ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަމަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ރީ ރަޖިސްޓްރީކުރުމަށް ހުށަހަޅަންޖެހޭނީ މިދިޔަ އެޕްރީލުމަހު ބޭއްވުމަށް ތާވަލުކުރި އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކުރި ތަން ނޫން އެހެންތަނަކަށް ވޯޓްލާން ބޭނުންވާ ފަރާތްތައްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ނަމަވެސް ރިސޯޓްތަކާއި ޖަލުތަކާއި މެލޭޝިޔާގެ ކުއަލަލަންޕޫރާއި، އިނގިރޭސިވިލާތުގެ ލަންޑަންގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މިފަހަރުގެ އިންތިޚާބުގައި ވޯޓްލާނަމަ އަލުން ރީ ރަޖިސްޓްރީވާންޖެހޭނޭކަމަށްވެސް އެކޮމިޝަނުން ބުނެފައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓުން ޗެކްކުރެވޭނެކަމަށެވެ. އަދި އެސް.އެމް.އެސް ކޮށްގެންވެސް އެމައުލޫމާތު ލިބޭނެކަމަށް އިލެކްޝަންސްއިން ބުނެެއެވެ.

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި، ސިޓީތަކުގެ ސިޓީ ކައުންސިލް އިދާރާ/ އަވަށު އޮފީހުންނެވެ. އަދި މާލޭގައި އިންތިޚާބާ ބެހޭ މަރުކަޒުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން