އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   27 ފެބްރުއަރީ 2021 - 15:48
މާލޭގައި ހިންގާ ފިހާރައެއް
މާލޭގައި ހިންގާ ފިހާރައެއް
ޓްރޭޑް ޤަވާއިދުތައް އިސްލާހުކުރަންޖެހިފައިވާ ކަމަށާއި މިޒަމާނުގައި އޮފީހަކީ ސްމާޓް ފޯނު ކަމަށް ސައިރިކްސް ކޮލެޖްގެ އިސްވެރިޔާ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ވެސް ގިނަ ތަޖުރިބާ ތަކެއް ކުރަށްވާފައިވާ ސައިރިކްސް ޝަރީފް މިހެން ވިދާޅުވީ އޮފީހެއް ނެތަސް ޓްރެވެލް އޭޖެންސީ ހިންގޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ޤަވާއިދު އިސްލާހު ކުރުމާ ގުޅިގެން އެކަމަށް ތާއީދު ކުރަށްވައި ވާހަކަ ދައްކަވަމުންނެވެ.

"މިއީ ކުދި އަދި މެދުފަންތީގެ ޓްރެވެލް އޭޖެންސީ ތަކަށް ކުރިޔަށް ދެވޭނެ ގޮތަށް ހެދިފައިވާ އުސޫލެއް. މިޒަމާނުގައި އޮފީސް އެއީ އޭނާގެ ސްމާޓް ފޯން އަދި އޭނާ ހުރި ކޮންމެ ތަނަކުންވެސް އިންޓަރނެޓް މެދުވެރިކޮށް ހިދުމަތް ދެވިދާނެ. ޓްރޭޑް ޤަވާއިދުތައް ވަނީ އިސްލާހު ކުރަންޖެހިފަ." ރާއްޖޭގެ ވިޔަފާރިއާއި ގުޅުންހުރި އެފަދަ ގަވާޢިދުތައް އިސްލާހު ކުރަން ޖެހިފައިވާ ކަމަށް އިޝާރާތް ކުރަށްވައި ޝަރީފު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި މި ގަވާއިދުގައި ދިވެހިންނަށް އިތުރު ފުރުސަތުތަކެއް ހުޅުވާލެވި އަލަށް މި ވިޔަފާރިއަށް ވަންނަ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދީފައިވެ އެވެ.

ކުރީގައި ޓްރެވަލް އޭޖެންސީއެއް ހުޅުވޭނީ އޮފީހެއް ހުރެގެންނެވެ. އަލަށް އެފަދަ މަސައްކަތެއް ފަށާ ނަމަ ޓޫރިޒަމް މިނިސްޓްރީން ގޮސް ޝަރުތުތައް ފުރިހަމަވޭތޯވެސް ބަލައެވެ. އެކަމަކު އަލަށް ގެނައި ބަދަލާ އެކު ޓްރެވަލް އޭޖެންސީއެއް ފަށާ އިރު ޓޫރިޒަމް މިނިސްޓްރީން އެ ތަންތަން އިންސްޕެކްޓެއް ވެސް ނުކުރާނެ އެެވެ.

އަލަށް އެކުލަވާލި ޤަވާއިދުގައި ބުނެފައިވަނީ ޓްރެވަލް އޭޖެންސީގެ އޮފީހެއް ނެތް ނަމަވެސް ހިދުމަތްދޭ ފަރަތާއި ގުޅޭނެ ނަންބަރެއް އަދި އީމެއިލް އެޑްރެހެއް އޮންނަންވާނެ ކަމަށެވެ. އަދި ކުންފުންޏަށް ޖަވާބު ދާރީ ވާނެ ފަރާތެއް އައްޔަނުކޮށް އެފަރާތަކާ ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހެއް އޮތުން ލާޒިމުކޮށްފައިވެ އެވެ.

ރާއްޖޭގައި 400 އަށް ވުރެ ގިނަ ޓްރެވަލް އެޖެންޓުން އެބަތިއްބެވެ. މިދާއިރާއިން ދިވެހި ޓްރެވަލް އެޖެންޓުންނަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ފަދަ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން