ގާނޫނަށް ބަދަލު ގެނައުމަކުން ރައީސް ޔާމީން އިދިކޮޅު ލީޑަރު ކަމުން ބަދަލު ނުކުރެވޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި ސަރުކާރާއި ވާދަވެރި ފަރާތް، ނުވަތަ އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރަށް ގާނޫނީ ހައިސިއްޔަތު ލިބިދޭ ބިލެއް އެމްޑީޕީން އެކުލަވާލުމުގެ މަސައްކަތް ފެށުމާއި ގުޅިގެންނެވެ.

"އޮޕޮޒިޝަން ލީޑަރަށް ގާނޫނީ ހައިސިއްޔަތު އިޚްލާޞްތެރިކަމާއެކު ދޭން ބޭނުންވާނަމަ ފުރަތަމަ ކުރަންވީ ކަމަކީ ނުހައްގުން ޖަލަށް ލާފައިވާ ރައީސް ޔާމީން މިނިވަން ކުރުން. އޮޕޮޒިޝަން ލީޑަރަކީ ރައީސް ޔާމީން. ގާނޫނަށް ބަދަލު ގެނައުމަކުން އެކަން ބަދަލެއް ނުކުރެވޭނެ." އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

އެމްޑީީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ދެއްވި ޖަލްސާގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން މަސައްކަތް ކުރަމުންދާ މި އިސްލާހާއި ގުޅިގެން ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ އިދިކޮޅު ލީޑަރަކަށް ހުންނަ ބޭފުޅަކަށް ވެސް ޤާނޫނުން ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދެވެންޖެހޭ ކަމަށެވެ.

އާޒިމް ވިދާޅުވީ އިދިކޮޅު ލީޑަރަށް ލިބިދޭންޖެހޭ އިނާޔަތާއި އިހްތިޔާރު ގާނޫނުން ކަނޑައަޅައި، ރާއްޖޭގައި ފުރިހަމަ ޑިމޮކްރެޓިކް ވެށްޓެއްގައި ވެރިކަން ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ގާނޫނަށް ގެނައުމަށްޓަކައި މަސައްކަތް ކުރާ މި އިސްލާހުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވާދަވެރި އިދިކޮޅު ފަރާތެއް އޮވެ، ޒިންމާދާރު މަސައްކަތްތަކެއް ކުރުމުގެ ޖާގަ ތަނަވަސްކޮށްދިނުމެވެ.

މީގެ އިތުރުން މިހާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ކޯލިޝަނުގައި ހިމެނޭ، ޕީޕީއެމް އަދި ޕީއެންސީން އިދިކޮޅު ލީޑަރެއްގެ ގޮތުގައި ސިފަ ކުރަނީ މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ. އެހެންނަމަވެސް ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ސިޔާސީ ޕާޓީއެއްގެ ލީޑަރު ކަމުގައި ނުހުންނެވޭނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ. އެގޮތަށް ގާނޫނުގައި ލިއުނީ ރައީސް ޔާމިންގެ ވެރިކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން