ޝެއިޚް ޢަލީ ޒައިދު.
ޝެއިޚް ޢަލީ ޒައިދު.
ހަމައެކަނި މިސްކިތްތަކުގައި ނަމާދުކުރުމަށް ހެދޭ ރަސްމީ ޖަމާއަތްތައް ހެދުން ހުއްޓާލައިގެން ކޮވިޑް ކޮންޓްރޯލް ނުކުރެވޭނެ ކަމަށް އިސްލާމްދީނުގެ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ކޮވިޑުގެ ތިން ވަނަ ރާޅާއެކު، ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު ގިނަވުމާއެކު އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. މިހާލަތުގައި މިސްކިތްތަކުގައި ގައިދުރުކަން އިސްނުކޮށް ޖަމާއަތް ހެދުމުގެ ސަބަބުން ކޮވިޑް ފެތުރުން އިތުރު ވެދާނެކަމުގެ ބިރުހީވުމާއެކު ގިނަ އިލްމުވެރިންނާއި އާންމުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

މިގޮތުން މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ހުއްޓާލުމުން ކުރިމަތިވެދާނެ ބައެއް ގެއްލުންތައް ހިއްސާ ކުރައްވަމުން ޒައިދު ވިދާޅުވީ ޖަމާއަތަށް ނަމާދުކުރުން ހުއްޓާލަންވާނީ ފުލް ލޮކްޑައުން އަކަށް ދާނަމައެވެ. އަދި ހަމައެކަނި މިސްކިތްތަކުގައި ނަމާދުކުރުމަށް ހެދޭ ރަސްމީ ޖަމާއަތްތައް ހެދުން ހުއްޓާލައިގެން ކޮވިޑް ކޮންޓްރޯލް ކުރެވޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ޝެއިޚް ޒައިދު ވިދާޅުވިއެވެ.

"ހަމައެކަނި މިސްކިތުގައި ރަސްމީ ޖަމާއަތް ހުއްޓާލައިގެން ކޮވިޑް ކޮންޓްރޯލް ކުރެވިދާނެކަމަކަށް ގަބޫލު ނުކުރެވޭ. ޖަމާއަތް ހުއްޓާލަންވާނީ މުޅިރަށަށް އެނގުންވާވަރަށް ހުރިހާ ދިމާލަކުންވެސް އެއްވުން މަނާކުރެވި ފުލް ލޮކްޑައުންއަކަށް ދާނަމަ އެކަނި." ޒައިދުގެ ޓްވީޓުގައި ވިދާޅުވިއެވެ.



ޒައިދުގެ ޓްވީޓުގައި މިސްކިތުގައި ޖަމާއަތް ހެދުން ހުއްޓާލުމާއި ގުޅޭގޮތުން ކުރިމަތިވެދާނެ ބައެއް ގެއްލުންތައް ހިއްސާކުރަށްވަމުން ވިދާޅުވީ، މާލޭގައި ގޯތި ގެދޮރުގެ ދަތިކަން ހުރުމުގެ ސަބަބުން ކޮންމެ މީހަކަށް ގޭގައި ނަމާދު ކުރަން ދަތިވުމާއިއެކު މިސްކިތައް ދާން މަޖުބޫރުވާނެކަމަށެވެ. އަދި އާންމު ތަންތަނުގައި އެތައް އިރެއްވަންދެން ގިނަބަޔަކު އެއްވެ ތިބިކަމުގައިވިއަސް މިސްކިތްތަކުގައި ނަމާދުގެ ޖަމާއަތުގައި ހޭދަވަނީ ކުޑަ ވަގުތުކޮޅެއް ކަމަށްވެސް ޒައިދު ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓުވައިފިނަމަ މީސްތަކުންގެ ހިތްތަކުގައި ސަރުކާރާމެދު ނަފްރަތު އުފެދި، ސަރުކާރުން އުޅެނީ ދީނީ ޝިޢާރުތަކަށް ހުރަސް އަޅަންކަމަށް ތުހުމަތު ކުރެވޭނެ ކަމަށް، ޒައިދު ވިދާޅުވެފައި ވެއެވެ.

މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓުވުމުގެ ބަދަލުގައި އެޅިދާނެ ބައެއް ރައްކާތެރިކަމުގް ފިޔަވަޅުތަކުގެ ގޮތުގައި، ބަންގި ގޮވާނިމިގެން ވަގުތުން ގަމަތްދީ ނަމާދަށް ފެށުމާއި، ނަމާދުގައި ވީހާވެސް ކުރުކޮށް ކިޔެވުމާއި، މިސްކިތުގައި ގިނަ ވަގުތު ހޭދަ ނުކުރަން އެންގުމާއި، ބަލިމީހުންނާއި، ބައްޔަށް ޝައްކުކުރެވޭ މީހުން މިސްކިތައް ނައުމަށް ބާރު އެޅިދާނެ ކަމަށް ޒައިދު ފާހަގަކުރަށްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން