އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   3 މާރިޗު 2021 - 14:11
ކޮވިޑް ފެސިލިޓީއެއްގައި ބަލިމީހުންނަށް ފަރުވާދެނީ (ފޮޓޯ- އެޗްއީއޯސީ)
ކޮވިޑް ފެސިލިޓީއެއްގައި ބަލިމީހުންނަށް ފަރުވާދެނީ (ފޮޓޯ- އެޗްއީއޯސީ)
ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ވިސްނަވަމުންގެންދަވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

ޑރ.ނަޒްލާ ވިދާޅުވީ މާލެ ސަރަހައްދުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް އެދެވޭ ނަތީޖާއެއް ފެންނަމުން ނުދާކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މީހުންގެ ޙާރަކާތްތެރިވުން ވަކި ގަޑިތަކެއްގައި މަގުމަތީގައި ކޮންޓްރޯލްކުރުމަށް ކާފިއު ޢިއުލާންކޮށް އިތުރު އެހެން ފިޔަވަޅުތައް އަޅާފައިވާ އިރުވެސް އެދެވޭ އެއްވެސް ނަތީޖާއެއް ފެންނަމުން ނުދާކަމަށާ، ބައްޔަށް ޕޮޒިޓިވްވަމުންދާ މީހުންގެ ނިސްބަތް މައްޗަށްގޮސް ނުރައްކާ އިތުރުވަމުންދާކަން ވެސް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

އަދި ވެހިކަލް ދުއްވުން ކޮންޓްރޯލް ކުރުމުންވެސް ފައި މަގުގައި އެތައް ބަޔަކު މަގުތަކުގައި ޒަރޫރީ ބޭނުމެއް ނެތް ގޮތަށް ހަރަކާތްތެރިވަމުންދާކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށްވުރެ އިތުރު ފިޔަވަޅުތަކެއް އަޅާން ޖެހިފައިވާ ކަަމަށެވެ.

"ކޮވިޑް ކޮންޓްރޯލް ކުރަން މި ކުރާ މަސައްކަތުގެ އެންމެ އުއްމީދީ އެއްކަމަކަށް މި ފެންނަނީ ވެކްސިން. އެހެންވީމަ ވެކްސިން ޖަހައިގެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ކޮންމެވެސް ވަރަކަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ލުއިތަކެއް ލިބޭނެ. އަދި ހަމައެކަނި ގޮތަކީ މިއީ ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ. ހުރިހާ ބޭފުޅުން ވެސް ވީހާ ވެސް އަވަހަކަށް ވެކްސިން ޖެހުމަކީ މުހިންމު ކަމެއް." ޑރ. ނަޒުލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިކަމުގައިހުރި ބިރުވެރިކަން ބައެއް ފަރާތްތަކަށް ވަޒަން ނުކުރެވެނީ ރާއްޖެއިން އެއްފަހަރާ އެތައް ބަޔަކު މަރުވެގެންދާ މަންޒަރު ނުފެންނާތީކަމަށް ބެލެވޭކަމަށެވެ. އަދި އެތައް ބަޔަކަށް ކުއްލި ފަރުވާދޭންޖެހޭ ޙާލަތަކަށްގޮސް އެފަރުވާ އެންމެނަށް ދެވޭނެ އެނދާއި ވަޞީލަތް ނެތިގެން އެތައްބަޔަކަށް ފަރުވާ ނުދެވި ދޫކޮށްލަންޖެހޭފަދަ މަންޒަރު ރާއްޖެއިން ނުފެންނާތީކަމަށް ވެދާނެކަމުގައި ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެހެންނަމަވެސް އެމަންޒަރު ރާއްޖެއިން ނުފެންނަނީ އެކަން އެގޮތަށް ވިޔަނުދިނުމަށް އެތައް ބަޔަކު ރެއާއި ދުވާލު އެތައް މަސައްކަތެއް ކުރަމުން ގެންދަވާތީކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

ކޯވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވިހި ހާހުން މައްޗަށް އަރާފައި ވާއިރު މިވަގުތުވެސް ރާއްޖޭގެ 4 ރަށަކުން ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން އެރަށްތައް ވަނީ މޮނީޓަރިންގެ ޙާލަތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން