މިޔަންމާގެ ބަޣާވާތާއި ދެކޮޅަށް ކުރަންމުންދާ މުޒާހަރާތަކުގެ ތެރެއިން.
މިޔަންމާގެ ބަޣާވާތާއި ދެކޮޅަށް ކުރަންމުންދާ މުޒާހަރާތަކުގެ ތެރެއިން.
މިޔަންމާގައި ކުރި ބަޣާވާތް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ދިވެހި ސަރުކާރުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ 1 ފެބްރުއަރީ 2021 ވަނަ ދުވަހު ބަޣާވާތަކުން މިޔަންމާގެ ސަރުކާރު ބަދަލުކުރުމާ ގުޅިގެން އެކަން ކުށްވެރިކުރުމުގައި ދިވެހި ސަރުކާރު ބައިވެރިވާކަމަށެވެ. ބަޣާވާތަށްފަހު މިޔަންމާގެ އަސްކަރިއްޔާއިން އެޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ނޭއްގާނީ އަމަލުތަކާއި، އެކަމުގެ ސަބަބުން ކުށެއް ނެތް އާއްމުންގެ އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާކަން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރާކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

ދިވެހި ސަރުކާރުން ވަނީ ޤާނޫނާ ޚިލާފަށް މިޔަންމާގެ މަދަނީ ސަރުކާރުގެ އޮފިޝަލުންނާއި ހަތިޔާރެއް ނެތި މުޒާހަރާކުރަމުން ދާ ފަރާތްތައް ހައްޔަރުކުރުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި މިޔަންމާގެ ޤާނޫނު އަސާސީއިން ކަނޑައަޅާފައިވާ ހައްޤުތައް ކަށަވަރުކޮށްދިނުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން އިންސާނީ ހައްޤުތަކުގެ އަސާސްތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާ ބެހޭ ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ބަޣާވާތަށްފަހު އިއުލާންކޮށްފައިވާ ކުއްލި ޙާލަތު އުވާލުމަށްވެސް ދިވެހި ސަރުކާރުން މިޔަންމާގެ އަސްކަރިއްޔާއަށް ގޮވާލާފައިވެއެވެ. މީގެއިތުރުން އިންތިޚާބުގެ ނަތީޖާ ޤަބޫލުކޮށް، ވެރިކަމުގެ ބާރުތައް، އިންތިޚާބުކޮށްފައިވާ ނޭޝަނަލް އެސެމްބްލީއަށް ދޫކޮށްލުމަށާއި، މިޔަންމާގެ ސިޔާސީ އަދި އިޖްތިމާޢީ ހަމަޖެހުން ދެމެހެއްޓުމަށް ވެސް ދިވެހި ސަރުކާރުން ނެރެފައިވާ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.

މިޔަންމާގެ ރައްޔިތުން ޑިމޮކްރަސީއަށް ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން އޮތީ ރައްޔިތުންނާ އެކުގައިކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.

މިޔަންމާގައި ބަޣާވާތެއް ގެނަސް އޮންގ ސަންގ ސޫޗީ ގެ އިތުރުން މިޔަންމާގެ ރައީސާއި، ސަރުކާރުގެ އިސްވެރިން ހައްޔަރުކޮށް، މިޔަންމާގެ ވެރިކަން ސިފައިންގެ ބާރުގެދަށަށް ގެންގޮސް، މިޔަންމާގައި ކުއްލި ހާލަތު އިއުލާންކޮށްފައިވަނީ ފެބްރުއަރީ މަހު އެއްވަނަ ދުވަހުއެވެ. މިޔަންމާގައި ބަޣާވާތް ކުރަނީ މިޔަންމާގައި މިދިޔަ އަހަރު ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބާއި ގުޅުވައިގެން އެގައުމުގައި އުފެދުނު ހަމަނުޖެހުންތަކާއެކުއެވެ.

މިޔަންމާގެ ބަޣާވާތާއި ދެކޮޅަށް ކުރަންމުންދާ މުޒާހަރާތަކުގެ ތެރެއިން 1400 އަށްވުރެއް ގިނަ މީހުން މިހާތަނަަށް ހައްޔަރުކޮށްފައިވާއިރު، މިމުޒާހަރާތައް ރޫޅާލުމުގައި މިޔަންމާގެ ސިފައިން ބާރުގެ ބޭނުން ކުރަމުންދާކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިގޮތުން ހަތިޔާރު އެޅި ސިފައިން ނުކުމެ މުޒާހަރާތައް ރޫޅާލުމަށް ކުރަމުންދާ މަސައްކަތުގެތެރެއިން އިއްޔެ އެކަނިވެސް 38 މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލާފައިވާކަމަށް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން