މުލީގައި އެއަރޕޯޓެއް ޤާއިމްކުރުމާއި، ޑިޒައިން އެންޑް ބިލްޑް އުސޫލުން 3 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ކޮންޓްރެކްޓްގައި ސޮއެކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.
މުލީގައި އެއަރޕޯޓެއް ޤާއިމްކުރުމާއި، ޑިޒައިން އެންޑް ބިލްޑް އުސޫލުން 3 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ކޮންޓްރެކްޓްގައި ސޮއެކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.
މ. މުލީގައި އެއަރޕޯޓެއް ޤާއިމްކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީީއާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއާއި އެމްޓީސީސީ އާއި ދެމެދު މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ވެވުނު އެއްބަސްވުމުގައި ސޮއި ކުރީ މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި މުލީގައި އެއަރޕޯޓެއް ޤާއިމްކުރުމަށް ކޮންޓްރެކްޓްގައި ސޮއެކުރުމުގެ އިތުރުން، ޑިޒައިން އެންޑް ބިލްޑް އުސޫލުން 3 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ކޮންޓްރެކްޓްގައިވެސް ސޮއިކޮށްފައިވެއެވެ.

‏ޑިޒައިން އެންޑް ބިލްޑް އުސޫލުން މ. މުލީ އެެއަރޕޯޓް ޤާއިމްކުރުމަށް އެމްޓީސީސީއާއި ހަވާލުކުރި މަޝްރޫޢަކީ 221،733،478.22ރ. (ދުއިސައްތަ އެކާވީސް މިލިއަން ހަތްސަތޭކަ ތެއްތިރީސް ހާސް ހަތަރު ސަތޭކަ އަށުހަތްތަރި ރުފިޔާ ބާވީސް ލާރި) ޚަރަދުކޮށްގެން ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މިރަސްމިއްޔާތުގައި ‏ޑިޒައިން އެންޑް ބިލްޑް އުސޫލުން 3 ރަށެއްގެ ފެނާއި ނަރުދަމާ ޤާއިމުކުރުމަށް ހަވާލުކުރެވިފައިވަނީ ފުލެކްސިންކް ޕްރައިވެޓް ލިމިޓެޑާއެވެ. 780 ދުވަހުން ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވަނީ ހއ. މޮޅަދޫ، ލ.މުންޑޫ އަދި މ. ވޭވަށުގައެވެ.

ހއ. މޮޅަދޫގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢަށް 35،864،006.90ރ. (ފަންސަތިރީސް މިލިއަން އަށްސަތޭކަ ސައުރަހައްޓި ހާސް ހަ ރުފިޔާ ނަވައި ލާރި) ހަރަދުކުރުމަށް ކަނޑައެޅިފައިވާއިރު، ލ. މުންޑޫގައި މިމަޝްރޫޢު ހިންގުމަށް 35،535،851.14ރ. (ފަންސަތިރީސް މިލިއަން ފައްސަތޭކަ ފަންސަތިރީސް ހާސް އަށްސަތޭކަ އެކާވަންނަ ރުފިޔާ ސައުދަ ލާރި) ހަރަދުކުރުމަށް ކަނޑައެޅިފައިވެއެވެ. މީގެއިތުރުން، މ. ވޭވަށުގެ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢަށް 32،688،479.89 ރ. (ބައްތިރީސް މިލިއަން ހަސަތޭކަ އަށާހި ހާސް ހަތަރު ސަތޭކަ ނަވަހަތްތަރި ރުފިޔާ ނަވާހި ލާރި) ހަރަދުކުރުމަށް ޕްލޭނިންގ މިނިސްޓްރީއިން ވަނީ ކަނޑައަޅާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، އެއަރޕޯޓުތައް ގާއިމުކުރުމުގެ މަސައްކަތްތައް ނިންމުންކަމަށެވެ.

އަދި ރާއްޖޭގައި އޮތް ކޮވިޑުގެ ބަލިމަޑުކަމުގެތެރޭގައިވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރިވެރިންގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން ދާތަން ފެންނަމުންދާތީ ސަރުކާރުގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދަންފަށާފައިވާކަމަށްވެސް މިނިސްޓަރގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން