ކޮމިއުނިކޭޝަންސް އެންޑް ޓެކްނޮލިޖީ މިނިސްޓަރު ކަމުގެ މަޤާމުން ދާދި ފަހުން ވަކިކުރި މަލީހު ޖަމާލު މަގާމުން ވަކިކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އަމަލުކުރެއްވީ ރަނގަޅަށް ނޫން ކަމަށް ރާއްޖޭގެ ކުރީގެ އެޓަރނީ ޖެނެރަލް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވީ މިނިސްޓަރުކަމުން މުހައްމަދު މަލީހު ޖަމާލު ވަކިކުރުމަށް މަޖިލީހަށް ހާޒިރުކޮށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބިރުދައްކާފައިވާކަމަށް ވިދާޅުވެ ތުހުމަތުތަކެއް ކުރަށްވާފައި ވަނިކޮށެވެ.

މަލީހަށް ރައްދުދެއްވައި ދިޔާނާ ވިދާޅުވަނީ މަލީހު ތުހުމަތުތައް ކުރައްވަނީ ނުބައި ރައީސަކަށް ކަމަށެވެ. އަދި ވަޒީރަކު މަގާމުން ވަކިކުރުމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަމަލު ކުރެއްވީ ރަނގަޅަށް ނޫން ކަމަށާއި ވަޒީރަކު ކަމުނުދާނަމަ މަގާމުން ވަކިކުރަންވާނީ ރީތިގޮތުގައި ކަމަށް ދިޔާނާ ފާހަގަ ކުރެއްވިއެވެ.

އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓް ވަޒީރަކަށް މަލީހު ހުންނެވިނަމަ، މަލީހު ދިފާއު ކުރައްވަން ރައީސް ނަޝީދު މަސައްކަތް ކުރައްވާނެކަމަށްވެސް ދިޔާނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، ވަޒީރަކާއިމެދު އިތުބާރު ނެތްކަމަށް ނެގޭ ވޯޓަކީ ސަރުކާރާއިމެދުވެސް ނެގޭ އިތުބާރު ނެތްކަމުގެ ވޯޓެއް ކަމަށް ދިޔާނާ ވަނީ ވިދާޅުވެފައެވެ.

"މަލީޙް، ނުބައި ރައީސަކަށް ތިއޮއްގާ އުއްކަވަނީ ރައީސް ނަޝީދުގެ ކެބިނެޓްގައި މަނިކުފާނު އިންނެވިނަމަ، މަނިކުފާނު ދިފާއު ކުރައްވަން ހުރިހާ ގަލެއް ފުރޮޅުއްވީސްކަން ކަށަވަރު. ރައީސް އިބްރާހިމް މުހައްމަދު ސޯލިޙު ކަންތައް ކުރެއްވިގޮތް ހުތުރު. ވަޒީރަކު ކަމުނުދާނަމަ ވަކިކުރައްވަންވާނީ ރީތިކޮށް. މަޖިލީހުން ނޮޅަން ދޫކޮށްނުލައްވާ. ރައީސުލް ޖުމްހޫރިއްޔާގެ މެޖޯރިޓީ މަޖިލީހުގައި އޮވެ، ރައީސުލް ޖުމްހޫރިއްޔާގެ ކެބިނެޓް މެމްބަރަކު މަޖިލީހުގެ އޮއިވަރުގައި ތެޅިފާރުވާން ދޫކޮށްލެއްވުމަކީ އުސޫލެއްގެ ގޮތުން ދެރަވަރުކަމެއް. ވަޒީރަކާއިމެދު އިތުބާރު ނެތްކަމަށް ނެގޭ ވޯޓަކީ ސަރުކާރާއިމެދުވެސް ނެގޭ އިތުބާރު ނެތްކަމުގެ ވޯޓެއް." ދިޔާނާ ވިދާޅުވިއެވެ.

މިނިސްޓަރު ކަމުގެ މަޤާމުން ވަކިކުރެވުނު މަލީހު ޖަމާލުގެ އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަައިގައި ކުރި ބަހުސްގައި ފަަހުބަސްް ވިދާޅުވާން ލިބިވަޑައިގެންނެވި ފުރުސަތުގައި މަލީހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށާއި ސަރުކާރަށް ބިރުދައްކަމުންދާ ތަން ފެނިވަޑައިގަންނަވާ ކަމަށެވެ. މިކަމާއި ގުޅިގެން މަޖިލީހުގެ ރައީސް ވަނީ މަލީހުގެ ވާހަކައިގައި މަޖިލީހުގެ މެމްބަރުންނަށް ކުރެއްވި ތުހުމަތުތައް މަޖިލީހުގެ އިމްތިޔާޒާ ބެހޭ ކޮމިޓީ އަށް ފޮނުވަން ނިންމައިފައެވެ.

މިކަމަށް ރިއާޔަތްކުރަށްވައި މަލީހް ވިދާޅުވަނީ މަޖިލީހުގެ ރައީސް ވަނީ ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ (ހ)އާއި ހިލާފުވެ، އެމަނިކުފާނަށް ބިރުދައްކަވާފައިކަމަށެވެ. އަދި މަޖިލީސް ވަނީ ޚަރާބުވެފައި ކަމަށްވެސް މަލީހު ވަނީ ސިފަކުރައްވާފައެވެ.

މިމަހުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައި، ސަރުކާރުގެ ކޯލިޝަން ޕާޓްނަރ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމަށް ވަޑައިގެންނެވި މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވަނީ 59 މެންބަރުންގެ ވޯޓުންނެވެ. މަލީޙްގެ އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ޢަބްދު ﷲ ރިޔާޒް އެކަންޏެވެ. އަދި ޖޭޕީ އަށް ނިސްބަތްވާ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަނީ މަލީޙުގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވާފައެވެ. މަލީޙުގެ ވޯޓުގައި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެންބަރުން ތިއްބެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން