އިދިކޮޅު ކޯލިޝަންގެ މުޒާހަރާއެއްގެ ތެރެއިން
އިދިކޮޅު ކޯލިޝަންގެ މުޒާހަރާއެއްގެ ތެރެއިން
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަން ކަމުގެ ވާހަކަ އަޑުހަރުކޮށް ދެއްކި މީހުން މިއަދު މިއުޅެނީ ބަޔަކު އެއްވެދާނެތީ ބިރުންކަމަށް އިދިކޮޅު މައިޕާޓީ، ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ ޑިމޮކްރަސީ މިހިރަ އުތުރި އަރަނީ ކަމަށާ ހިޔާލުފާޅުކުރުމާ އެއްވެ އުޅުމުގެ މިނިވަން ކަމުގެ ވާހަކަ އަޑުހަރުކޮށް ދެއްކި މީހުންނަށް މިއަދު ރައްޔިތުން ނޭވާލާތީވެސް އުނދަގޫވާ ކަމަށެވެ.

"ޑިމޮކްރަސީ މިހިރަ އުތުރި އަރަނީ ޚިޔާލުފާޅުކުރުމާ އެއްވެ އުޅުމުގެ މިނިވަން ކަމުގެ ވާހަކަ އަޑުހަރުކޮށް ދެއްކި މީހުން މިއަދު މިއުޅެނީ ރައްޔިތުން ނޭވާލާތީވެސް އުނދަގޫވެގެން. ނޫނީ ބިރުން. މިދެން ފުކެއް ބޮޑުވަރު." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވާއިރު އިިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މިއަދު ހަވީރު މާލޭގެ އެކި ހިސާބުތަކުގައި މުޒާހަރާ ކުރުމަށް ވަނީ ރާވާފައެވެ. ޕީޕީއެމުން ބުނަމުން ގެންދަނީ މި މުޒާހަރާ ކުރިއަށްދާނީ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށާ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވީނަމަވެސް، އަދި ޤާނޫނުގައި ވެސް މުޒާހަރާ ނުކުރެވޭނެކަމަށް ބަޔާންކޮށްފައި ނެތް ކަމަށެވެ.

ކޮވިޑު-19ގެ މި ހާލަތުގައި އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފަށް މާލޭގައި މުޒާހަރާ ކުރާތީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ސުލްހަވެރިކަމާއެކު، އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ހައްގަކަށް ވިޔަސް ބަލިން ރައްކާތެރިވުމަށް އަޅަން ޖެހުނު ފިޔަވަޅުތަކާއެކު، އެ ހައްގުގެ ބޭނުން ކުރަމުން އައިގޮޮތް ވެސް ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.

"ނަމަވެސް، އާއްމު ސިއްހަތުގެ ނުރައްކަލުގައި މުޅި ދުނިޔެ އޮތް މި ދަނޑިވަޅުގައި ރާއްޖެއިން ވެސް ކޮވިޑް-19 ޖެހިގެން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާއިރު މި ހާލަތުގައި، ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ ހިލާފަށް އެއްވެ އުޅުމާއި މުޒާހަރާ ކުރުމަކީ މި ކޮމިޝަނުން އިންތިހާ އަށް ކަންބޮޑުވާ ކަމެކެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައި ވެ އެވެ.

ފުލުހުން ވެސް ވަނީ އިދިކޮޅުން ބާއްވަމުންދާ މުޒާހަރާތަކަކީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އަދި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ވެސް ހިލާފަށް ބާއްވާ މުޒާހަރާތަކެއް ކަމަށް ބުނެފައެވެ. އަދި އެގޮތަށް މުޒާހަރާ ބާއްވާ ކަމުގައިވާނަމަ ބެލެވޭނީ އެއީ ޤާނޫނު ހިންގުމަށް ހުރަސް އެޅުމަށް ހިންގޭ އަމަލެއްގެ ގޮތަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން