އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   6 މާރިޗު 2021 - 15:57
ކޮވިޑް-19 ފެތުރެމުންދާތީ ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރޭގަނޑު 08:00އިން ފަތިހު 04:00އަށް ހިންގާފައި އޮތް ކާފިއު މާރޗް މަހުގެ 5 ވަނަ ދުވަހުގެ ރޭގަނޑު 12:00 އިން ފެށިގެން އުވާލާފައިވާކަމަށް އެސިޓީގެ ކައުންސިލްގެ މޭޔަރ ފަލާހު ޝަރީފް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގެ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އީއޯސީއިން ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުވައްމުލަކު ސިޓީގެ މޭޔަރ ފަލާހު ވިދާޅުވީ ރޭގަނޑު ގަޑީގައި އަމަލުކުރަމުން އައި ކާފިއު އުވާލިނަމަވެސް ދެން ހުރި ފިޔަވަޅުތައް އެގޮތުގައި ދެމި އޮންނާނެކަމަށެވެ. އަދި އެސިޓީ މޮނިޓަރިންގގައި މާރޗް މަހުގެ 15 ވަނަ ދުވަހާ ހަމައަށް އޮތްއޮތުންވެސް ދެމި އޮންނާނެކަމަށް ފަލާހު ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19 އިން ރައްކާތެރިވުމަށް ފުވައްމުލައް ސިޓީގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެފިޔަވަޅުތައް ދެ ފަހަރެއްގެ މަތިން ވަނީ ދިގު ދަންމާލަފައެވެ.

ފުވައްމުލަކު ސިޓީގެ މިވަގުތުގެ ކޮވިޑްގެ ހާލަތަށް ބަލާއިރު އެސިޓީގެ އީއޯސީން ހާމަކޮށްފައިވާ ގޮތުގައި މިހާރު އެސިޓީގެ އެކްޓިވް ކޭހުގެ އަދަދު ހުރީ 17ގައެވެ. ޖުމްލަ 51 މީހަކަށް އެސިޓީން ކޮވިޑް ޖެހިފައިވާއިރު 34 މީހަކު މިހާރު ވަނީ މިބަލިން ރަނގަޅުވެފައެވެ.

ފުވައްމުލަކު ސިޓީން މިހާތަނަށް ތިން ކްލަސްޓަރއެއް ފެނިފައިވާ ކަމަށް ޑރ ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ. އެގޮތުން ފުރަތަމަ ކްލަސްޓަރގައި ޖުމްލަ 29 ކޭސް ފެނިފައިވާ ކަމަށާ ނަމަވެސް 20 ފެބްރުއަރީގެ ފަހުން މިކްލަސްޓަރގެ އެއްވެސް ކޭސްއެއް ފެނިފައިނުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ދެވަނަ ކްލަސްޓަރގައި 2 މާރޗްގައި ދެ ކޭސް ފެނިފައިވާއިރު، ޖުމްލަ 19 ކޭސް މިކްލަސްޓަރއާ ގުޅިގެން ފެނިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ތިންވަނަ ކްލަސްޓަރގައި 28 ފެބްރުއަރީގައި އެންމެ ފަހުން ދެ ކޭސް ފެނިފައިވާއިރު، އެ ކްލަސްޓަރ ގައި ޖުމްލަ 17 ކޭސް ފެނިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ފުވައްމުލަކު ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މިހާރުވެސް އަމަލު ކުރަމުންދާނެ ފިޔަވަޅުތަކުގެ ތެރޭގައި ގޭގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން ހިމެނެއެވެ. އަދި އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުންވެސް ހުއްޓާލުމަށް އަންގާފައިވާއިރު، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަންވެސް ބަންދު ކުރުމަށް ވަނީ އަންގާފައެވެ. އަދި ހުރިހާ ކުޅިވަރު ޙަރަކާތްތަކާއި ކަސްރަތުގެ ޙަރަކާތްތައް ހުއްޓާލުމަށް އެންގުމާއި، ފިހާރަތަކާއި ޓެކްސީތަކުން ޚިދުމަތްދޭއިރު، އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުން ހިމެނެއެވެ.

ކޮވިޑާ ގުޅިގެން ފުވައްމުލަކު ސިޓީގެ ޔުނިވަރސިޓީތަކާއި، ކޮލެޖުތަކާއި، ސުކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުންވެސް ވަނީ ހުއްޓާލުމަށް އަންގާފައެވެ. ހަމައެއާއެކު، ހޮޓާ ކެފޭ ރެސްޓޯރަންޓުތަކުންވެސް ޚިދުމަތް ދިނުން ހުއްޓާލުމަށް އަންގާފައިވާއިރު، އޭގެ ތެރެއިން ޑެލިވަރީގެ ޚިދުމަތްތައް އިސްތިސްނާވާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޮވިޑް-19 އިން ދިފާޢުވުމަށް ހިންގާ ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން އެސިޓީން މިހާތަނަށް 4337 މީހުންނަށް ވަނީ ވެކްސިންދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން