އަހުމަދު މަސްނޫމް   3 މާރިޗު 2021 - 15:13
ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ އުރީދޫ މޯލްޑިވްސްގެ ހިއްސާއަކަށް 2 ރުފިޔާ 34 ލާރި ބެހުމަށް ފާސްކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާއަކަށް 2 ރުފިޔާ 34 ލާރި ބެހުމަށް ފާސްކޮށްފައިވަނީ، މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީގެ "ފަހިވޯޓް" އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ބޭއްވި އެކުންފުނީގެ އަހަރީ އާއްމު ޖަލްސާގައެވެ.

މިދިޔަ އަހަރު އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 407 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 15 ޕަސެންޓް ދަށް އަދަދެކެވެ. އަދި ފައިދާގެ ތެރެއިން ހިއްސާދާރުންނަށް ބެހުމަށް ނިންމާފައިވަނީ ފައިދާގެ 85 ޕަސެންޓްއެވެ.

އަހަރީ އާއްމު ޖަލްސާގައި ވަނީ އުރީދޫ މޯލްޑިވްސް މި އަހަރު އޮޑިޓް ކުރަން ކުންފުންޏެއްގެ ގޮތުގައި ވޯޓާ ހައުސް ކޫޕާސް ކަނޑައަޅާފައެވެ. އަދި މިދިޔަ އަހަރުގެ މާލީ ރިޕޯޓްތަކާއި އޮޑިޓް ރިޕޯޓުވެސް މި ބައްދަލުވުމުގައި ފާސްކުރިއެވެ.

އުރީދޫ މޯލްޑިވްސްއަކީ 90 ޕަސެންޓް ވަތަނިއްޔާ އިންޓަނޭޝަނަލް، އަދި 5.64 ޕަސެންޓް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް، އަދި 3.86 ޕަސެންޓް އާއްމު ރައްޔިތުން ހިއްސާވާ ކުންފުންޏެކެވެ.

ރާއްޖޭގެ މުވާސަލާތީ ޚިދުމަތުގައި އޮތް އެއްފަރާތެއްގެ ކޮންޓްރޯލް ނައްތާލައި ވާދަވެރި، އަގުހެޔޮ މުވާސަލާތީ ޚިދުމަތެއް ދިނުމަށް 2004 ވަނަ އަހަރު ރާއްޖެއަށް ގެނައި ވަތަނިއްޔާ (މިހާރުގެ އޫރީދޫ) ކުންފުނި ގެނައުމުން އިންޓަރނެޓާއި އެހެނިހެން މުވާސަލާތީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އަގު ހެޔޮ ވާދަވެރި ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އޭރު ބުނަމުން ދިޔަނަމަވެސް މިފަހަކަށް އައިސް އެކަން އެކުންފުނީގެ ފަރާތުން ވެސް އަދި މުވާސަލާތީ ޚިދުމަތްދޭ ސަރުކާރުގެ ކުންފުނި، ދިރާގުގެ ފަރާތުންވެސް ނުފެންނަ ކަމަށް ބުނެ އަދި ޚިދުމަތާއިމެދު ވެސް ހިތްހަމަ ނުޖެހޭކަން ރައްޔިތުން ދަނީ ހާމަކުރަމުންނެވެ. ރައްޔިތުން ބުނަނީ އެދެކުންފުނިން ވެސް ކުރާ ކަމަކީ ގުޅިގެން ރައްޔިތުން "ފެލާލައިގެން" ބޮޑު ފައިދާ ހޯދުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު