މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު
ފެއިލްވީ ސަރުކާރުގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހަންމަދު މަލީހު ޖަމާލު އެކަނި ނޫން ކަމަށާއި ފެއިލް ވެގެން އުޅެނީ މުޅި ސަރުކާރު ކަމަށް ވިދާޅުވެ އިތުބާރު ނެތްކަމަށް ވޯޓު ނަގަންވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ މިނިސްޓަރ މަލީހްގެ އިތުބާރު ނެތް މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާ ތަމްސީލް ކުރައްވާ އިދިކޮޅު ކޯލިޝަން މެންބަރު އާދަމް ޝަރީފް ވިދާޅުވީ އިންޓަނެޓް އަގު ހެޔޮ ނުކުރެވިގެން ދިއުމަކީ ހަމައެކަނި މިނިސްޓަރު މަލީހް ފެއިލްވުން ނޫން ކަމަށާއި އެއީ މުޅި ސަރުކާރު ފެއިލްވުން ކަމަށެވެ.

މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިސްވެ ހުންނަވައި އެ ޕާޓީގެ 14 މެންބަރުންގެ ސޮޔާއެކުގައެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ސަރުކާރަށް ވައުދުތައް ނުފުއްދިގެން ދިއުމުން ސަރުކާރުން ވަރަށް ގިނަ ބަޔަކު ވަކި ކުރަމުން މި ދަނީ. ފެއިލްވީމަ ވަކިކުރަން ޖެހޭ ކަން އެމްޑީޕީގެ މެންބަރުން ވެސް މިހާރު އެބަ ގަބޫލު ކުރޭ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ އިޚްލާސްތެރިކަމެއް އޮތް ނަމަ މިއަދު މަޖިލީހުގައި ކުރިއަށް ދާނީ މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނޫން ކަމަށެވެ. މަޖިލީހުގައި ކުރިއަށް ދާން ޖެހިފައި އޮތީ ރައީސް ސޯލިހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގެ 13 މެންބަރަކު ލައްވައި ސޮއިކުރުވާފައި ވަނީ އޮޅުވާލައިގެން ކަމަށް ޓެލެކޮމިއުކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވިދާޅުވީ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހެޅުމުގެކުރިން، ކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް ހައްދަވާފައި ނުވާކަމަށެވެ. އަދި ޕީޖީ ގްރޫޕަށް މައްސަލަ ހުށައެޅުއްވި ފަހުން އަވަސް އަރުވާލައިގެން އެ ގަވާޢިދުތައް ހެއްދެވީ ކަމަށް މީކާއިލް ފާހަގަ ކުރެއްވިއެވެ.

މަލީހްގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި މެންބަރުން ބަހުސް ކުރައްވަން ފެއްޓެވުމުގެ ކުރިން މަލީހަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ވިދާޅުވީ މިއަދު އޮތީ ކޮންކަމެއްތޯ އޭނާގެ ދިހަ އަހަރުގެ ދަރިފުޅާއި ހަތަރު އަހަރުގެ ދަރިފުޅު ސުވާލު ކުރެއްވިކަމަށެވެ. "އަޅުގަނޑު ދެންނެވިން މިއުޅެނީ ޓީވީ ޕްރޮގްރާމެއްގައި ދެއްކި ވާހަކަ މަޖިލީހުގެ މެންބަރުންނަށް ހަޖަމުނުކުރެވިގެންނޭ. ކިހިނެއްހޭ ބައްޕަ ހަދަންވީ. ދަރިފުޅު ވިދާޅުވީ އެއްވެސް ގޮތަކަށް ފަހަތައް ޖެހިގެން ނުވާނެއޭ." މަލީހް ވިދާޅުވިއެވެ.

މަލީހް ވިދާޅުވީ އޭނާ މަޖިލީހަށް ހާޒިރުވެ ހުރީ ވަޒީރު ކަމުގެ މަގާމު ދިފާއު ކުރައްވަން ނޫން ކަމަށެވެ. "އަޅުގަނޑު މަޖިލީހަށް ހާޒިރުވެ މިހުރީ އަޅުގަނޑުގެ ވަޒީފާ ދިފާއު ކުރާކަށް ނޫން. (އަޅުގަނޑު) މިހުރީ ޤާނޫނު އަސާސީގެ މާއްދާ 27 ދިފާއު ކުރަން. މިއީ އެއްވެސް އަސާސެއް ނެތް، ދޮގާއި މަކަރާއި ހީލަތުން ދައުލަތުގެ ވަޒީރެއްގެ ނަން ކިލަނބުކޮށްލުމަށްޓަކައި މިމަޖިލީހުގެ އިއްޒަތްތެރި މެންބަރުންތަކެއް ކުރިއަށް ގެންދާ ޒާތީ މައްސަލައެއްކަން ވަރަށް ހިތާމައާއިއެކު ފާހަގަ ކުރަން." މަލީހް ވިދާޅުވިއެވެ

މައްސަލާގައި ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރުދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ ރައްޔިތުން ބޭނުންވި ކަންކަން ޓެލެކޮމިއުނިކޭޝަން މިނިސްޓަރަށް ކޮށެއް ނުދެވުނު، ކަމަށާއި އެހެންކަމުން މިނިސްޓަރު މަލީހަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ އިތުބާރެއް ނެތްކަމަށެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ މުހައްމަދު މަލީހު ޖަމާލު ވަޒީރުކަމުގައި ހިމެނިވަޑައިގަންނަވާ ސްލޮޓް ގެ ސައްހަކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ސަރުކާރާދެކޮޅަށް ކަންކަން ރާވައި ހިންގުމުގައި ޓެކްސީއެއްގެ ގޮތުގައި ދައުލަތުގެ ކާރު ޓެލެކޮމިއުކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ބޭނުންކުރައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނުދާއިރާގެ މެންބަރު ހުސެއިން ޝަހީމް ތުހުމަތު ކުރައްވާފައި ވެއެވެ.

ގަމުދާއިރާއިގެ މެމްބަރު މުހައްމަދު ވިޝާމް ވިދާޅުވީ މަލީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހިނގަމުންދާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް މިނިސްޓަރ މަލީހު ގެ ދިފާއުގައި މަޖިލީހުގައި ނެތް ކަމަށާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ އިތުބާރު މިނިސްޓަރ މަލީހަށް އޮތްކަމާމެދު ވެސް ސުވާލު އުފެދޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން