މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)
ކޮވިޑުގެ ތިން ވަނަ ރާޅާއެކު ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވިއިރު، ކޮވިޑުގެ ތިން ވަނަ ރާޅާއެކު، ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު ގިނަވުމާއެކު އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. މީގެ ސަބަބުން ވިޔަފާރިތަކަށާއި އާންމު ރައްޔިތުންގެ އާމްދަނީއަށް ވެސް އިތުރު ލޮޅުންތައް އަރަމުންދާކަން ފާހަގަ ކުރެވެއެވެ.

މިކަމާއި ގުޅިގެން ޝަރީފް ވިދާޅުވީ ކޮވިޑުގެ ތިންވަނަ ރާޅު ގިނަ ދުވަސް ތަކަކަށް ދެމިގެން ދާނަމަ ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިިތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. މީގެތެރެއިންވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެކަމަށް ޝަރީފް ވިދާޅުވިއެވެ. މިއާއެކު މިވިޔަފާރިތަކަށް ފައިސާގެ އެހީތެރިކަމާއި ވިޔަފާރިތަކުން ބޭންކުތަކާއެކު ވެފައިވާ އެއްބަސްވުންތަކަށް ނުވަތަ ކޮށްފައިވާ މުއާމަލާތްތަކަށް އިތުރު ލުއިތަކެއް ހޯދަން ބޭނުން ވާނެކަން ޝަރީފް ވަނީ ފާހަގަކުރަށްވާފައެވެ.

"ކޮވިޑުގެ ތިން ވަނަ ރާޅު ދިގުދެމިގެން ދިއުމާއެކު ރާއްޖޭގެ އިގްތިސާދަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޮށްފައިވާ ނޭދެވޭ އަސަރު ތަކުން އަރައިގަތުމަށް، މާލީ އެހީތެރިކަމާއި، އެވިޔަފާރިތަކުން ބޭންކުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގައި ލުއިތަކެއް ލިބުމުގެ ބޭނުން ޖެހޭނެ." ޝަރީފް ވިދާޅުވިއެވެ.



ކޮވިޑްގެ ތިންވަނަ ރާޅު ދިގުލައިގެން ގޮސް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އަޅާފައިވާ ފިޔަވަޅުތައް ވެސް މިހާރު ވަނީ އިތުރަށް ހަރުކަށި ކޮށްފައެވެ. އެގޮތުން ކެއިންބުއިމުގެ ޚިދުމަތްދޭ، ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަން ހުޅުވައިގެން ޚިދުމަތްދޭ ގަޑިތައްވެސް ވަނީ ކުޑަކޮށްފައެވެ. މިކަމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ގެއްލުންވަމުންދާ ކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ.

މީގެ ކުރިންވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މިފަދަ ހަރުކަށި ފިޔަވަޅުތަކެއްް އެޅިއެވެ. އަދި މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރި ތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ފައިސާގެ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން މިދިޔަ އަހަރު އެކި ލޯން ސްކީމްތައް ވެސް ހިންގިއެވެ. އަދި ބޭންކް ތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ވެސް ބޮޑެތި ލުއިތައް ވަނީ ދީފައެވެ.

ނަމަވެސް މިފަދަ އެހީތެރިކަމެއް މިއަހަރަށް ހާއްސަ ކުރެވިފައިވާކަމެއް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން