އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   1 މާރިޗު 2021 - 15:33
މަލީހު (ފަހަތުސަފު މެދުގަ) ޖޭޕީގެ ލީޑަރ (ކުރީސަފު މެދުގަ) ޤާސިމް އިބްރާހީމާއެކު
މަލީހު (ފަހަތުސަފު މެދުގަ) ޖޭޕީގެ ލީޑަރ (ކުރީސަފު މެދުގަ) ޤާސިމް އިބްރާހީމާއެކު
މަލީހަކީ ކަންކަން ކުރެއްވޭނެ އިލްމީ ޤާބިލުކަން ހުރި ބޭފުޅެއް ކަމަށާ އެކަމަކު ކަންކަން ކުރެވޭނީ ވަސީލަތްތައް ހުރެގެން ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޤާސިމް ވިދާޅުވީ މަގާމެއްގައި އަދި މީހަކު ހުއްޓަސް ކަންކަން ނުކުރެވޭނެ ކަމަށާއި ކަންކަން ވާނީ އެކަންކަން ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އިހުތިޔާރާއި އެކު ފައިސާވެސް ލިބިގެން ކަމަށެވެ.

މިހާރު މަޖިލީހުގައި ބަހުސް ކުރިއަށްދާ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މީޑިޔާ އަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޤާސިމް ވިދާޅުވީ ކަންކަން ބާރު ސްޕީޑުގައި ކުރިޔަށް ގެންދެވޭނީ އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ފައިސާވެސް ހުރެގެން ކަމަށާ ދިވެހި ދައުލަތުގައި މިދުވަސް ވަރު އެވަރުގެ ތަނަވަސްކަމެއް ނެތް ކަމަށެވެ.

"މުޅި ދުނިޔޭގެ ކަންކަންވެސް މިހުރީ ހުއްޓިފަ، މަލީހަކީ ކުރެއްވޭނެ ބޭފުޅެއް، ތައުލީމީ ގާބިލުކަން ހުރި ބޭފުޅެއް. އެކަމަކު ކަންކަން ވާނީ ވަސީލަތް ހުރެގެން، މަޝްރަހުވެސް އޮވެގެން އަދި ގައިޑްލައިނާ އެކު ފައިސާވެސް ހުރެގެން. ފައިސާ ހަމަޖެހި އެ ފުރުސަތުތައް ފަހިކޮށްދީފައި ހުރީ ކިހާ ވަރަކަށް ކަމެއް އަޅުގަނޑަކަށް ނޭނގެ. އެކަންކަން ފަހިކޮށްދިން މިންވަރެއް އެނގޭނީ ސަރުކާރަށް އަދި ފިނޭންސް މިނިސްޓްރީއަށް." ސަރުކާރުގެ ހުރިހާ ކަމެއްގައި ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާ އަދި އިތުބާރު ކުރަށްވާ، ގާސިމް އިބްރާހީމް ވިދާޅުވެފައި ވެއެވެ.

ގާސިމް އިތުރަށް ވިދާޅުވީ މީގެ ކުރީން ވެސް ޖޭޕީގެ ސްލޮޓުގައި މަގާމުގައި ހުންނެވި ވަޒީރަކު މަގާމުން ވަކިވެ ވަޑައިގެންބެވުމާއެކު އެމަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމާއި މެދު ރައީސުލްޖުމްހޫރިއްޔާ ގޮތް ނިންމެވި އިރު، އެކަމާ މަޝްވަރާ ކުރެއްވި ކަމަށާ މިފަހަރު މީ ރައީސްގެ ފަރާތުން އިޝާރާތެއް އައިސްގެން ކުރާ ކަމެއް ނޫން ކަމަށެވެ.

ޤާސިމް އެއިޝާރާތް ކުރެއްވީ ހެލްތު މިނިސްޓަރގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމުން އެމަގާމަށް އަހުމަދު ނަސީމް އައްޔަން ކުރަށްވަން ރައީސް ގާސިމާއި މަޝްވަރާ ކުރެއްވި ވާހަކައަށެވެ. އަމީނުގެ މައްޗަށް ކުރެވުނު ތުހުމަތު ތަކާއެކު އޭނާ އިސްތިއުފާ ދެއްވުމުން ޖޭޕީގެ އެ ސްލޮޓަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ އިހުތިޔާ ރައީސަށް ދެއްވުމަށް ރައީސް ޞާލިޙް ވަނީ ގާސިމްގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ގާސިމް ވަނީ އެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ އަށް ދެއްވާފައެވެ.



މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި މިހާރު ކުރިޔަށްދާއިރު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވިދާޅުވީ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހެޅުމުގެކުރިން، ކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް ހައްދަވާފައިވާ ނުވާކަމަށެވެ.

މަޖިލީހުގެ މެދު ހެންވޭރުދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ ރައްޔިތުން ބޭނުންވި ކަންކަން ޓެލެކޮމިއުނިކޭޝަން މިނިސްޓަރަށް ކޮށެއް ނުދެވުނު، ކަމަށާއި އެހެންކަމުން މިނިސްޓަރު މަލީހަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ އިތުބާރެއް ނެތްކަމަށެވެ.

އެމްޑީޕީގެ ސުޕަރ މެޖޯރިޓީ ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރޫހު ހުރިގޮތަށް ބަލާއިރު މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ފާސް ކުރާނީ އެމްޑީޕީގެ މެންބަރުންގެ ފުރިހަމަ އަޣުލަވިއްޔަތުން ކަމަށް ގަބޫލުކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން