ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން ޖުމްލަ 105،492 މީހަކު ވެކްސިން ޖަހައިފިއެވެ.

މިކަމާ ގުޅޭގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މާލެ ސަރަހައްދުން ޖުމްލަ 72،872 މީހަކު މިހާތަނަށް ވެކްސިން ޖަހައިފައިވެއެވެ. އަދި މީގެ ތެރެއިން މިއަދު އެކަނިވެސް 3،147 މީހަކު ވެކްސިން ޖަހާފައިވެއެވެ.

މީގެ އިތުރުން ޖުމްލަ 32،620 މީހަކު އަތޮޅުތެރެއިން ވެކްސިން ޖަހައިފައިވާއިރު، މިއަދު 2،926 މީހަކު އަތޮޅުތެރެއިން ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިކެމްޕޭނުގެ ދަށުން އަތޮޅުތެރެއާއި މާލެއިން މިއަދު ޖުމްލަ 6،073 މީހަކު ވެކްސިން ޖަހާފައިވާ ކަމަށް ހިސާބުތައް ދައްކައެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނު "ކޯވިޑް-19 ދިފާޢު" ރަސްމީކޮށް ފައްޓާފައިވަނީ ފެބްރުއަރީމަހު އެއްވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ ކެމްޕޭނުގައި އަދި ބޭނުންކުރަމުން ދަނީ އިންޑިޔާއިން ހަދިޔާކޮށްފައިވާ ކޮވިޝީލްޑު ވެކްސިނެވެ.

މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ކޮވިޝީލްޑު ވެކްސިނުގެ ދެލައްކަ ޑޯޒް ހަދިޔާ ކޮށްފައިވާއިރު، މިވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީން ދީފައިވަނީ ޚާއްޞަ އިމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށެވެ.

ކޮވިޝީލްޑު ވެކްސިނުގެ އިތުރުން ޗައިނާގެ ސިނޮފާމް ކުންފުނިން އުފައްދާފައިވާ ވެކްސިނުގެ 5000 ޑޯޒުވެސް ރާއްޖެއަށް ލިބިފައިވާކަމަށް އެޗްއީއޯސީއިން ހާމަކޮށްފައިވެއެވެ. ޗައިނާއިން ވަނީ ސިނޮފާމް ކުންފުނިން އުފައްދާފައިވާ ވެކްސިނުގެ 100،000 ޑޯޒު ރާއްޖެއަށް ހަދިޔާކުރުމަށް ނިންމަވާފައެވެ.

ކޮވިޝީލްޑު ވެކްސިނެކޭ އެއްފަދައިން ސިނޮފާމް ވެކްސިންވެސް ރާއްޖޭގައި ބޭނުން ކުރަން ފަށާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީގެ ހުއްދަލިބުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން