ކޮވިޑް ފެތުރުން ކޮންޓްރޯލުން ނައްޓާލާފައިވާތީ އަޅާ ހަރުކަށި ފިޔަވަޅު ތަކުގެ ތެރޭގައި ނަމާދުގެ ޖަމާއަތް ހެދުމުގެ ފުރުސަތު ބަންދު ކުރުމަށް އިސްލާމް ދީނުގެ ބައެއް ޢިލްމުވެރިން ދެކޮޅު ހައްދަވައިފިއެވެ.

‏މިޙާލަތުގައި ނަމާދުގެ ޖަމާޢަތުގެ ފުރުސަތު ބަންދުކުރެވިގެންވާނެ ކަމަށް ވިދާޅުވެ އައްޝައިޚް އަހްމަދު ސަމީރު ދުނިޔަވީ އެކިކަންކަމުގައި އެކަކު އަނެކަކާ ބައްދަލުވެ ގާތުން އެތައް މުއާމަލާތެއް ކުރެވި މީހުން އާންމުކޮށް ހެލިފެލިވެ އުޅުމަށް ފުރުސަތު ހުޅުވާލާފައިވާ ހާލަތެއްގައި ނަމާދުގެ ޖަމާޢަތް ހެދުމުގެ ފުރުސަތު ބަންދު ކުރެވިގެންވާނެ ކަމަށް ގަބޫލު ނުކުރަށްވާ ކަމަށެވެ.

"ދުނިޔަވީ އެކިކަންކަމުގައި، ދަންނަ އަދި ނުދަންނަ އެތައްބަޔަކާ ބައްދަލުވެ، ގާތުން އެތައް މުޢާމަލާތެއްކުރެވި ބަޒާރުތަކާއި މަގުތަކުގައި ހެލިފެލިވެ ގައިގޯޅިވެ އުޅުމުގެ ފުރުސަތު ހުޅުވިފައިއޮތް މިޙާލަތުގައި ނަމާދުގެ ޖަމާޢަތުގެ ފުރުސަތު ބަންދުކުރެވިގެންވާނެ ކަމުގައި ނުދެކެމެވެ." ޝައިޚް ސަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މިމައްސަލައިގައި އިސްލާމް ދީނުގެ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވެސް ވިދާޅުވެފައިވަނީ ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަންވާނީ ފުލް ލޮކްޑައުން އަކަށް ދާކަމަށް ވާނަމައެވެ. އަދި ހަމައެކަނި މިސްކިތްތަކުގައި ނަމާދުކުރުމަށް ހެދޭ ރަސްމީ ޖަމާއަތްތައް ހެދުން ހުއްޓާލައިގެން ކޮވިޑް ކޮންޓްރޯލް ކުރެވޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި މާލޭގައި ގޯތި ގެދޮރުގެ ދަތިކަން ހުރުމުގެ ސަބަބުން ކޮންމެ މީހަކަށް ގޭގައި ނަމާދު ކުރަން ދަތިވުމާއިއެކު މިސްކިތައް ދާން މަޖުބޫރުވާނެކަމަށެވެ. އަދި އާންމު ތަންތަނުގައި އެތައް އިރެއްވަންދެން ގިނަބަޔަކު އެއްވެ ތިބިކަމުގައިވިއަސް މިސްކިތްތަކުގައި ނަމާދުގެ ޖަމާއަތުގައި ހޭދަވަނީ ކުޑަ ވަގުތުކޮޅެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓުވައިފިނަމަ މީސްތަކުންގެ ހިތްތަކުގައި ސަރުކާރާމެދު ނަފްރަތު އުފެދި، ސަރުކާރުން އުޅެނީ ދީނީ ޝިޢާރުތަކަށް ހުރަސް އަޅަންކަމަށް ތުހުމަތު ކުރެވޭނެ ކަމަށް، ޒައިދު ވިދާޅުވެފައި ވެއެވެ.

މިމައްސަލައިގައި ވާހަކަ ދައްކަވަމުން ސަލަފު ޖަމިއްޔާގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުޙައްމަދު ވިދާޅުވެފައިވަނީ ކޯވިޑްގެ އުނދަގޫ ޙާލުގެތެރެއިންލާފައި މިއަދާހަމަޔަށް އާދެވުނުއިރު ދިރިއުޅުމުގެ އެކިއެކި ޙާޖަތްތަކުގައި މީސްތަކުން ހެލިފެލިވެ އުޅުން އެކީއެކައްޗަކަށް ދެން ހުއްޓިގެން ދިއުމަކީ މިވަގުތު އިންސާނީޙަޔާތަށް ބަރުދާސްތުވާނޭ ކަމެއް ނޫންކަމަށާއި އަމުދުން މިސްކިތުގެ ޖަމާޢަތް ހުއްޓާލުމަށް ‏ޝަރުޢީ ޢުޒުރެއް ފެންނާންނެތް ހިނދު، ރައްކާތެރި ފިޔަވަޅު ވަރުގަދަކުރުމުގެ ނަމުގައި، ޢާއްމު ދިރިއުޅުމާއި، ވިޔަފާރިތަކާ، މިސްކިތްތައް ބަންދުކޮށް ނަމާދުކުރުން ހުއްޓާލުމުގެ ބަދަލުގައި، ސިއްޙީ ވަސީލަތްތައް އިތުރުކޮށް، ފަރުވާދިނުމުގެ ކެޕޭސިޓީ ފުޅާކުރުމަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކުރުމުގެ މަޞްލަޙަތު މާބޮޑު ކަމަށެވެ.

މިމައްސަލައިގައި ވާހަކަ ދެއްކެވި ޝައިޚް އަބްދުﷲ ސަޢުދާން ވެސް ވިދާޅުވެފައިވަނީ ނަމާދު ހުއްޓުވާފައި ކުޅިވަރާއި ނާޗަރަންގީ ކުޅެން ފުރުސަތު ދިނުމަކީ ވަރަށް ވެސް ނުބައި ވެގެންވާ ބައެއްގެ ރޭވުން ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދުކުރުމާމެދު މަޝްވަރާއަކަށް އިސްލާމިކް މިނިސްޓްރީގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިފައިވާ ކަމަށްބުނެ އެކި ފަރާތްތަކުން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން