އދގެ ޚާއްސަ ރެޕަޓުއަރ ޑރ. އަހުމަދު ޝަހީދު.
އދގެ ޚާއްސަ ރެޕަޓުއަރ ޑރ. އަހުމަދު ޝަހީދު.
މުސްލިމުންނާމެދު ހިންގާ އަނިޔާވެރިކަމާއި ދެކޮޅަށް ފިޔަވަޅުއެޅުމަށް އިލްތިމާސްކުރަށްވައި އދގެ ޚާއްސަ ރެޕަޓުއަރ ޑރ. އަހުމަދު ޝަހީދު ހާއްސަ ރިޕޯޓެއް އެކުލަވާލައި، އދގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށައަޅުއްވައިފިއެވެ.

ޑރ. ޝަހީދު ދިރާސާކުރަށްވައި އެކުލަވާލައްވާފައިވާ "ކައުންޓަރިންގ އިސްލާމޮފޯބިއާ/ އެންޓި މުސްލިމް ހޭޓްރެޑް ޓު އެލިމިނޭޓް ޑިސްކްރިމިނޭޝަން އެންޑް އިންޓޮލަރެންސް ބޭސްޑް އޮން ރިލީޖަން އޯ ބިލީފް" ރިޕޯޓަކީ މުސްލިމުންނަށް އަމާޒުކޮށްގެން ހިންގޭ ޖަރީމާތަކާއި ދެކޮޅަށް، އދ އަށް ނިސްބަތްވާ ފަރާތަކުން އެކުލަވާލި އެފަފަ ފުރަތަމަ ރިޕޯޓެވެ. މިރިޕޯޓު ހުށައަޅާފައިވަނީ މުސްލިމުންގެ ދީނީ މިނިވަންކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ގޮންޖެހުންތަކެއް، ކުރިމަތިވަމުންދާތީ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެއެވެ.

ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި މުސްލިމުންނަށް އަމާޒުކޮށްގެން ހިންގޭ ޖަރީމާތަކާއި، އަނިޔާވެރިކަމާއި، ތަފާތު ކުރުންތަކާއި، ފުރައްސާރަކުރުމާއި، ނަފުރަތު ކުރުމުގެ އަމަލުތަކާއި ދެކޮޅަށް ސަރުކާރުތަކުންނާއި، ބައިނަލްއަގުވާމީ މުއައްސަސާތަކުންނާއި، މަދަނީ ޖަމާއަތްތަކުންނާއި، ސޯޝަލް މީޑިޔާ ކުންފުނިތަކުންނާއި، ވިޔަފާރި ކުންފުނިތަކުން ފިޔަވަޅުއެޅުމަށް މިރިޕޯޓުގައި އިލްތިމާސްކޮށްފައިވެއެވެ. މިގޮތުން އެޅިދާނެ ފިޔަވަޅުތައްވެސް މިރިޕޯޓުގައި ޑރ. ޝަހީދު ވަނީ ބަޔާންކުރަށްވާފައެވެ.

ޑރ. ޝަހީދުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި މުސްލިމުންނާއިމެދު ކުރެވޭ އިންސާފެއްނެތް އަމަލުތަކުގެ ސަބަބުން ބައެއް ގައުމުތަކުގައި މުސްލިމުން މުސްލިމުންގެ ގޮތުގައި ދިރިއުޅުމަށް ހުރަސްއެޅިފައިވެއެވެ. އަދި މިފަދައިން ހުރަސް އެޅުމާއި، ދީނީ ކަންކަމުގައި މަޖުބޫރުކުރުވުމަކީ ބައިނަލްއަގުވާމީ ގާނޫނުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ހިލާފު ކަމެއްގެ ގޮތުގައި މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މިފަަދަ ހާލަތަކަށް ދާން މެދުވެރިވަނީ، އާންމު ރައްޔިތުންގެ މެދުގައި އިސްލާމްދީނާއި މުސްލިމުންނާއި މެދު އޮންނަ ތައައްސުބަށްވުރެ އިސްދައުރެއްް އަދާކުރަނީ ސަރުކާރުތަކުން ގެންގުޅޭ ތަފާތުކުރުމުގެ ސިޔާސަތުތަކާއި، ޓެރަރިޒަމާއި ދެކޮޅަށް ފިޔަވަޅުއެޅުމުގައި ޓެރަރިޒަމްގެ އަމަލުތަކަށް ވާގި ނުދޭ މުސްލިމުންނާއި މެދުވެސް ޝައްކުގެ ނަޒަރަކުން ބެލުން އާންމުވެފައިވާތީކަމަށް މިރިޕޯޓުގައި ޑރ. ޝަހީދު ވަނީ ފާހަގަކުރައްވާފައެވެ. ސަރުކާރުތަކުގެ މިފަދަ އަމަލުތަކުން މުސްލިމުންނާއި މެދު ނަފްރަތު ކުރުމަށާއި ބިރުދެއްކުމަށް ހިތްވަރުލިބޭކަމަށްވެސް ޑރ. ޝަހީދު ވިދާޅުވެފައިވެއެވެ.

އިސްލާމޮފޯބިއާ، މިބަހަކީ ގިނަ ގައުމުތަކުން ބޭނުންކުރުމަށް އިންކާރު ކުރާ ނުވަތަ ފަސްޖެހޭ ލަފުޒަކަށްވިޔަސް، ބައިނަލްއަގުވާމީ ބައްދަލުވުމެއްގައި ހުށައެޅޭ މިރިޕޯޓުގައި މިލަފްޒު ބޭނުން ކޮށްފައިވަނީ މުސްލިމުންނާއި މެދު ކުރެވޭ ފުރައްސާރަތައް ބިނާވެފައިއޮންނަނީ އިސްލާމް ދީނާއި ބެހޭގޮތުން ބިރުވެރިކަމާއި ނުތަނަވަސްކަން ފެތުރުމުގެ މައްޗަށް ކަމަށް ވާތީ އާއި، މިފަދަ ކަންކަމުން ބިކަވާ މުސްލިމު ޖަމާއަތްތަކުން ބޭނުންކުރާ ލަފްޒަކީ އިސްލާމޮފޯބިއާ ކަމަށްވުމުން ކަމަށް ޑރ. ޝަހީދު ފާހަގަކުރަށްވާފައިވެއެވެ. މިގޮތުން އިސްލާމްދީނާއި ބެހޭގޮތުން އަސްލެއްނެތް ވާހަކަ ފެތުރުމަކީވެސް މުސްލިމުންނާއި މެދު ނަފްރަތު އުފެއްދުމަށް ބޭނުންކުރާ އުކުޅެއް ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

މީގެއިތުރުން، މުސްލިމުންނާއި މެދު ކުރެވޭ ތަފާތުކުރުންތައް ހުއްޓުވުމަށް އޮތްހައްލަކީ ދުލާއި ގަލަމުގެ މިނިވަންކަން ހަނިކުރުން ނޫން ކަމަށް މިރިޕޯޓުގައިވެއެވެ. މިގޮތުން އިސްކަމެއް ދޭންވީ މުސްލިމުންނާއި އަދި އިސްލާމްދީނާއި އިސްލާމީ ދުނިޔެއާއި ބެހޭގޮތުން ހުޅަނގުގެ ގައުމުތަކުގެ ރައްޔިތުންނަށް ލިބެން ހުރި މައުލޫމާތު މުއްސަނދިކުރުމާއި ދައުލަތްތަކުން ކުރާ ތަފާތުކުރުންތައް ހުއްޓުވުން ކަމަށް ވެސް މިރިޕޯޓުގައި އިލްތިމާސްކޮށްފައިވެެއެވެ.

ސުލްޙަވެރިކަމާއެކު ދީންތަކަށް ފާޑުކިޔުމަކީ ބައިނަލްއަގުވާމީ ގާނޫނުން ކަށަވަރުކޮށްދޭ ހައްގެއް ކަމަށް މިރިޕޯޓުގައިވެއެވެ. އަދި، އިސްލާމޮފޯބިއާގެ ނަމުގައި ތަކްފީރީ އަމަލު ހިންގިޔަ ނުދިނުމަށާއި، މުސްލިމު ދައުލަތްތަކުގެ އަޣުލަބިއްޔަތަށް ތަބާނުވާ މުސްލިމުންގެ ހައްގުތައްވެސް ރައްކާތެރިކޮށްދިނުމަށް، މިރިޕޯޓުގައި، ޑރ. ޝަހީދު ވަނީ ސަރުކާރުތަކަށް ގޮވާލާފައެވެ. އަދި، އިސްލާމޮފޯބިއާގެ ސަބަބުން އެންމެ ބޮޑަށް އަނިޔާލިބެނީ މުސްލިމު އަންހެނުންނަށް ކަމަށާއި، ވަކިން ޚާއްސަކޮށް ބުރުގާ އެޅި އަންހެނުންނަށްކަމަށް ފާހަގަކޮށް، ބުރުގާ އެޅުން މަނާކުރާގައުމުތަކަށް ފާޑުކިޔުމާއިއެކު، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް، ޑރ. ޝަހީދު ވަނީ ގޮވާލާފައެވެ.

ޑރ. ޝަހީދުގެ މިރިޕޯޓަށް ބަހުސްކުރުމަށް އދގެ ހިއުމަން ރައިޓްސް ކައުންސިލުގެ މަރޗް 4 ވަނަ ދުވަހުގެ ބައްދަލުވުމުގައި ތާވަލު ކޮށްފައިވެއެވެ. ދިވެހިރާއްޖެއަކީ އދގެ ހިއުމަން ރައިޓްސް ކައުންސިލުގެ މެމްބަރަކަށް ނުވިނަމަވެސް، އެބަހުސްގައި ބައިވެރިވުމަށް ރާއްޖެއަށް ފުރުސަތުލިބިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިބަހުސްގައި ރާއްޖެއިން ބައިވެރިވެ ބަހެއް ބުނުމަށް ނިންމާފައިވޭތޯ ބެލުމަށް "ރަސް އޮންލައިން"ގެ ފަރާތުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އާއި ސުވާލު ކުރުމުން ޖެނީވާގައި ތިއްބަވާ ރާއްޖޭގެ ޑެލިގޭޓުންނާއި މަޝްވަރާކުރުމަށް ފަހު ޖަވާބެއް އަރުވާނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މިކަމާއި ބެހޭގޮގުން އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. ޝަހީދުގެ މި ރިޕޯޓަށް ބަހުސް ކުރުމަށް އެދި ހުށައަޅާފައިވާ ގައުމުތަކުގެ ލިސްޓުގައި ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި އޮތް ރާއްޖެ ނުހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން