އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   7 މާރިޗު 2021 - 14:9
އަބްދުއްރަހީމް އިދިކޮޅުގެ ހަރަކާތެއްގައި ވާހަކަ ދައްކަވަނީ
އަބްދުއްރަހީމް އިދިކޮޅުގެ ހަރަކާތެއްގައި ވާހަކަ ދައްކަވަނީ
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރު ނުވެއްޓި އޮތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ސަބަބުން ކަމަށާ ސަރުކާރު ދަމަހައްޓަން ބޭނުންކުރާ ތަނބަކީ ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި އޭނާ ވިދާޅުވީ، އެ ކޯލިޝަނުން އެންމެ ފުރަތަމަ ބޭއްވި ޖަލްސާގެ ސަބަބުން ސަރުކާރު ބިރުގެންފައިވާ ކަމަށެވެ. ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި އަނެއްކާ ގޯސްވެއްޖެ ކަމަށް ބުނެ ދައްކަމުންދަނީ ދެކޮޅުނުޖެހޭ ވާހަކަތަކެއް ކަމަށާއި، އެއީ ޖަލްސާގެ ފަހުން ކުރިމަތިކުރުވައިގެން އުޅޭ ހުރަހެއް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ކޮވިޑް-19އާ މަތިކޮށް ދަތުރުކުރުން މަނާކޮށްފައިވީ ނަމަވެސް އިންތިހާބުގެ ކުރިން ރާއްޖޭގެ އެކޮޅުން މިކޮޅަށް ދަތުރުކޮށް ހުރިހާ ރަށެއްގެ ރައްޔިތުންނާ ވެސް ބައްދަލުކޮށް އެ ކޯލިޝަންގެ އަމާޒު ކިޔައިދީ ކެންޕޭން ހަރަކާތްތައް ކުރިއަށްގެންދަން ބޭނުންވާ ކަމަށެވެ. އެކަމަކު މިވަގުތު ރާއްޖޭގައި ހަމަހަމަ ކެންޕޭނެއް ކުރިއަށް ގެންދިއުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އަދި ކޮވިޑް-19އަކީ މި ސަރުކާރުން ވެރިކަން ދަމަހައްޓަން ބޭނުންކުރާ އުކުޅެއް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

އަދި މި ގޮންޖެހުންތަކާ އެކު ވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އިދިކޮޅަށް ކާމިޔާބުކޮށްދޭން ގޮވާލައި ވިދާޅުވީ ރައީސް ޔާމީންގެ ދައުރުގައި އެމަނިކުފާނު ކޮއްދެއްވި ޚިދުމަތުގެ އަގަކީ އެމަނިކުފާނުގެ ލޯގޯ ޖަހައިގެން ނިކުންނަ ކެންޑިޑޭޓުން އިންތިހާބުކުރުން ކަމަށެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވި ނަމަވެސް އެޕާޓީން ދަނީ އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް މުޒާހަރާ ވެސް ކުރަަމުންނެވެ. އެގޮތުން އާންމު ތަންތަނަށް އެއްވުމާ ގުޅޭގޮތުން އެޗްޕީއޭއިން ނެރެފައިވާ އެއްވެސް އުސޫލަކަށް ބެލުމެއް ނެތި އެ ކޯލިޝަނުން ގެންދަނީ ކޮންމެ ހުކުރު ދުވަހަކު މާލެ ސަރަހައްދުގައި މުޒާހަރާކޮށް އެއްވުންތައް ބާއްވަމުންނެވެ. އެޗްޕީއޭއިން އެއްވެ އުޅުމުގެ އުސޫލުތައް ހަރުކަށި ކުރަމުން ގެންދަނީ އެޕާޓީގެ މުޒާހަރާތަކާއި ގުޅުވައިގެން ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފައި ވަނިކޮށް މިދިޔަ ހުކުރު ދުވަހު އިދިކޮޅުން ބޮޑު މުޒާހަރާއެއް ބާއްވާނެ ކަމަށް ބުނެފައި ވަނިކޮށް އެޗްޕީއޭއިން ބުރާސްފަތި ދުވަހު ވަނީ މާލޭގެ މަގުތަކަށް އެއްފަހަރާ އެއްވެ އުޅެވެނީ ފަސް މީހުންނަށް ކަމަށް ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން