޭނެ ގޮތެއް ހޯދައިދިނުން ކަމަށެވެ. މީގެއިތުރުން އިންސާފު ހޯދައިދޭނެކަމަށް އެމްޑީޕީން ބުނަމުން އަންނަ ކަންކަން ހުއްޓުމެއްނެތި ކުރަމުންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ރޭގައި ތަކުރާރުކޮށް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތަކަށް އިންސާފު ހޯދައިދޭނެ ވާހަކަ ވިދާޅުވި ނަމަވެސް މިވެރިކަމަށް ތިން އަހަރު ވެގެންދާއިރު އެވިދާޅުވާ އެއްވެސް މަރަކަށް އިންސާފު ލިބިފައި ނުވުމާއި އަދި އެވިދާޅުވާ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ އެންމެ ލާރިއެއް ވެސް މިހާތަނަށް ހޯދިފައި ނުވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. މީގެއިތުރުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި މިސަރުކާރަށް ދަޢުވާ އުފުލައި ހުކުމެއް ކުރެވިފައިވަނީވެސް ކުރީގެ ސަރުކާރުން އެމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށް ތަހުގީގު ހިންގައި ޝަރީޢަތަށް ހުށައަޅައި ދަޢުވާކޮށްފައިވާ ދެފަރާތެއްގެ އިތުރުން ކުރީގެ ރައީސް ރައީސް ޔާމީންގެ މައްޗަށް އެކަނި ކަމަށްބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުން ފައިސާ ލިބުނު ކަމަށް ބުނާ ދިގު ލިސްޓުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހާއި 19 ވަނަ މަޖިލީހުގެ މެންބަރުން ހިމެނޭއިރު މިސަރުކާރުގެ އިސް މަގާމުތަކުގައާއި ސަލާމަތީ ބާރުތަކުގައިވެސް އެޚިޔާނާތުގެ ފައިސާ ލިބުނު މީހުން ހިމެނޭ ކަމަށް އެލިސްޓުން ހާމާވީ ނަމަވެސް އަދި އެއިން އެއްވެސް ފަރާތަކާއި ދެކޮޅަށް ތަހުގީގެއް ހިންގާފައެއް ނުވެއެވެ. މި ސަރުކާރުން އެވާހަކަ ދައްކަނީ ވަކި ދުވަސްވަރެއްގައި ވަކި މުނާސަބަތުތަކާއި ގުޅުވައިގެން ދައްކާ ވާހަކައެއްގެ ގޮތުގައިކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން