އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   28 ފެބްރުއަރީ 2021 - 19:21
ދޮގު އިލްޒާމެއް އަޅުވައިގެން ދޭން އުޅޭ އަދަބު ބޭޒާރުވާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

މަލީހު ޖަމާލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ތާވަލުކޮށްފައިވަނިކޮށް މަލީހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުހުތާރުވެ، ގާނޫނުއަސާސީއަކީ އެމީހުންގެ ތަރިކަ މުދަލަކަށް ހަދައިގެން އުޅޭ ކަމަށެވެ. އަދި އޭނާގެ ބޮލުގައި ދޮގު އިލްޒާމެއް އަޅުވައި، ބޭއިންސާފުން ދޭން އުޅޭ އަދަބު ބޭޒާރު ވާނެ ކަމަށާ ބޭއިންސާފުގެ މައްޗަށް އަބަދުވެސް އިންސާފު ކުރި ހޯދާނެ ކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު މަގާމުން ވަކިކޮށްދިނުމާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުށަހެޅި އެވެ. ނަމަވެސް މި ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޕީޖީން އޭރު ނިންމީ އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިގެން ކުރިއަށް ގެންދާށެވެ. އެއަށްފަހު ރައީސް ގޮތެއް ނުނިންމަވަނީސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވައިފަ އެވެ.

މަލީހުގެ އިތުރުބާރު ނެތްކަމުގެ މައްސަލަ ވެއްދީ، މިނިސްޓަރުކަމުގައި ދެ އަހަރު ވީ އިރު ވެސް، ކޮމިޔުނިކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވާއިދުތަކެއް ނުހެދި އޮތުމުން އެކަމަށް ބިނާކޮށެވެ. މި މަހުގެ 16 ގައި މަޖިލީހުން ވަނީ މަލީހު ޖަވާބުދާރީވުމަށް ނޯޓިސް ވެސް ފޮނުވައިފަ އެވެ. މަލީހު ވަނީ އެ ނޯޓިސްގައި ގާނޫނީ މައްސަލަ އުޅޭތީ އެ ނޯޓިސް އަނބުރާ މަޖިލީހަށް ފޮނުވާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި އެންމެ ފުރަތަމަ ތާވަލުކޮށްފައި ވަނީ މަލީހުގެ އިތުބާރުނެތް މައްސަލަ ފަށައިގެން ކުރިޔަށް ގެންދިޔުމެވެ.

މަލީހަކީ މިހާރު ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ކުރީ ސަރުކާރުގެ ނާއިބްރައީސް ޑރ. މުހައްމަދު ޖަމީލުގެ އާއިލީ ބޭފުޅެކެވެ. މަލީހު ވަޒީރު ކަމުގައި ހުންނެވީ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ސްލޮޓެއްގައެވެ. ޖޭޕީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރ ކަމުގައި ހުންނެވި ޢަބްދުﷲ އަމީންގެ އިސްތަށިފުޅުގައި އެޅުނު އިލްޒާމާއެކު އޭނާ އިސްތިއުފާ ދެއްވުމުން އެ ސްލޮޓްވެސް ވަނީ ޖޭޕީއަށް ގެއްލިފައެވެ.

ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ވަޒީރުންގެ މަގާމުތައް ކޮންމެވެސް ބަހާނާއެއް ދައްކައިގެން އެމްޑީޕީން އަތުލުމަކީ ގަސްތުގައި އެޕާޓީތައް ސަރުކާރުން ބޭރުކުރުމަށް ހިންގާ އަމަލެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން