މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މައްސަލަތައް ބެލުމަށް އިންފޮމޭޝަން ކޮމިޝަނަރއަށް ލިބިދޭ ބާރުތައް އެއޮފީހުގެ ސެކްރެޓަރީ ޖެނެރަލް އިދުރީސް އިސްމާޢީލާ ހަވާލުކުރައްވައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ސެކްރެޓަރީ ޖެނެރަލްއާ ހަވާލުކޮށްފައިވަނީ ޤާނޫނުގެ 58 ވަނަ މާއްދާއާއި 60 ވަނަ މާއްދާއާއި 62 ވަނަ މާއްދާގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް މައްސަލަ ބެލުމަށް ލިބިދޭ ބާރުތަކެވެ. އެހެން ނަމަވެސް ޤާނޫނުގެ ދަށުން މައްސަލަތައް ނިންމުމުގައި ގޮތެއް ކަނޑައަޅުއްވާނީ އިންފޮމޭޝަން ކޮމިޝަނަރުކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވިދާޅުވެއެވެ.

މި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ސެކްރެޓަރީ ޖެނެރަލް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި އައިކޮމަށް ހުށަހަޅާ މައްސަލަތައް ދިރާސާކުރުމާއި، ތަހުގީގު މަރުހަލާތައް ފުރިހަމަކުރުމާއި މައްސަލައާ ގުޅޭ ގޮތުން އާންމު އަޑުއެހުންތައް ބޭއްވުން ހިމެނޭނެކަމަށްވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވިދާޅުވެއެވެ.

އިދުރީސް އިސްމާޢީލަކީ މީގެ ކުރިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ދެ އަހަރަށް ވުރެ ދިގު މުއްދަތަކަށް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އިންފޮމޭޝަން ކޮމިޝަނަރ ގެ މަގާމުގައި މިހާރު ހުންނެވީ ރާއްޖޭގެ މީޑިއާގައި ގިނަ ދުވަސް ތަކެއް ވަންދެން ޚިދުމަތް ކުރަށްވާފައިވާ އަދި އެންމެ ފަހުން ރާއްޖެ ޓީވީގެ އިސް މަގާމުތައް ފުރުއްވާފައިވާ ހުސައިން ފިޔާޒު މޫސާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން