އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   26 ފެބްރުއަރީ 2021 - 15:43
ރައްޔިތުންގެ ބޯހިޔާވަހިކަމަކީ ކުޅޭކުޅޭ އެއްޗެއް ނޫންކަމަށާއި ހިޔާ މަޝްރޫޢުގެ އެއްކޮޓަރީގެ އެޕާޓްމަންޓްތައް ގެއްލި، ފޯމުތައް ބާތިލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

މިސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ރައީސް މައުމޫންގެ ދަރިކަނބަލުން، ދުންޔާ މައުމޫން ވިދާޅުވީ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގުޅިގެން ނިންމާ ނިންމުންތައް ވާން ޖެހޭނީ އިންސާފުވެރި ނިންމުންތަކަކަށް ކަމަށެވެ.

"ހިޔާ ފްލެޓް ތަކުގެ 1 ކޮޓަރި އެޕާޓްމަންތްތައް ގެއްލި ފޯމުތައް އޮޅުން ބޮޅުމެއްގެ ތެރޭގައި ބާތިލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ރައްޔިތުންގެ ބޯހިޔާ ވަހި ކަމަކީ ކުޅޭ ކުޅޭ އެއްޗެއް ނޫން އަދި ބޯހިޔާ ވަހިކަމާ ގުޅިގެން ނަގާ ނިންމުންތައް ވާން ޖެހޭނީ އިންސާފުވެރި ނިންމުންތަކަށް." ދުންޔާ ވެސް ހިމެނިވަޑައިގެންނެވި ރައީސް ޔާމީންގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ހިމެނުނު އެއްކޮޓަރީގެ އެޕާޓްމެންޓްތަކުގެ ކެޓަގަރީތައް އުވާލައި ފޯމްތައް ބާޠިލުކޮށްފައިވާ މައްސަލައަށް އިޝާރާތް ކުރަށްވައި ދުންޔާ ވިދާޅުވިއެވެ.

މިމައްސަލައިގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ ހިޔާ މަޝްރޫއުގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓްތައް ލިބުނު ގިނަ ބަޔަކަށް ފްލެޓް ނުދީ އެ ފްލެޓްތައް ބާތިލުކުރަން ޖެހުނީ އެ ފްލެޓުތައް އަޅަން ކުންފުނިތަކާ ހަވާލުކުރި އެއްބަސްވުމާ އެއްގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަމަލުކޮށްފައި ނުވާތީ އެވެ.

އަސްލަމް ވިދާޅުވީ އެއް ކޮޓަރީގެ އެޕާޓްމެންޓުތައް އަޅަން 20 ކުންފުންޏަކަށް ދޭން ސަރުކާރުން އޭރު ނިންމައި އެއްބަސްވުންތަކުގައި ސޮއިކުރީ ނޮވެމްބަރު 5، 2017 ގައި ކަމަށެވެ. މީގެ ތެރެއިން ގިނަ ކުންފުނިތަކުން ފްލެޓުތަކުގެ މަސައްކަތް ނުވެސް ފަށާ ކަމަށާއި މި ވަގުތު އެއްބަަސްވުން ޓާމިނޭޓް ނުކޮށް އޮތީ ހަތް ކުންފުނި ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތައް ވިސްނިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ނެތް އެއްޗެއް ދެވޭނެ ގޮތެއްވެސް ނޯންނާނެކަމަށެވެ. އެގޮތުން 2780 މީހުންނަށް ނެތް ފްލެޓް ދިނުމަށް ކުރީ ސަރުކާރުން ލިޔުން ހަވާލު ކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިލިޔުން ޙަވާލުކޮށްފައިވަނީވެސް ސަރުކާރު ބަދަލުވުމުގެ މަރުޙަލާގައި 04 ނޮވެމްބަރ 2018ގައި ކަމަށެވެ.

ހިޔާ މަޝްރޫޢުގެ އެއްކޮޓަރީގެ އެޕާޓްމަންޓް ތަކުގެ ފްލެޓްތައް ބާތިލް ކުރުމާ ގުޅިގެން ސަރުކާރަށް ދަނީ ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވަމުންނެވެ.

އެގޮތުން ހިޔާ މަޝްރޫއުގައި ދޭން އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓުތަކަށް ހުށަހެޅި ފޯމުތައް ފަހު ވަގުތު ބާތިލު ކުރުމުގައި ގާނޫނާ ޚިލާފު ކަންތައްތަކެއް ހިނގާފައިވޭތޯ ބަލައި މައްސަލަ ޝަރީއަތަށް ހުށަހަޅަން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)އިން ވަނީ މަސައްކަތް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން