ކޯވިޑާއި ގުޅިގެން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް ދޫކުރާ އެލަވަންސްގެ ގޮތުގައި މިހާތަނަށް 292.8 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަމަހުގެ 25 ވަނަ ދުވަހާއި ހަމައަށް 18534 ފަރާތަކަށް އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާކަމަށެވެ. އަދި އެލަވަންސްގެ ގޮތުގައި 292.8 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވާކަމަށްވެސް ފިނޭންސްއިން ބުނެއެވެ.

18534 ފަރާތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާއިރު، އެލަވަންސްއަށް އެދި ހުށައެޅުމުގެ އެންމެ ފަހު މަހަކީ މިދިޔަ ޑިސެމްބަރުމަހެވެ.

އިންކަމް ސަޕޯޓް އެލަވަންސްއަކީ ކޯވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި، ވިޔަފާރިތައް ހުއްޓި ޢާމްދަނީއަށް އަސަރުކުރުމާއި ގުޅިގެން، އެފަދަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ދޭންފެށި އެލަވަންސެކެވެ.

މި އެލަވަންސްގެ ސަބަބުން ގިނަ ބައެއްގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވެދިންކަމަށް އިންކަމް ސަޕޯޓް އެލަވަންސް ލިބުނު ފަރާތްތަކުން ވަނީ ބުނެފައެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ވަނީ ވަރަށް ތަފްސީލްކޮށް އިންކަމް ސަޕޯޓް އެލަވަންސް ސަރުކާރުން ތައާރަފްކުރެއްވި ބޭނުން ވިދާޅުވެދެއްވާފައެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން، ނިސްބަތުން އިޤްތިޞާދީ އެންމެބޮޑު ގެއްލުމެއް ލިބުނު އެއް ޤައުމަކީ ދިވެހިރާއްޖެކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުމަކަށްވީ، ވިޔަފާރިތައް ހަލާކުނުވެ ހިފަހައްޓައި ވަޒީފާއަށް އަސަރުކުރި މީހުންނަށް، ޙާލުގައި ނުޖެހި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް ހޯދައިދީ ޢާއިލާތަކަށް އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން