އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މިހާތަނަށް ހުރިހާ އިޖުރާއަތްތަކެއް ވެސް ކުރިއަށް މިދަނީ ދޮގާއި މަކަރާއި އޮޅުވާލުމުގެ ތެރެއިން ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ކުރިއަށްދާ ވަޒީރު މަލީހުގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމަށް އެމްޑީޕީން ހުށައަޅާފައިވާ މައްސަލައިގައި ޖަވާބުދާރީ ވެވަޑައިގަންނަވަމުން މަލީހު ފުރަތަމަ ވެސް ފާހަގަ ކުރެއްވީ މަޖިލީހަށް ހުށައަޅާފައިވާ މައްސަލަ ސާފޔ ނުވާ ކަމަށެވެ. އެ ސުވާލަށް ޖަވާބު ދެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.

"ހުށައަޅާފައިވަނީ ވަޒީރުގެ އިތުބާރުނެތްކަމުގެ މައްސަލަ." މަލީހު ޖަވާބުދާރީ ވާން ފެެއްޓެވީ މަޖިލިސް ރައީސްގެ މި ޖަވާބާއެކުގައެވެ. މަލީހު މިއަދުވެސް ތަކުރާރުކޮށް ވިދާޅުވީ އޭނާ މަޖިލީހަށް ވަޑައިގެން ހުންނެވީ އޭނާގެ ވަޒީރު ކަމުގެ މަގާމު ދިފާޢު ކުރަށްވަން ނޫން ކަމަށެވެ. އަދި އޭނާ މަޖިލީހަށް ވަޑައިގެންނެވީ މާއްދާ ހަތާވީހުގެ ދިފާޢުގައި ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވިދާޅުވީ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހެޅުމުގެކުރިން، ކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް ހައްދަވާފައި ނުވާކަމަށެވެ. އަދި ޕީޖީ ގްރޫޕަށް މައްސަލަ ހުށައެޅުއްވި ފަހުން އަވަސް އަރުވާލައިގެން އެ ގަވާޢިދުތައް ހެއްދެވީ ކަމަށް މީކާއިލް ފާހަގަ ކުރެއްވިއެވެ.



މީކާއިލުގެ ވާހަކަތައް ދޮގުކުރަށްވައި އެވާހަކަތަކަށް ރައްދު ދެއްވަމުން މަލީހު ވިދާޅުވީ އެޤަވާޢިދު ތަކަކީ މިހާރު ހަދާ ނިމިފައިވާ ޤަވާޢިދުތަކެއް ކަަމަށެވެ،

މި މައްސަލާގައި ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރުދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ ރައްޔިތުން ބޭނުންވި ކަންކަން ޓެލެކޮމިއުނިކޭޝަން މިނިސްޓަރަށް ކޮށެއް ނުދެވުނު، ކަމަށާއި އެހެންކަމުން މިނިސްޓަރު މަލީހަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ އިތުބާރެއް ނެތްކަމަށެވެ.

މި ބަހުސްގައި މިހާތަނަށް ވާހަކަ ދެއްކެވި އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް ފާހަގަ ކުރެއްވި އެއް ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ އިންޓަރނެޓްގެ އަގު ހެޔޮ ކުރުމުގެ ވަޢުދު ނުފުއްދި ވަނީ މަލީހުގެ ސަބަބުން ކަމަށެވެ.

މަލީހު ވިދާޅުވީ ވަޒީފާގެ ބިރަށް ބުނަން ޖެހޭ އެއްޗެއް ނުބުނެ ބިރުން ނުހުންނަވާނެ ކަމަށާއި މިއީ މަކަރާ ހީލަތާ އޮޅުވާލުމުގެ ތެރެއިން ކުރިޔަށްދާ މައްސަލަ އެއްކަން ވަރަށް ސާފު ކަމަށެވެ. އަދި މައްސަލައިގައި ފާހަގަ ކުރައްވާފައިވާ ގަވާޢިދުތައް ވަނީ ހަދާ ނިމިފައި ކަމަށާ އިންސާފަކީ އިދިކޮޅުގައި ތިއްބަވާއިރު ޖައްސަވާ މިޔުޒިކެއްތޯ ވިދާޅުވެ މަލީހު ވަނީ މެމްބަރުންނާއި ސުވާލު ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހަކީ ގާނޫނު އަސާސީ ނަގަހައްޓައި ދަމަހައްޓާ އިންސާފުވެރި، ނަމޫނާ އިއްޒަތްތެރި މަޖިލީހެއް ކަން މިއަދު ރައްޔިތުންނަށް ސާބިތުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް މަލީހު ވިދާޅުވިއެވެ.

މިއަދު ހުށައެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސް ދެގަޑިއިރަށް ދެމިގެންދާނެއެވެ. ޖަވާބު ދެއްވަން މަލީހަށް ތިން ފަހަރެއްގެ މަތީން 30 މިނެޓް ލިބިވަޑައިގަންނަވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން