މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިދައުރުގެ ތެރޭގައި ހުށަހަޅަންޖެހޭ ބިލުތައް މަޖިލީހަށް ލިބިފައިނުވާތީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިދައުރުގައި މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމާފައިވާ ބިލުތަކުގެ ލިސްޓެއް މަޖިލީހަށް ލިބިފައިވާކަމަށެވެ. ނަމަވެސް އެ ލިސްޓުގައި ހިމެނޭ ބިލުތައް އަދިވެސް ނުލިބޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަޖިލީހުގެ މަސައްކަތްތައް މަދުވެފައިވަނީ ބިލުތައް ނުލިބޭތީކަމަށް ނަޝީދު ވިދާޅުވިއެވެ.

"ބަންޑާރަ ނާއިބާއި ވާހަކަ ދައްކައިގެން އަޅުގަނޑު ބަލާނަން ކޮން ބިލުތަކެއްތޯ ހުށަހެޅެން އޮތީ. މިދައުރުގެ ތެރޭގައި އަޅުގަނޑުމެން އެބަޖެހޭ މުހިންމު ބިލުތަކެއްގެ މަސައްކަތް ކުރަން. މިކަންކަން އަޅުގަނޑުމެން ކުރަން އެބަޖެހޭ، މިއީ އެޖެންޑާ-19 ގައި ކަނޑައަޅާފައިވާ ކަންކަން. ރައްޔިތުން ވަރަށް ކަންބޮޑުވާނެ ބޮޑު މުސާރަ ދީފައި އެވަރަށް މަސައްކަތް ނުކުރެވޭނަމަ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ މިދައުރަށް 30 އަށްވުރެ ގިނަ ބިލު ހުށަހަޅާނެކަމަށް އެޓަރނީ ޖެނެރަލް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި މުޅިން އަލަށް އެކުލަވާލާ 15 ޤާނޫނެއްގެ ބިލް ހިމެނެއެވެ. މަޖިލީހަށް ބިލުތައް ނުލިބޭކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެފައިވާއިރު، މަޖިލީހަށް ފޮނުވަންޖެހޭ ބިލުތައް ރައީސް އޮފީހަށް ފޮނުއްވާފައިވާކަމަށް އޭޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން