ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު
ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު
ރިސޯޓް މުވައްޒަފުންގެ ހައްޤުތައް ކަށަވަރުކޮށްދެއްވުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ކޯވިޑް 19 އާއި ގުޅިގެން ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް ޢާއިލާ ގާތަށް ނުދެވި އެތައް މަހެއް ފާއިތުވަމުންދާތީ އެމުވައްޒަފުންނާއި ޢާއިލާތަކަށް ވަރަށް ބޮޑު ހިތްދަތިކަމެއް ކުރިމަތިވެފައިވާކަމަށެވެ. އަދި ބައެއް ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރަށާއި ކިތަންމެ ކައިރި ރިސޯޓެއްގައި މަސައްކަތް ކުރަންޖެހުނު ކަމުގައިވިޔަސް ޢާއިލާގާތަށް ދެވޭނެ އެއްވެސް ފުރުސަތެއް ނެތި، ގިނަ މުވައްޒަފުންތަކެއް ކޯވިޑް-19 އާއި ގުޅިގެން ރަށު ބަންދުގައި ތިބޭތާ އަހަރެއްހާ ދުވަސް ވެފައިވާކަމަށް މިމައްސަލައިގައި ބުނެގައިވެއެވެ.





ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ހުށަހެޅުއްވި މައްސަލައިގައި ޢާއިލާގާތަށް ދިޔަ މުވައްޒަފުން އެނބުރި ރިސޯޓުގެ މަސައްކަތަށް ނުނުކުމެވި، އާމްދަނީއެއް ނެތި ތިބޭތާ އެތައް މަހެއް ވެފައިވާކަން މިމައްސަލައިގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން ޢާއިލާގާތަށް ދާންޖެހޭނަމަ 10 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަންޖެހުމާއި، ބައެއް ރިސޯޓުތަކުން ކަރަންޓީނު މުއްދަތު ނޯޕޭގެ ގޮތުގައި ގުނަމުންދާ މައްސަލައާއި، ކޮންމެ ހަފްތާއަކުވެސް އޮފް ނަގަން މަޖުބޫރުވާއިރު އޮފްޑޭ އެއްކޮށް ލިބޭނެ ގޮތެއް ނެތުމާއި، ބައެއް ރަށްރަށުގައި ކަރަންޓީނު ވާނެ ތަނެއް ނެތުމާއި ނުވަތަ ކުއްޔަށް ތަންތަން ހިފައިގެން ކަރަންޓީނު ވާންޖެހުންފަދަ މައްސަލަތައްވެސް ފެންމަތިވަމުންދާކަމަށް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކޮށް، ކަމާބެހޭ އިދާރާތަކުން މިކަންކަން ފުރިހަމައަށް ބަލާ މޮނިޓަރކޮށް، އެ މުވައްޒަފުންގެ ޙައްޤުތައް ކަށަވަރުކޮށް ދިނުމަށް މިމައްސަލައިގައި ސަރުކާރަށް ގޮވާލާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން