ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާލެއް ހަލުވިކަމާމެދު ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށްގެން ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމައިފިއެވެ.

މިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ވަނީ މިފަދަ ނިންމުމެއް ނިންމަވާފައިވަނީ ރާއްޖޭގެ ކޮވިޑުގެ ހާލަތަށް ރިޢާޔަތްކޮށް، ފަތުވާ މަޖިލީހާއި، ދީނީ އިލްމުވެރިންނާއި މަޝްވަރާކުރުމަށް ފަހުކަމަށެވެ. އަދި މިހާލަތުން ލުޔެއް ލިބެންދެން މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި، މިއަދުގެ މެންދުރު ނަމާދުން ފެށިގެން، ނަމާދުގެ ޖަމާޢަތް ހެދުމުގައި ގައިދުރުކުރުމަށް އެމިނިސްޓްރީއިން ވަނީ އަންގާފައެވެ.

ގައިދުރުކަން ބެހެއްޓުމުގެ އިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގައި މާލެ ސިޓީ ކައުންސިލާއި، އާންމު ފަރުދުންނާއި، އިމާމުން ސަމާލުކަން ދޭންޖެހޭނެ ބައެއްކަންކަން މިނިސްޓްރީގެ އެންގުމުގައި ފާހަގަކޮށްފައިވެއެވެ.

މިގޮތުން ކައުންސިލުން ސަމާލުކަން ދޭންޖެހޭ ކަންކަމުގެ ތެރޭގައި ޖަމާއަތުގައި ނަމާދުކުރެވޭ މިސްކިތްތަކުގެ ކާޕެޓް ނެގުމާއި، ނާމާދުގެ ކުރިން މިސްކިތް މޮޕުލައި ސާފު ކުރުމާއި ސައިބޯނި ލައިގެން އަތްދޮވެވޭނެ ނިޒާމު ހަމަޖެއްސުން ހިމެނެއެވެ. އަދި ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ އޭސީ ބޭނުން ނުކުމާއި، އޭސީ ބޭނުން ކުރާނަމަ، މިސްކިތުގެ ދޮރުތައް ހުޅުވައި ވައިދައުރު ކުރެވޭނެ ގޮތެއް ހެދުމަށް އިލްތިމާސްކޮށްފައިވެއެވެ.

މިސްކިތުގެ އިމާމުން ސަމާލުކަން ދޭން ޖެހޭ ކަންކަމުގެ ތެރޭގައި ބަންގިއަށްފަހު ފަސް މިނެޓުތެރޭގައި ގަމަތްދީ ނަމާދު ފެށުމާއި، އެއްވެސް ނަމާދެއް 7 މިނެޓަށް ވުރެ ދިގުނުކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ. އަދި ނަމާދުގައި ކުރުސޫރަތް ކިޔުމަށްވެސް މިނިސްޓްރީ އިން ވަނީ އިމާމުންނަށް އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން، މިހާރުވެސް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކުގެ އިތުރުން، މިސްކިތުގައި ނަމާދުކުރާއިރު ގައިދުރުކަން ބެހެއްޓުމާއި، ނަމާދަށްފަހު މިސްކިތުގައި މަޑުނުކުރުމާއި، މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުމަށް މިނިސްޓްރީއިން ވަނީ އާންމުފަރުދުންނަށް އިލްތިމާސްކޮށްފައެވެ. އަދި މިސްކިތުގަޔާއި މިސްކިތުގެ ބޭރުގައިވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަމާއި ދުރުހެލިވުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން މިފަދަ ނިންމުމެއް މިއަދު ނިންމާފައިވާއިރު ޖަމާއަތް ހެދުމުގައި ގައިދުރު ކުރުމާމެދު ބައެއް ޢިލްމްވެރިންގެ މެދުގައި ޚިޔާލު ތަފާތުވުމެއް ވެސް ވަނީ އުފެދިފައެވެ. ރާއްޖޭގައި މީސްމީޑިއާގައި ޚިޔާލުފާޅުކުރަށްވާ ހަރަކާތްތެރި އިސްލާމް ދީނުގެ ބައެއް ޢިލްމްވެރިން ގެންދަވަނީ މާތްވެގެންވާ މައްކާގެ ބިމުގައި ޖަމާއަތް ހެދުމުގައި ގައިދުރު ކުރުމަކީ ރާއްޖޭގައި އެކަން އެގޮތަށް ކުރުމަށް އޮތް ހުއްޖަތެއް ނޫން ކަމަށް ވިދާޅުވަމުންނެވެ. އެފަދަ ބޭފުޅުން ވިދާޅުވަނީ ރާއްޖޭގައި ޖަމާއަތް ހެދުމުގައި ގައިދުރު ކުރުމުގެ ޟަރޫރަތެއް ނެތް ކަމަށެވެ. މިކަމާ ދެކޮޅު ހައްދަވާ ބޭފުޅުން ވެސް މަދެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން