އެމްޑީޕީން ސިލްސިލާކޮށް އޮންލައިންކޮށް ކުރިއަށްގެންދާ ރަށްވެހި ފަތިސް ކެމްޕެއިން ބައްދަލުވުންތަކުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާމެދު ކަންތައް ކުރެއްވި ގޮތުން، ރައީސް މުޙައްމަދު ނަޝީދަށް މީސްމީޑިއާގައި ވަރަށް ބޮޑަށް ނުރުހުން އަމާޒުވެއްޖެއެވެ.

ރ. އަތޮޅުގެ ކެމްޕެއިން ޓީމްތަކާއެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް އަދަބު އިޚްތިރާމް ކުޑަވާފަދަ ގޮތަކަށް އަމަލުކުރައްވާފައެވެ. އެގޮތުން އޮންލައިންކޮށް ކުރިއަށްދިޔަ ބައްދަލުވުމުގައި ނަސީމް ވާހަކަދައްކަވަން ފެއްޓެވުމުން ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުން، އެކަމުގެ ނުރުހުން ނަޝީދު "ބޭލީ" ހެލްތު މިނިސްޓަރ ނަސީމަށެވެ. އަދި ކޮންމެސް ބޭފުޅަކު ނަސީމަށް ގުޅުއްވާފައި މިކަންކަން ހިނގާ ގޮތް ކިޔައި ދެއްވުމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ވަރަށް ރުންކޮރުކޮށް މުހާޠަބު ކުރެއްވުމުން މީސް މީޑިއާގައި އެވިޑިއޯ ކްލިޕް ހިއްސާކޮށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މިމައްސަލަތައް ދިމާވުމުން ނަސީމް ވަނީ މައާފަށްވެސް އެދިވަޑައިގެންފައެވެ. އަދި ދެން ރެޔަކުން އެފަދަ މައްސަލަތަކެއް ދިމާނުވާނޭކަމަށް ނަސީމް ވިދާޅުވިއެވެ.



"ދެން ރެޔަކުން މިކަހަލަ މައްސަލައެއް ނުޖެހޭނެކަމަށް އަޅުގަނޑު އުއްމީދުކުރަން. އަބަދުވެސް މިކަހަލަ މައްސަލައެއް ޖެހޭތީ މިހެން މިދަންނަވަނީ އިނގޭތޯ." ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރ ނަސީމް މިހެން ވިދާޅުވުމަށްފަހު ވާހަކަފުޅު ކުރިއަށްގެންދަވަން ފެއްޓެވުމަށްފަހު އަނެއްކާވެސް މައްސަލަތަކެއް ދިމާވުމުން ނަޝީދު ވަނީ ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހުންނަވާ ނަސީމާ މުހާތަބްކުރައްވާފައެވެ.

" ނަސީމް ކުރިއަށް ގެންދަވަބައްލަވަ. ތިހެން ނާއްސަވަބައްލަވާ. ތިހެން އެހީމަ ލަސްވެގެން، އެކޯވެގެންނޭ އަޑުއިވެނީ.. ދެން ކޮންމެވެސް ވަރަކަށް އަޅުގަނޑަށް ނަސީމް ހިފެހެއްޓޭނީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވުމުން ނަސީމް ވިދާޅުވީ، "އަޅުގަނޑު ބޭނުމެއް ނެތް ކޮންމެހެން ހިފަހައްޓާކަށް". އަދި އެއަށްފަހު އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށްގެންދެވިއެވެ.

ނަސީމާމެދު ކަންތައްކުރި ގޮތުން ސޯޝަލް މީޑިއާގައި ނަޝީދަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އަދި އަމިއްލަފުޅު ބޮޑުބޭބެއާމެދު ކަންތައްކުރީ ވަރަށް އިހާނެތިކޮށްކަމަށް ބައެއް ބޭފުޅުން ވިދާޅުވިއިރު، އެހެން ބައެއް ބޭފުޅުން ވިދާޅުވީ ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި އަދި މިހާރުވެސް ދައުލަތުގެ މިނިސްޓަރަކަށް ހުންނެވި ބޭފުޅަކާމެދު ރައީސް ނަޝީދު ކަންތައް ކުރެއްވީ ވަރަށް ދަށު ދަރަޖައިގެ ގޮތަކަށްކަމަށެވެ.



ސަރުކާރުގެ ވަޒީރަކާއިމެދު ނަޝީދު އިހާނެތިކޮށް ކަންތައްތައް ކުރެއްވިއިރު، މަޖިލީހުން އެންމެފަހުން އިތުބާރުނެތްކަމަށް ފާސްކުރި މިނިސްޓަރ މުހަންމަދު މަލީހު ޖަމާލު މަޖިލީހަށް ހާޒިރުކޮށް ކަންތައްތައް ކުރެއްވީ ވަރަށް ހުދުމުހުތާރުކޮށްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މަލީހު މަޖިލީހުގައި ރިޔާސަތާ ނިސްބަތް ކުރަށްވައި ކުރެއްވި ބައެއް ސުވާލުތަކަށް ވަރަށް ރުންކުރު ޖަވާބުތައް އަމާޒު ކުރެއްވިކަން ބައެއް ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން